ޚަބަރު

ޕީސީބީއަށް ޢައްޔަންކުރެއްވި އަޒާދަށް ރުހުން ހޯއްދަވަން މަޖިލީހަށް


ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑަށް ޢައްޔަންކުރެއްވި މުޙައްމަދު އާޒާދަށް ރުހުން ހޯއްދެވުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.

އާޒާދަކީ ސީއެފްއޭ ޗާޓަރ ހޯލްޑަރއެއްގެ އިތުރަށް ބިޒްނަސް އެޑްމިނިސްޓްރޭޝަން ދާއިރާއިން ބެޗްލަރސް ޑިގްރީއަކާއި ސައިންސް އިން ފައިނޭންސް ދާއިރާއިން މާސްޓަރސް ޑިގްރީ ޙާޞިލުކުރައްވާފައިވާ ބޭފުޅެކެވެ.

އޭނާ ވަނީ، ފިނޭންސް މިނިސްޓްރީގެ އެސްއޯއީ ރިފޯމް ކޮންސަލްޓަންޓެއްގެ މަޤާމާއި އެސްއޯއީ ފައިނޭންޝިއަލް ކޮންސަލްޓަންޓްގެ މަޤާމު ފުރުއްވާފައެވެ. އަދި ޚަޒާނާ މޯލްޑިވްސްގެ އެކައުންޓް އެންޑް ފައިނޭންސްގެ އިސްވެރިޔާގެ ގޮތުގައިވެސް މަސައްކަތްކުރައްވާފައެވެ. މީގެއިތުރުން އެންޓި ކޮރަޕްޝަން ކޮމިޝަނުގެ އިންޓެލިޖެންސް ޑިޕާޓްމަންޓުގެ އިސްވެރިޔާގެ އިތުރުން މޯލްޑިވްސް އިސްލާމިކް ބޭންކްގެ ބޯޑު މެމްބަރުކަމުގެ މަޤާމު ވެސް އާޒާދު ވަނީ ފުރުއްވާފައެވެ. އާޒާދަކީ އެކައުންޓަންޓް ޖެނެރަލްގެ މަޤާމު ފުރުއްވަމުންދާ ބޭފުޅާވެސް މެއެވެ. އެކައުންޓަންޓް ޖެނެރަލްގެ މަސްއޫލިއްޔަތުގެ ތެރޭގައިި ދައުލަތުގެ ފައިސާ އާއި ހިސާބުތައް އަދި ހިސާބުތަކާގުޅޭ ލިޔެކިޔުންތައް ހިންގައި ބެލެހެއްޓުން ހިމެނެއެވެ.

އާޒާދުގެ ނަންފުޅު ދިރާސާކުރެއްވުމަށް ފޮނުވާފައިވަނީ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓްޕްރައިސް (އެސްއޯއީ) ކޮމިޓީއަށެވެ.