ޚަބަރު

ލޯފަން މީހުންނަށް އަމިއްލައަށް ވޯޓުލެވޭގޮތަށް ޤާނޫނަށް ހުށަހެޅި އިޞްލާޙަށް މެމްބަރުންގެ ތާއީދު


އިންތިޚާބުތަކުގައި ވޯޓުލާއިރު ފެނުމުން މަޙްރޫމުވެފައިވާ މީހުންނަށް އެ މީހަކު އަމިއްލައަށް ވޯޓުލާން ބޭނުންވާނަމަ އެކަން މަގުފަހިކުރުމަށް އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނަށް ހުށަހެޅުއްވި އިޞްލާޙަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ތާއީދު އޮތްކަން ހާމަކުރައްވައިފިއެވެ.

މި އިޞްލާޙު މަޖިލީހަށް ހުށަޙެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަޙްމޫދެވެ. ޖީހާން ވަނީ މި އިޞްލާޙުގެ މުހިންމުކަމާއި، އިޞްލާޙުގައި ހުރި ކަންކަމަށް އަލިއަޅުވާލައްވައި ވާހަކަފުޅުދައްކަވާފައެވެ. ފެނުމުން މަޙްރޫމުވެފައިވާ މީހުންނަށް ވޯޓުލުމަށްޓަކައި ވޯޓު ކަރުދާހާ އެއްވަރު އެތެރެ ފެންނަ ވަސީލަތެއް ބޭނުންކޮށްގެން ވޯޓުލެވޭނެ ފުރުސަތު މި އިޞްލާޙާއެކު ފަހިކުރެވޭނެއެވެ.

މެމްބަރު ޖީހާން ވިދާޅުވީ މުޅި ދިރިއުޅުން ޢާއިލާގެ މީހުންނަށް ބަރޯސާވެފައިވާ މީހުން ވޯޓުގެ ސިއްރު އެމީހުންނަށް ލިބުމުގެ ޙައްޤު ހޯދުމަކީ ކުރަންޖެހޭ ކަމެއްކަމަށެވެ. ވޯޓަކީ ކޮންމެ މީހަކަށް ވެސް ލިބިގެންވާ ޙައްޤަކަށްވާއިރު، އެ ޙައްޤުން އެއްވެސް މީހަކު މަޙުރޫމްވުމަކީ ގެއްލިގެންދާ އަސާސީ ޙައްޤެއް ކަމަށެވެ.

ޖީހާން ވިދާޅުވީ ވޯޓު ކަރުދާހުގައި އަމިއްލައަށް ފާހަގަޖެހުމަށް ޖިސްމާނީގޮތުން ނުކުޅެދޭ މީހުންގެ ތެރެއިން ފެނުމުން މަޙްރޫމުވެފައިވާ މީހުންނަށް، އެހެން މީހެއްގެ އެހީތެރިކަމާއި ނުލައި ވޯޓު ކަރުދާހުގައި އަމިއްލައަށް ފާހަގަޖަހަން އެދޭނަމަ އެފުރުޞަތު ދެވިގެންދާނެ ކަމަށެވެ. އެގޮތުން އެފަދަ މީހުންގެ ވޯޓުގެ ސިއްރުކަން ކަށަވަރު ކުރުމަށްޓަކައި، އެތެރެ ފެންނަ ޕްލާސްޓިކް ކާރޑެއް ބޭނުންކޮށްގެން ވޯޓު ކަރުދާހުގައި ފާހަގަޖެހިދާނެކަމަށް ބިލުގައި ބަޔާންކޮށްފައިވާކަމަށެވެ.

މިބިލަށް މަޖިލީހުގައި ހިމެނޭ އެކި ސިޔާސީ ޕާޓީތަކުގެ މެމްބަރުންނާއި، މިނިވަން މެމްބަރުންގެ ވެސް ފުރިހަމަ ތާއީދު އޮތްކަން ވަނީ ހާމަކުރައްވާފައެވެ. ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވީ ފެނުމުން މަޙްރޫމުވެފައިވާ މީހުންނަށް އަމިއްލައަށް ވޯޓު ލިބުމުގެ ފުރުޞަތު މި އިޞްލާޙުގެ ތެރެއިން ފަހިވެގެން ދިއުމަކީ އެމީހުން ވަރަށް ބޮޑަށް ހިތްހަމަޖެހުމެއް ކަމަށެވެ. މިއާއެކު އެމީހުންގެ ވޯޓުގެ ސިއްރުކަން ކަށަވަރުވެގެންދިއުމުގެ ޖާގަވެސް ބޮޑުވެގެން ދާނެކަމަށެވެ.

"ޓެމްޕްލޭޓުން ވޯޓުލުމުގެ ޙައްގު ކަށަވަރު ކަމަށްވިޔަސް އެފުރުސަތު އެއްވެސް މީހަކަށް މަޖުބޫރު ކޮށްގެން ނުވާނެ. އެކަން ކުރަންވާނީ އެކަމަށް އެދޭ ފަރާތްތަކަށް އެފުރުޞަތު ފަހިވާގޮތަށް." ޝަރީފް ވިދާޅުވިއެވެ.

މިއިސްލާހަށް ތާއީދުކުރައްވައި، ފަރެސްމާތޮޑާ ދާއިރާގެ ޕީޕީއެމް މެމްބަރު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވީ މިއީ ކޮންމެ މީހަކަށްވެސް ލިބެންޖެހޭ އަސާސީ ޙައްޤެއް ކަމަށެވެ. އަދި ވޯޓުގެ ސިއްރުކަން ހިފެއްޓުމަށާއި، ފެނުމުން މަޙުރޫމްވެފައިވާ މީހުންނަށްވެސް އެފުރުޞަތު ފަހިވުމަކީ ތާއީދު ކުރައްވާކަމެއްކަމަށް ޙުސައިން ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ސިޔާސީ ޕާޓީތަކަށް ބާރުއަޅާ އެބަ މިފަދަ ރައްޔިތުންގެ ހައްގުތައް ކަށަވަރު ކުރުމަށްޓަކައި. އެހެންކަމުން މިކަމަށްޓަކައި އަޅުގަނޑުމެން ޕީޕީއެމް، ޕީއެންސީންވެސް ތާއީދުކުރަން." ހުސެއިން މުހައްމަދު ލަތީފް ވިދާޅުވިއެވެ.

ވޯޓު ކަރުދާސް ޓެމްޕްލޭޓް ބޭނުންކޮށްގެން ވޯޓުލާ ފަރާތްތަކަށް އެ ފުރުޞަތު ދިނުމަށްޓަކައި ހަމަޖައްސަންޖެހޭ އިންތިޒާމުތަކާއެކު މިފަރާތްތަކަށް ވޯޓުލެވޭނެ ގަވާއިދެއް އިލެކްޝަން ކޮމިޝަނުން ހަމަޖައްސަވަންޖެހެއެވެ.

ވޯޓު ކަރުދާސް ޓެމްޕްލޭޓް ބޭނުންކޮށްގެން ވޯޓުލާން ބޭނުންވާ ފަރާތްތަކަށް ވޯޓު ކަރުދާސް ޙަވާލުކުރަންވާނީ އެވޯޓު ކަރުދާސް، ވޯޓު ކަރުދާހުގެ ޓެމްޕްލޭޓުގެ ތެރެއަށްލުމަށްފަހުކަމަށް އިސްލާހުގައިވެއެވެ. މިގޮތަށް ވޯޓުލާ ފަރާތްތަކުންވެސް ވޯޓު ކަރުދާސް ފޮށްޓަށް ލާންވާނީ ވޯޓުގެ ސިއްރުކަން ނުގެއްލޭނެ ގޮތަށް ކަރުދާސް ފަތްޖަހައިފައި ކަމަށްވެސް އިޞްލާޙުގައި ބުނެފައިވެއެވެ. ސަރުކާރުގެ ޢަމާޒަކީ ފެނުމުން މަހުރޫމްވެފައިވާ މީހުންނަށް ވޯޓުލެވޭނެ ގޮތް ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ފަހި ފަހިކުރެއްވުމެވެ.