ޚަބަރު

ޒުވާން ޢުމުރުގައި ޞިއްޙީ އެތައް މައްސަލަތަކެއް، ދުންފަތުން ދެނީ މަރުގެ އިންޒާރެއް!


ހިތްހަމަޖައްސަން ކުރާ ކަންކަމުގެ ތެރޭގައި ތިމާގެ ހަށިގަނޑަށް ގަސްތުގައި ގެއްލުން ދިނުމަކީ އެކަކުވެސް ކުރަން ބޭނުންވާނެކަމެއް ނޫނެވެ. ހަށިގަނޑަށް ލިބޭ ގެއްލުން ފެންނަނީ ހަމައެކަނި ޖިސްމާނީ ގޮތުން ހަށިގަނޑުގެ ބޭރުން އެކަންޏެއް ނޫނެވެ.

އެތެރެހައްޓަށް ލިބޭ ގެއްލުމުގެ ސަބަބުންޖެހޭ ބައްޔާއި، ހަށިގަނޑު އެތެރެ ފާރުވެ، ފަސޭހަނުވެ މުޅި ޢުމުރު އެ ބަލީގައި ނިންމާލަން ޖެހުމަކީ ތިމާއަށާއި، ތިމާގެ ޢާއިލާއަށް ލިބޭ ބޮޑު ހިތާމައެކެވެ. ދުންފަތަކީ މިފަދަ ބާވަތެކެވެ. ދުންފަތުގެ އިސްތިޢުމާލުކުރާ މީހުން އެކަން ކުރަނީ އެއިން ލިބޭ ގެއްލުން އެނގިތިބެއެވެ. ސިނގިރޭޓް ބުއިމާއި، ވޭޕްކުރުމާއި، ޝީޝާ ބުއިމާއި، ދުންފަތް ކެއުމަކީ ދިވެހިންގެ ތެރޭގައިވެސް ޢާންމުވެފައިވާ އާދަތަކެވެ. ނަމަވެސް އެ އާދަތަކުގެ ސަބަބުން ލިބޭ ގެއްލުމާމެދު ވިސްނާލެވެނީ ކިތައް މީހުންނަށްބާއެވެ.

ބައިނަލްއަޤްވާމީގޮތުން ފާހަގަކުރާ ދުންފަތުގެ އިސްތިޢުމާލުނުކުރާ ދުވަހެވެ. މިފަދަ ދުވަހެއް ފާހަގަކުރަނީ އެކަމުން މީހުން ދުރުކުރުކޮށް އެއިން ލިބޭ ގެއްލުން ހާމަކަން ބޮޑުގޮތެއްގައި ގިނަ މީހުންނަށް އަންގައިދީ އެކަންކަން މީހުން ހޭލުންތެރި ކުރުވުމަށެވެ.

ސިނގިރޭޓް

ސިނގިރޭޓަކީ ހަތްހާހަށްވުރެ ގިނަ ވިހަކެމިކަލް އަޅާފައި ހުންނަ އެއިން ހަށިގަނޑަށް ގެއްލުން ދޭ ބާވަތެކެވެ. ދުންފަތުގައި ހުންނަ ނިކޮޓިންގެ ބާވަތަކީ އިންސާނާ އެއަށް ދެވިހިފުވުމަށް ބާރުއަޅާ މާއްދާއެކެވެ.

ސިނގިރޭޓްބޯ މީހުންގެ ފުއްޕާމޭ ހަލާކުވެ، ނޭވާލުމުގެ ނިޒާމަށް ތަފާތު ބަލިތައް ޖެހެއެވެ. އަދި ކެންސަރަށް މަގުފަހި ކުރުވާ އެތައް ބައްޔެއް ޖެހުމުގެ ފުރުޞަތު ވެސް ބޮޑެވެ. ސިނގިރޭޓުގެ ސަބަބުން ގެއްލުން ވަނީ ހަމައެކަނި އެ ބޯ މީހާއަށް އެކަންޏެއް ނޫނެވެ. ސިމގިރޭޓު ނުބުއިނަމަވެސް ދުމުގެ އަސަރުކުރާ މީހުންނަށް ވެސް އޭގެ ނޭދެވޭ އަސަރުކުރެއެވެ.

އީ ސިނގިރޭޓާއި ވޭޕް

ވޭޕަކީ އެކަމަށް ޚާއްޞަކޮށް ހަދާފައި ހުންނަ ފްލޭވަރއެއް ނުވަތަ ދިޔާކެމިކަލެއް އާތްވަށް ބަދަލުކޮށްލާފައި ހަށިގަނޑުގެ ތެރެއަށް ފޮނުވާލަން ބޭނުންކުރާ ވަޞީލަތެކެވެ. މި ފްލޭވަރތަކުގައި ނިކޮޓިންއާއެކު ހަށިގަނޑަށް ނުރައްކާވާ އެތައް ކެމިކަލްއެއް ހިމެނެއެވެ.

މި ވަޞީލަތް ބޭނުންކޮށްގެން ހަށިގަނޑު ތެރެއަށް ފޮނުވާލާ ދުމުގެ ސަބަބުން ފުއްޕާމޭ ފަޅައިގެން ގޮސް ފުއްޕާމޭގައި ވައިހެދުމުގެ ފުރުޞަތު ބޮޑެވެ. ސިނގިރޭޓާ ދުރުވެ ވޭޕް ބޭނުންކުރާ މައިގަނޑު އެއް ސަބަބަކީ ސިނގިރޭޓުން ދުވާ ނުބައި ވަހުން ދުރުވުން ކަމަށްވެސް ވިޔަސް ވޭޕުން ލިބޭ ގެއްލުން ސިނގިރޭޓަށްވުރެ މާ ބޮޑުކަމަށް ޞިއްޙީ މާރިހުން ވިދާޅުވެއެވެ.

ދުންފަތުގެ އިސްތިޢުމާލުކުރުމާ ގުޅޭގޮތުން އެތެރެހަށީގެ ބަލިތަކުގެ ޚާއްޞަ ޑޮކްޓަރު، ޑރ. މުޙައްމަދު ޢަލީ ވިދާޅުވީ ވޭޕް ބޭނުންކޮށްގެން ފުއްޕާމެއަށް ގެއްލުންވެގެން މިހާތަނަށް ރާއްޖޭގައި ތިންމީހަކު ރެކޯޑް ކުރެވިފައިވާ ކަމަށެވެ. ވޭޕް ބޭނުންކޮށްގެން ރާއްޖޭގެ މީހެއްގެ ފުއްޕާމޭ ބަދަލުކުރާ ޙާލަތައް ނުދިޔަކަމަށްވިޔަސް ވޭޕް ބޭނުންކުރާނަމަ އެފަދަ ކަމެއް ދިމާވުން ކައިރިކަމަށް ޑޮކްޓަރ ވިދާޅުވިއެވެ.

މާލީ ބޮޑު އިސްރާފެއް

ބާޒާރުގެ މިހާރުގެ އަގަށް ބަލާނަމަ ޢާންމުކޮށް ބޭނުންކުރާ ސިގިރޭޓް ފޮށްޓެއްގެ އަގު ހުރީ 100 ރުފިޔާއާއި 110 ރުފިޔާގެ ދޭތެރޭގެ އަގެއްގައެވެ. ދުވާލެއްގެ މައްޗަށް ދެފޮށި ސިނގިރޭޓް ހުސްކުރާ މީހުން ރާއްޖޭގައި ވެސް ގިނައެވެ. މަހެއްގެ މައްޗައް ބަލާނަމަ ފޮށްޓެއް ހުސްކުރާ މީހެއްގެ އަތުން 3150 ރުފިޔާ ޚަރަދުވާނެއެވެ. މިއީ ކިހާބޮޑު އިސްރާފެއް ހެއްޔެވެ. ދުޅަހެޔޮ ހަށިގަނޑެއް ބޭނުންވާނަމަ މިކަމުން ދުރުވެ މި ފައިސާ ތިމާގެ ހަށްޓަށް ފައިދާ ކުރުވަނިވި ކޮންމެވެސް ކަމަކަށް ހޭދަކުރުން މުހިންމެވެ.

ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓަލުމަށް ކުރެވިދާނެ ގިނަ ކަންކަން އެބަހުއްޓެވެ. ރާއްޖޭގެ ހުރިހާ ސަރަޙައްދެއްގައި ވެސް ޤާއިމްކޮށްފައިވާ ހޮސްޕިޓަލްތަކާއި ޞިއްޙީ މަރުކަޒުތަކުން، ދުންފަތުގެ އިސްތިޢުމާލުކުރުން ހުއްޓައިލުމަށް ބޭނުންވާ ކޮންމެ މީހަކަށް ޑޮކްޓަރުން ލަފާދެއްވައެވެ.

ޑރ. މުޙައްމަދު ޢަލީ ވިދާޅުވީ، ދުންފަތުގެ އިސްތިޢުމާލުކުރުން ހުއްޓާލަން ބޭނުންވާ މީހުން، ސިނގިރޭޓްބޯން ބޭނުންވުމުން ބަދަން ނުވަތަ އަލްމަންޑް ފަދަ ތަކެތި ބޭނުން ކުރެވިދާނެ ކަމަށެއެވެ. އަދި އޭގެ ސަބަބުން ސިނގިރޭޓަށް ބޭނުންވުން މަދުވާނެ ކަމަށެއެވެ. ސިނގިރޭޓް ބުއިން ހުއްޓާލާ ދުވަސްކޮޅު މީހާ ރުޅި ގަދަވުމާއި މޫޑު ބަދަލުވުންފަދަ ކަންކަން ކުރިމަތިވާނެކަން ޑރ. މުޙައްމަދު ޢަލީ ފާހަގަކުރެއްވިއެވެ.

މިކަމުން ދުރުހެލިވާން ބޭނުންވާ މީހުން، ސިނގިރޭޓުގެ ވަސްޖެހޭނެ ކަހަލަ ތަންތަނާއި ދުރުވެލުމަކީ ވެސް މި އާދައިން ސަލާމަތްވާން އެޅިދާނެ މުހިއްމު ކަމެކެވެ. ހަމައެހެންމެ ގިނައިން ފެންބުއިމާއި ހަށިގަނޑަށް ފައިދާހުރި ކާނާ ކެއުމަށް ސަމާލުވުމާއި، ޤަވާޢުދުން ކަސްރަތުކުރުމަކީ ވެސް ކުރެވިދާނެ މުހިއްމު ކަމެކެވެ. ދުންފަތުގެ އިސްތިޢުމާލުކުރުމުން ހަށިގަނޑަށް ހުރި ނުރައްކަލާއި، ތިމާވަށައިގެންވާ މީހުންނަށްވެސް އެކަމުން ކުރިމަތިވާ ގެއްލުމާއި އުނދަގޫތައް ހިތަށް ގެނެސް، މިކަމުގެ ސަބަބުން ތަފާތު މީހުންނަށް ކުރިމަތިވާ ޞިއްޙީ މައްސަލަތަކާމެދު ފުންކޮށް ވިސްނާލުން މުހިއްމެވެ.

ދުންފަތާ ދުންފަތުގެ ދުމުން ދުރުވާން އެންމެ މުހިންމީ ތިމާގެ އަޒުމެވެ. ޢާއިލާގެ ހިތްވަރެވެ. ކަސްރަތާ ބޭސް ބޭނުންކޮށްގެން މިކަންކަމުން ދުރުވާން މަސައްކަތް ކުރިނަމަވެސް ޢަޒުމެއް ނެތިޔާ އެކަން ނުވާނެކަން ގަބޫލު ކުރާށެވެ. އަޒުމް ވަރުގަދަކޮށް ހަށިގަނޑަށް ގަސްތުގައި އެނގިހުރެ ގެއްލުނދިނުން ހުއްޓާލުމަށް މި ވަބާގައި ޖެހިފައިވާ އެންމެ ޢަޒުމް ކަނޑައަޅާށެވެ.