ޚަބަރު

އަބުރު ކަތިލައި ހިތުހުރި އެއްޗެތި ގޮވުމަކީ ޑިމޮކްރަސީ ދަންނަ ކަމެއް ނޫން: އަސްލަމް


މީހުންގެ އަބުރަށް އަރައިގަނެ، ހިތުހުރި އެއްޗެއް ގޮވައި ދޮގު މަޢުލޫމާތު ފެތުރުމަކީ ޑިމޮކްރަސީ ދަންނަ ކަމެއް ނޫންކަމުގައި ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު ހިތަދޫ އުތުރު ދާއިރާގެ މެމްބަރު އަދި އެމްޑީޕީ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ޓީވީ ޗެނަލަކުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ އަބުރުފުޅަށް އަރައިގަތް ކަމަށް ބުނާ މައްސަލާގައި ބްރޯޑްކާސްޓިންގ ކޮމިޝަނުން އެ ޗެނަލާމެދު ފިޔަވަޅުއެޅުއްވުމަށް ނިންމަވާފައިވާތި މިއަދު މަޖިލީހަށް ވަނީ ކުއްލި މައްސަލައެއް ހުށަހަޅުއްވާފައެވެ. މިމައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ނައިފަރު ދާއިރާގެ މެމްބަރު އަޙުމަދު ޝިޔާމެވެ.

މިމައްސަލަ މަޖިލީހުގައި ބަހުސް ކުރުމަށް ފާހެއް ނުވިއެވެ. މަޖިލީހުގެ ޖަލްސާގައި އިދިކޮޅު މެމްބަރުން ދެއްކެވި ވާހަތަކާއި، އަދި މިކަމާ ގުޅޭގޮތުން ދެކެވުނު ވާހަކަތަކަށް ރައްދު ދެއްވައި މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަސްލަމް ވިދާޅުވީ ޑިމޮކްރަސީއަކީ އެއްވެސް ޙާލެއްގައި މީހަކު ހިތުހުރި އެއްޗެއް ކިޔައި، ދޮގު މައުލޫމާތު ފެތުރުން ނޫންކަމަށެވެ. އެމްޑީޕީއަކީ ޑިމޮކްރަސީއަށް ތަބާވާ، ޑިމޮކްރަސީގެ ހަމަތަކުން މަސައްކަތްކުރާ ޕާޓީއެއް ކަމަށާއި، މީހުންގެ އަބުރު ނަގާލައި ދޮގު މައުލޫމާތު ފެތުރުމަކީ ޑިމޮކްރަސީ ދަންނަ އެއްޗެއް ނޫންކަމަށް އަސްލަމް ވިދާޅުވިއެވެ.

"ޑިމޮކްރަސީ ދަންނަ އެއްޗެއްނޫން ދޮގު މައުލޫމާތު ފެތުރުމަކީ، ޑިމޮކްރަސީ ދަންނަ އެއްޗެއް ނޫން، މިސް އިންފޮމޭޝަނާއި، ޑިސް އިންފޮމޭޝަން ފިތުނަ ފަސާދަ އުފެއްދުމަކީ. ޑިމޮކްރަސީ ދަންނަ އެއްޗެއްނޫން މީހުންގެ އަބުރު ކަތިލުމަކީ. އެހެންކަމުން ޑިމޮކްރަޓިކް ވެއްޓެއްގައި އެމްޑީޕީ އަބަދުވެސް މަސައްކަތް ކުރާނީ ޑިމޮކްރަސީގެ ހަމަތަކުގައި." އަސްލަމް ވިދާޅުވިއެވެ.

މަޖިލީހުގެ ތަޅުމުން ކުއްލި މައްސަލަ ބަލައިނުގަތުމަށް ނިންމެވި ނިންމުމާ ގުޅޭގޮތުން އަސްލަމް ވިދާޅުވީ އެ މައްސަލައަކީ މަޖިލީހަށް އެޖެންޑާ ކުރެވެންޖެހޭ މައްސަލައެއް ކަމަށްވެސް ދެކެވަޑައިނުގަންނަވާ ކަމަށެވެ. އޭނާ ވިދާޅުވީ މި ސަރުކާރަކީ ނޫސްވެރިކަމުގެ މިިނިވަންކަމަށް ހުރަސްއަޅައި، ނޫސްވެރިންނަށް ދެރަ ގޮތެއް ހަދާނެ ސަރުކާރެއް ނޫންކަން މިހާރު ވެސް ހާމަވާނެކަމަށެވެ.

"ނޫސްވެރިކަމުގެ މިނިވަންކަން ގެއްލިދާފަދަ އެއްވެސް ކަމަކީ އަޅުގަނޑުމެން ތަރުހީބު ދޭނެ ކަމެއްނޫން. ހިތުހުރިހާ އެއްޗެއް ގޮވަންވީއެއްނޫން. ކޮންމެ މީހެއްގެވެސް އަބުރަކާއި އިއްޒަތެއް އޮންނާނެ. އަދި އެއީ ސިޔާސީ އުކުޅެއްކަމުގައި އަޅުގަނޑު ނުދެކެން." އަސްލަމް ވިދާޅުވިއެވެ.

މިޖަލްސާގައި ވާހަކަ ދެއްކެވި މެމްބަރުންގެ ތެރެއިން އިދިކޮޅު މެމްބަރުން ވަނީ ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުވިދާޅުވެފައެވެ. އަދި ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ލިބެންޖެހޭކަމަށާއި އެކަމަށް ހުރަސްއެޅުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް މެމްބަރުން ވަނީ ވިދާޅުވެފައެވެ.