އަންކަރާގުޗޫ ބަލިކޮށް ޓާކިޝް ސުޕަ ލީގުގެ ޗެމްޕިއަންކަން ގަލަތަސަރާއި ހޯދައިފިއެވެ.
ލީގު ޗެމްޕިއަންކަން ގަލަތަސަރާއި ހޯދީ އަންކަރާގުޗޫ އާއި ރޭ ބައްދަލުކުރިމެޗް 4-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށްގެންނެވެ.
މިލީގުގައި މިހާރު ކޮންމެ ޓީމަކަށް ބާކީ އެއްމެޗް އޮތްއިރު ގަލަތަސަރާއި އަށްވަނީ 82 ޕޮއިންޓް ލިބިފައެވެ. އަދި އެންމެ ގާތުން ވާދަކުރާ ފެނަބާޗޭއަށް ލިބިފައިވަނީ 77 ޕޮއިންޓެވެ. އެހެން ކަމުން މިހާރު ފެނަބާޗޭައަށް ގަލަތަސަރާއި އަތުނުލެވޭނެކަންވަނީ ޔަގީންވެފައެވެ.
އަންކަރާގުޗޫގެ ދަނޑުގައި ކުޅުނު މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 7 ވަނަ މިނެޓްގައި ޖަހާ ލީޑު ނަގާފައިވަނީ ގަލަތަސަރާއި އިންނެވެ. މިލަނޑު އެޓީމަށް ޖަހާދިނީ މައުރޯ އިކާޑީއެވެ. ނަމަވެސް މިލަނޑު ޖެހިތާ 9 މިނެޓް ފަހުން އަންކަރާގުޗޫގެ މެންޑޭޒް ޖާއޮ މިލްސަން ލަނޑެއް ޖަހާ މެޗްގެ ނަތީޖާ ހަމަހަމަ ކުރިއެވެ. މިމެޗްގައި ގަލަތަސަރާއި އަށް ދެވަނަ ފަހަރަށް މެޗްގެ ލީޑު މެޗްގެ 38 ވަނަ މިނެޓްގައި ނަގާދިނީވެސް އިކާޑީ ޖަހާދިން ލަނޑަކުންނެވެ. މިއީ އޭނާ މިސީޒަންގައި ގަލަތަސަރާއި އަށް ކާމިޔާބުކޮށްދިން 21 ވަނަ ލަނޑެވެ. މިމެޗްގައި އެޓީމްގެ ތިންވަނަ ލަނޑު މެޗްގެ 73 ވަނަ މިނެޓްގައި ޖަހާދިޏި ބަރިސް އަލްޕަރ ޔިލްމާޒްއެވެ. އަދި ފަހު ލަނޑު މެޗްގެ 78 ވަނަ މިނެޓްގައި ޖަހާދިނީ ސަރޖިއޯ އޮލިވޭރާއެވެ.
މިކާމިޔާބީއާއެކު ގަލަތަސަރާއި މިވަނީ 2019 ވަނަ އަހަރަށް ފަހު ފުރަތަމަ ފަހަރަށް ޓަރކިޝް ސުޕަރ ލީގްގެ ތަށި ކާމިޔާބުކޮށްފައެވެ. އަދި މިއާއެކު އެޓީމުންވަނީ 23 ވަނަ ފަހަރަށް ސުޕަރ ލީގް ކާމިޔާބުކޮށްފައެވެ. މިއީ މިދިޔަ ސީޒަންގައި 13 ވަނައިގާ އޮވެގެން ސީޒަން ނިންމާލި ގަލަތަސަރާއި އަށް އެޓީމްގެ ސަޕޯޓަރުންނަށް ދެވުނު ވަރަށް ރަނގަޅު ހަދިޔާއެކެވެ.