ޚަބަރު

އުތުރު ކޮރެޔާއިން ސެޓެލައިޓެއް ލޯންޗުކުރާތީ ޖަޕާނުގެ ދިފާޢީ ނިޒާމު ތައްޔާރީ ހާލަތަކަށް


އުތުރު ކޮރެޔާއިން ޖައްވަށް ސެޓެލައިޓެއް ފޮނުވަން މަސައްކަތް ކުރަމުންދާ ކަން ހާމަކުރުމާ ގުޅިގެން ޖަޕާނުގެ އަސްކަރިއްޔާއާއި ދިފާޢީ ނިޒާމު ތައްޔާރީ ހާތަލަކަށް ގެނެސްފިއެވެ. މޭ 31 އާއި ޖޫން 11 ވަނަ ދުވަހާ ދެމެދު އުތުރު ކޮރެޔާއިން ސެޓެލައިޓެއް ޖައްވަށް އުދުއްސައިލާނެ ކަން އެ ޤައުމުން ވަނީ އިޢުލާނު ކޮށްފައެވެ.

އުތުރު ކޮރެޔާއިން ޖައްވަށް ފޮނުވަން މަސައްކަތް ކުރަމުން ދަނީ ޖާސޫސީ ސެޓެލައިޓެއް ކަމަށާއި، އެ ސެޓެލައިޓްގެ އެންމެހައި މަސައްކަތްތައް ނިމިފައިވާ ކަމުގައި އުތުރު ކޮރެޔާއިން ބުނެއެވެ. އަދި، ސެޓެލައިޓް ޖައްވަށް ފޮނުވުމުގެ މަސައްކަތްތައް ފެށުމަށް އެ ޤައުމުގެ ޒައީމު ކިމް ޖޮންގް އުން ހުއްދަ ދީފައިވާ ކަމުގައި ވެސް އެ ޤައުމުން ބުނެއެވެ.

މި ކަމާ ގުޅިގެން ޖަޕާނުން މި ވަނީ އެ ޤައުމުގެ އަސްކަރިއްޔާގެ އިތުރުން މިސައިލް ޙަމަލާތަކުން ދިފާޢުވާން ބޭނުންކުރާ ނިޒާމު ތައްޔާރީ ހާލަތަކަށް ގެނެސްފައެވެ. ޖަޕާނުން ބުނީ، އުތުރު ކޮރެޔާއިން އުދުއްސައިލާ އެއްވެސް އެއްޗެއްގެ ފުށުން އެ ޤައުމަށް ނުރައްކާވެއްޖެ ނަމަ، އެ އެއްޗެއް ނައްތައިލާނެ ކަމުގައެވެ.

އުތުރު ކޮރެޔާގެ މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ވެސް ވަނީ، އެ ޤައުމުގެ ޖާސޫސީ ޕުރޮގުރާމުގެ ދަށުން ސެޓެލައިޓެއް އުފައްދާފައިވާ ކަން ހާމަކޮށްފައެވެ. މީގެ އިތުރުން ޖާސޫސީ ޑްރޯންތަކެއް ވެސް އެ ޤައުމުން އުފައްދާފައިވާ ކަމަށް އެ ފަރާތްތަކުން ބުނެއެވެ. މިއީ، އެ ޤައުމުގެ ނިއުކްލިޔަރ ހަތިޔާރުގެ ޕުރޮގުރާމު އިތުރަށް ހަރުދަނާ ކުރަން ކުރަމުންދާ މަސައްކަތްތަކެއްގެ ގޮތުގައި އެ ފަރާތްތަކުން ދެކެއެވެ.

"އުތުރު ކޮރެޔާއިން އުދުއްސައިލާ އެއްވެސް އެއްޗެއް، މިސައިލެއް ނުވަތަ ރޮކެޓެއް ވެސް، ޖަޕާނުގެ ސަރަޙައްދަށް ވެއްޓުމުގެ ބިރު އުފެދިއްޖެ ނަމަ އެ އެއްޗަކަށް ޙަމަލާދީ ވައްޓައިލާނަން،" ޖަޕާނުގެ ދިފާޢީ ވުޒާރާއިން ބުންޏެވެ. އަދި، އެ ޤައުމުގެ އަސްކަރިއްޔާއިން ބޭނުންކުރާ "ސްޓެންޑަޑް މިސައިލް-3"އާއި "ޕެޓްރިއަޓް މިސައިލް ޕީ.އޭ.ސީ-3"އަކީ އުތުރު ކޮރެޔާގެ ރޮކެޓްތަކާއި މިސައިލްތައް ނައްތައިލުމުގެ ގާބިލުކަން ލިބިފައިވާ ހަތިޔާރުތަކެއް ކަމުގައި ވެސް ޖަޕާނުގެ ދިފާޢީ ވުޒާރާއިން ބުންޏެވެ.

މި ކަމާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ޖަޕާނުގެ ބޮޑުވަޒީރު ފުމިޔޯ ކިޝިޑާ ވިދާޅުވީ އުތުރު ކޮރެޔާއިން ޖައްވަށް ސެޓެލައިޓެއް ފޮނުވުމަކީ އ.ދގެ ސަލާމަތީ މަޖިލީހުގެ ޤަރާރުތަކާ ޚިލާފަށް ހިންގާ އަމަލަކަށް ވާނެ ކަމުގައެވެ. އަދި، އެ ފަދަ އަމަލެއް ނުހިންގުމަށް ގޮވައިލައްވާ އޭނާ ވަނީ އުތުރު ކޮރެޔާގެ ނިއުކްލިޔަރ އަދި މިސައިލް ޕުރޮގުރާމަށް ފާޑުވިދާޅުވެފައެވެ.

ޖަޕާނާގެ ގޮވައިލުން ދެކުނު ކޮރެޔާއިން ވެސް ވަނީ ތަކުރާރުކޮށްފައެވެ. އުތުރު ކޮރެޔާއިން ސެޓެލައިޓެއް އުދުއްސައިލުމަކީ ބައިނަލްއަޤުވާމީ ޤާނޫނު ޚިލާފުވާނެ އަމަލެއްގެ ގޮތުގައި ދެކުނު ކޮރެޔާއިން ވެސް ސިފަ ކުރެއެވެ. އަދި، އެ ފަދަ އަމަލެއް ހިންގައިފި ނަމަ، އެ ކަމަށް ރައްދުދޭނެ ކަމަށް ބުނެ ދެކުނު ކޮރެޔާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ވަނީ އުތުރަށް އިންޒާރު ވެސް ދެއްވާފައެވެ.