ވިޔަފާރި

ހުޅުމާލެ ދެވަނަ ފިޔަވަހީގައި 2 އޭޓީއެމް ބަހައްޓަނީ


ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އޭޓީއެމް ޚިދުމަތް ދިނުމުގެ މަސައްކަތްކުރަމުންދާކަމަށް ބޭންކްް އޮފް މޯލްޑިވްސް، ބީއެމްއެލްއިން ބުނެފިއެވެ.

30000 މީހުންނަށްވުރެ ބޮޑު އާބާދީއެއް ދިރިއުޅޭ ހުޅުމާލެ ދެވަނަ ފިޔަވަހީގައި އޭޓީއެމްއެއް ނެތުމުގެ ސަބަބުން ދިމާވާ އުނދަގޫތައް ގިނަ ބަޔަކު އަންނަނީ ފާހަގަކުރަމުންނެވެ.

ހޯމަދުވަހުގެރޭ ބޭއްވި ބީއެމްއެލްގެ އަހަރީ އާއްމު ޖަލްސާގައި އާއްމު ހިއްސާދާރަކު ކުރި ސުވާލަށް ޖަވާބުދެއްވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓާރ ކާރލް ސްޓުމްކަ ވިދާޅުވީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ދެ އޭޓީއެމް ބެހެއްޓުމަށް ބޯޑުން ނިންމާފައިވާކަމަށެވެ. އަދި އެކަމާއި ގުޅިގޭ އެއްބަސްވުންތަކުގައި ސޮއިކޮށް، އޭޓީއެމް ބެހެއްޓުމަށްކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.

ބީއެމްއެލްގެ ސީއީއޯ ވިދާޅުވީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި އޭޓީއެމް ބެހެއްޓުމުގެ އިތުރުން ބެންކުގެ ބްރާންޗެއް ޤާއިމްކުރުމަށްވެސް މަސައްކަތްކުރަމުންދާކަމަށެވެ.

ބޭންކުގެ ސްޓްރެޓަޖީގައި ހިމެނޭ ދެމެހެއްޓެނިވި މަސައްކަތްތަކަށް އަލިއަޅުވާލަމުން ކާރލް ވަނީ އެންވައިރަމަންޓަލް، ސޯޝަލް އެންޑް ގަވަރނަންސް (އީއެސްޖީ)ގެ މަސައްކަތްތަކުގައި އިސް ސަފުގައި މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަކޮށްފައެވެ. އެގޮތުން ތިމާވެއްޓަށްކުރާ ނޭދެވޭ އަސަރު ކުޑަކުރުމަށް ބީއެމްއެލްއިން ކުރާ މަސައްކަތުގެ ދަށުން މިއަހަރު، އަލަށް ބަހައްޓާ 56 އޭޓީއެމްއަކީވެސް އިރުގެ ހަކަތަ ބޭނުންކޮށްގެން ހިންގޭ އޭޓީއެމްއަށް ހެދުމަށް މަސައްކަތްކުރަމުންދާކަން ބީއެމްއެލްގެ ސީއީއޯ ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެންގެ ބްރާންޗުތަކުގެ އަލަށް ކުރާ މަރާމަތުގެ މަސައްކަތްތަކަކީ ވީހާވެސް ބޮޑަށް ދެމެހެއްޓެނެވި ހަކަތަ ބޭނުންކޮށްގެން ކުރާ މަސައްކަތަށް ހެދުމަކީވެސް އަޅުގަނޑުމެންގެ އަމާޒެއް." ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓާރ ކާރލް ސްޓުމްކަ ވިދާޅުވިއެވެ.

325 ހާސް ކަސްޓަމަރުންނަށް ޚިދުމަތް ފޯރުކޮށްދޭ ބީއެމްއެލްއަކީ ބެންކިންގ ޚިދުމަތް އެންމެ ފުޅާ ދާއިރާއެއްގައި ރާއްޖޭގައި ދެމުންދާ ކުންފުންޏެވެ. ބޭންކުގެ ނެޓްވޯކުގައި 38 ބްރާންޗް، 139 އޭޓީއެމް މެޝިން، 7900 މާޗެންޓުން، 70061 ޕީއޯއެސް މެޝިން އަދި 223 ކޭޝް އޭޖެންޓުން ހިމެނެ އެވެ.