ޚަބަރު

ނައީމާގެ މަރުގެ މައްސަލާގައި އިތުރު ޒުވާނަކު ހައްޔަރުކޮށްފި


ނ. މަނަދޫގައި ރަޙުމްކުޑަގޮތަކަށް މަރާލާފައި އޮއްވައި ފެނުނު ނަޢީމާ މޫސާ މަރާލިކަމުގެ ތުހުމަތުގައި އިތުރު މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މި މައްސަލާގައި މާލެއިން މިރޭ 21 އަހަރުގެ ޒުވާނަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. ފުލުހުން ވިދާޅުވީ އޭނާ ހައްޔަރުކޮށް ބައްލަވަންޖެހޭ ކަންކަން ބައްލަވަމުން ގެންދަވާކަމަށެވެ.

ނައީމާ މޫސާ މަރާލި ކަމުގެ ތުހުމަތުގައި އިތުރު މީހަކު ހައްޔަރުކޮށްފައިވާއިރު، މިދިޔަ ހުކުރު ދުވަހު ވަނީ މި މައްސަލާގައި މަނަދޫން 2 މީހަކު ހައްޔަރުކޮށްފައެވެ.

ނައީމާ މޫސާ މަރުވެފައި އޮއްވައި ފެނުނީ އޭނާ ދިރިއުޅެމުންދިޔަ ގެއިންނެވެ. އެއީ މިދިޔަ އޭޕްރީލް މަހުގެ 7 ވަނަ ދުވަހުއެވެ. މިއާއެކު ފުލުހުންގެ ޚާއްޞަ ތަޙްޤީޤު ޓީމެއް ދަނީ މަނަދޫގައި ޙަރަކާތްތެރިވަމުންނެވެ.

މިމައްސަލައިގެ ތަޙްޤީޤާގުޅޭ އެންމެފަހުގެ މަޢުލޫމާތުތައް ޙީއްޞާކުރައްވަމުން ކޮމިޝަނަރ އޮފް ޕޮލިސް ހުކުރު ދުވަހުގެ ރޭ ވިދާޅުވީ، ނައީމާ މޫސާ މަރާލި މައްސަލައިގެ ތަޙްޤީޤަށް ބޮޑެތި ކުރިއެރުންތަކެއް ލިބެމުން އަންނަ ކަމަށެވެ. އަދި މި މައްސަލާގައި ތުހުމަތުކުރެވޭ ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި، މައްސަލައިގެ ތަޙްޤީޤަށް މުހިންމު ހެކިތަކެއް ހުރިކަމަށް ބެލެވޭ ތަނެއް ފުލުހުން ބަލައި ފާސްކުރައްވައިފައިވާ ކަމަށެވެ.

އެގޮތުން ނަޢީމާ މޫސާ މަރާލުމަށް ބޭނުންކުރިކަމަށް ބެލެވޭ ތޫނު 2 ހަތިޔާރާއި، ހަމަލާދިން ވަގުތު އެކަމުގައި ބައިވެރިވި މީހުން ލައިގެން ތިބި އަންނައުނު، ވަޅުގަނޑެއް ކޮނެ އަޅާ އަންދާލުމަށްފަހު ފަސްއަޅާ ފޮރުވާފައިވާތަން ކޮނެ އެތަކެތި ނަގާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށް ވެސް ސީޕީ ޙަމީދު ވިދާޅުވިއެވެ.

ސީޕީ ވަނީ މަރުގެ މައްސަލަ ތަޙްޤީޤު ކުރުމުގެ ތަޖުރިބާކާރު، އިންސްޕެކްޓަރ މުޙައްމަދު ސާމިޙު އިސްކޮށް ހުންނަވާ މާލެއިން ދިޔަ ޓީމާއި ނ. އަތޮޅުގެ ފުލުހުން، މި މަރުގެ ޙަޤީޤަތް ހޯދައި އިންސާފު ޤާއިމްކުރުމަށް ކުރަމުންދާ ބުރަ މަސައްކަތް ފާހަގަކުރައްވައިފައެވެ.

ތުހުމަތުކުރެވޭ ކަންތައްތަކެއް ހުރުމުން ނަޢީމާގެ މަރުގެ ތަޙުޤީޤު ފުލުހުން ކުރިއަށް ގެންދަވަނީ ބަޔަކު ނުވަތަ މީހަކު އޭނާ މަރާލާފައިވާކަމަށް ބަލައިގެންނެވެ.