ޚަބަރު

ޔަހޫދީ ސިފައިން ޖިނީނަށް އަރައި 37 އަހަރުގެ މީހަކު ޝަހީދުކޮށްލައިފި


ފަލަސްޠީނުގެ ހުޅަނގު އައްސޭރީގެ ޖިނީނަށް އަރައި ޔަހޫދީ އިސްރާޢީލުގެ ޓެރެރިސްޓު ސިފައިން ހިންގި ލާއިންސާނީ ޖަރީމާތަކެއްގައި ފަލަސްޠީން މީހަކަށް ބަޑިން ޙަމަލާދީ ޝަހީދުކޮށްލައިފިއެވެ. ފަލަސްޠީނުގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ބުނީ، ޔަހޫދީ ސިފައިންގެ ޝިކާރައަކަށްވެ ޝަހީދުވެފައި ވަނީ އުމުރުން 37 އަހަރުގެ އަޝްރަފް މުޙައްމަދު އިބްރާހީމް ކަމުގައެވެ.

ޔަހޫދީ ޖައްބާރު ސިފައިން އަޝްރަފް ޝަހީދުކޮށްލާފައި ވަނީ ފަލަސްޠީނުގެ މުސްލިމުންނާ ދެމެދު ހިނގި ކުރިމަތިލުމެއްގެ ތެރެއިންނެވެ. އޭނާއަކީ ފަލަސްޠީންގެ ސިފައިންގެ ޖާސޫސީ އިދާރާގައި މަސައްކަތް ކުރާ އޮފިސަރެކެވެ. ޔަހޫދީ ސިފައިންނާ ޖިނީންގެ ރައްޔިތުން ކުރިމަތިލާފައި ވަނީ އެ ރަށަށް އަރައި ލާއިންސާނީ އުދުވާނެއް ހިންގަން ފެށުމުންނެވެ.

ޔަހޫދީ އިސްރާޢީލުން ބުނީ އެ މީހުންގެ ސިފައިން ޖިނީނަށް އެރީ ރޭޑެއް ޖެހުމަށް ކަމުގައެވެ. އަދި، ފަލަސްޠީނުގެ މުޖާހިދުން ޔަހޫދީ ސިފައިންނާ ކުރިމަތިލާފައިވާ ކަމަށާއި، ދެ ފަރާތުގެ ދެމެދުގައި ބަޑިން ޙަމަލާ ބަދަލުކޮށްލާފައިވާ ކަމުގައެވެ. އިސްރާޢީލުގެ ސިފައިންނަށް ޙަމަލާދޭން ފަލަސްޠީނުގެ މުޖާހިދުން ގޮވާތަކެތި ބޭނުންކޮށްފައިވާ ކަމުގައި ވެސް އިސްރާޢީލުގެ އަސްކަރިއްޔާއިން ބުނެއެވެ.

ޔަހޫދީ އިސްރާޢީލުން ޖިނީންގައި ހިންގި ލާއިންސާނީ އުދުވާންތަކުގެ ތެރޭގައި ފަލަސްޠީނުގެ މުޖާހިދުންގެ ތެރެއިން ހަ މީހަކު ހައްޔަރުކޮށްފައިވާ ކަމުގައި ފަލަސްޠީނުގެ މަދަނީ ޖަމުޢިއްޔާއަކުން ހާމަކުރިއެވެ. ހުޅަނގު އައްސޭރިއަކީ 1967 ވަނަ އަހަރު ޔަހޫދީ ޖައްބާރު އަސްކަރިއްޔާއިން އަތްގަދަކޮށްފައިވާ ފަލަސްޠީނުގެ ބިމެވެ. ޔަހޫދީ ޓެރެރިސްޓު ސިފައިން ކޮންމެ ދުވަހަކުހެން ހުޅަނގު އައްސޭރިއަށް އަރައި ލާއިންސާނީ ޖަރީމާތަކާއި ހަނގުރާމައިގެ ކުށްތައް ހިންގައެވެ.

މި އަހަރުގެ މިހާތަނަށް ޔަހޫދީ ސިފައިން ހިންގާފައިވާ ލާއިންސާނީ ޖަރީމާތަކުގައި ފަލަސްޠީނުގެ 155 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލާފައެވެ. އޭގެ ތެރޭގައި 26 ކުޑަކުދިން ވެސް ހިމެނެއެވެ. އަދި، ގިނަ ޢަދަދެއްގެ ޢާންމުންނާއި އަންހެނުން ވެސް ހިމެނެއެވެ. މުސްކުޅިންގެ ފުރާނައަށް ވެސް ފަރުވާލެއް ނުބަހައްޓައެވެ. ހުސްވި މޭ މަހުގެ 9 އިން 13 އަށް ޔަހޫދީ އަސްކަރިއްޔާއިން ހިންގި އުދުވާންތަކުގައި އެކަނިވެސް ފަލަސްޠީނުގެ 36 މީހުން ވަނީ ޝަހީދުކޮށްލާފައެވެ.