ޚަބަރު

އިތުބާރުނެތް މައްސަލާގައި ސުޕްރީމް ކޯޓަށް ދާންޖެހޭ ސަބަބެއް ނެތް: އަސްލަމް


ބަންޑާރަ ނައިބު އިބްރާހީމް ރިފްޢަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވުމަށް އެޖެންޑާކުރައްވައި، ޖަލްސާވެސް ފެށިފަހުން މި މައްސަލާގައި ސުޕްރީމްކޯޓުގެ ލަފައެއް ހޯއްދެވުމަށް މަޖިލިސް ރައީސް ނިންމެވި ނިންމުމަކީ ބަލައިގަނެވޭނެ ނިންމެވުމެއް ނޫންކަމުގައި މަޖިލީހުގެ މެޖޯރިޓީ ލީޑަރު މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިފައިވާ ބަންޑާރަ ނާއިބު އިތުބާރު ނެތްކަމުގެ މައްސަލާގައި ލިޔުމުން ޖަވާބުދާރީ ވެވަޑައިގެންފައިވާތީ އުފެދުނު ޚިޔާލުތަފާތުވުންތަކާ ގުޅިގެން، ސުޕްރީމް ކޯޓުގެ އިސްތިޝާރީ ލަފައެއް ހޯއްދެވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވަނީ ނިންމަވައިފައެވެ.

މަޖިލީހުގެ އެމްޑީޕީ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު މުޙައްމަދު އަސްލަމް ވިދާޅުވީ ބަންޑާރަ ނާއިބްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހުގައި އެޖެންޑާކުރައްވައި، އެ ޖަލްސާގައި ބަންޑާރައިބު ލިޔުމުން ފޮނުވި ޖަވާބު އިއްވެވުމަށް ފުރުޞަތު ދެއްވުމަށްފަހު، މެންބަރަކު ނެންގެވި ނިޒާމީ ނުކުތާއަކަށް ބައްލަވައި، މަޖިލީހުގެ ރައީސް މި މައްސަލަ ކުރިއަށް ނުގެންދެވުމަށް ނިންމެވި ނިންމުމަކީ ބަލައި ގަނެވޭނެ ކަމެއް ނޫންކަމަށެވެ.

މި މައްސަލާގައި ބަންޑާރަ ނާއިބް ޢަމަލު ކުރައްވާފައިވަނީ ޤާނޫނު އަސާސީ އާއި މަޖިލީހުގެ ޤަވާއިދުގެ ތެރެއިން ކަމަށް އަސްލަމް ވިދާޅުވިއެވެ. މި މައްސަލައަކީ މަޖިލީހުގައި ކުރިއަށް ގެންދެވުމުގައި ސުޕްރީމް ކޯޓުގެ ލަފައަކަށް ދާންޖެހޭ ވަރުގެ މައްސަލައެއް ނޫންކަމަށް ވެސް، މަޖިލީހުގެ ރައީސް ސިޔާސީ ޕާޓީތަކާ ކުރެއްވި މަޝްވަރާތަކުގައި ވިދާޅުވެފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެމްޑީޕީގެ ޑެޕިއުޓީ ޕީޖީ ލީޑަރު ޙުސައިން ޝަހީމް ވިދާޅުވީ، މި މައްސަލާގައި އެމްޑީޕީ ޕީޖީ ގްރޫޕުން ވަކި ގޮތަކަށް ނިންމަވައި އެ ލަފާ ދެއްވިނަމަވެސް މަޖިލީހުގެ ރައީސަށް އެކަން ބަލައިނުގަނެވުނު ކަމަށެވެ. އަދި މިކަމަކީ ޤާނޫނީ މައްސަލައެއް އޮތްކަމަށް ނުވާއިރު، ސިޔާސީ މަޤުޞަދެއްގައި މައްސަލަ ދަންމާލެއްވުމަކީ ބަލައި ގަނެވޭނެ ކަމެއް ނޫންކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މި މައްސަލާގައި އުފެދުނު ޚިޔާލު ތަފާތުވުންތަކާއެކު މަޖިލީހުގެ ރައީސް ވަނީ މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ މެމްބަރުންނާ މަޝްވަރާ ކުރައްވައިފައެވެ. މިގޮތުން އެމްޑީޕީ، ޕީޕީއެމް، ޕީއެންސީ، އެމްއެންޕީގެ ލީޑަރުންނާ އެކުގައި ކުރެވުނު މަޝްވަރާތަކުން ނަތީޖާއެއް ލިބިފައި ނުވާކަމަށް މަޖިލީހުގެ ރައީސް ވަނީ ވިދާޅުވެފައެވެ.

މަޖިލިސް ރައީސް ވިދާޅުވީ މިފަދަ މައްސަލައެއްގައި ޢަމަލު ކުރައްވާނީ ސުޕްރީމްކޯޓުގެ އިސްތިޝާރީ ލަފައެއް ލިބިވަޑައިގެންނެވުމުން ކަމަށެވެ. ޤާނޫނު އަސާސީއާ ޚިލާފަށް މަޖިލީހުގައި ވަޒީރެއްގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދިއުމަކީ ތާއީދުކުރައްވާ ކަމެއް ނޫންކަމަށް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.