ދުނިޔޭގެ ވިޔަފާރި

ވިއެޓްނާމުން ހަނޑޫ އެކްސްޕޯޓްކުރާ މިންވަރު މަދުކުރަނީ


2030 ވަނަ އަހަރާއި ހަމައަށްދާއިރު ވިއެޓްނާމުން ހަނޑޫ އެކްސްޕޯޓުކުރާ މިންވަރު އަހަރަކު 4 މިލިއަން ޓަނަށް މަދުކުރަން ނިންމައިފިއެވެ.

މިއީ އެތެރޭގެ ބޭނުންތަކަށް ފުދޭވަރަށް ހަނޑޫ ރައްކާކުރުމާއި ފެންވަރު ރަނގަޅު ހަނޑޫ އުފެއްދުމުގެ ބޭނުމުގައި ވިއެޓްނާމްގެ ސަރުކާރުން ނިންމާފައިވާ ނިންމުމެއްކަމަށް އެ ގައުމުގެ ސަރުކާރާއި ހަވާލާދީ ރޮއިޓާސްއިން ރިޕޯޓުކުރެއެވެ.

މިކަމުގެ ސަބަބުން ހަނޑޫ ހައްދާ ފަރާތްތަކަށް ގެއްލުންވާނެކަމަށް ހަނޑޫ ހައްދާ، އޭގެ ވިޔަފާރިކުރާ ފަރާތްތަކުން ބުނެއެވެ. އޭނާ ބުނާ ގޮތުން މޫސުމީ ބަދަލުތަކުގެ ސަބަބުން ހަނޑޫ ދަނޑުތައް ހަލާކުވެ، އެތަންތަނުގައި އެހެން ބާވަތްތަކުގެ ދަނޑުވެރިކަން ކުރަމުން އައި ނަމަވެސް ގިނަ ބަޔަކު އަދިވެސް ބަރޯސާވަނީ ހަނޑު ހައްދާ އެ ވިއްކައިގެން ލިބޭ ނަފާގެ މައްޗަށެވެ.

އަނެއްކޮޅުން ކުރިއަށްއޮތް ދުވަސްތަކުގައި ހަނޑޫ އެކްސްޕޯޓުކުރުން އެއް ގައުމަށް ބަރޯސާވެފައި އޮތުމުގެ ބަދަލުގައި އެކްސްޕޯޓު ފުޅާކުރުމަށް މަސައްކަތްކުރާނެކަމަށްވެސް ވިއެޓްނާމްގެ ސަރުކާރުން ވަނީ ބުނެފައެވެ. އެގޮތުން 2025 ގެ ނިޔަލަށް ވިއެޓްނާމުން އުފައްދާ 60 އިންސައްތަ ހަނޑޫ އޭޝިއާގެ މާކެޓްތަކަށް އެކްސްޕޯޓުކުރަން ނިންމާފައިވާއިރު، 22 އިންސައްތަ އެފްރިކާ އަށް، 7 އިންސައްތަ އެމެރިކާއަށް، 4 އިންސައްތަ މެދުއިރުމައްޗަށް އަދި 3 އިންސައްތަ ޔޫރަޕަށް އެކްސްޕޯޓު ކުރަން ވަނީ ނިންމާފައެވެ.

ވިއެޓްނާމުން އެންމެ ގިނައިން ހަނޑޫ އެކްސްޕޯޓުކުރާ ގައުމަކީ ޕިލިޕީންސްއެވެ. ތައިލޭންޑާއި އިންޑިއާ އަށްފަހު ވިއެޓްނާމަކީ ތިން ވަނައަށް އެންމެ ގިނައިން ހަނޑޫ އެކްސްޕޯޓުކުރާ ގައުމެވެ.

އެކްސްޕޯޓުކުރާ މިންވަރު މަދުކުރުމުން، ހަނޑޫ އެކްސްޕޯޓުކޮށްގެން އެ ގައުމަށް ލިބޭ އާމްދަނީން އަހަރަކު 2.62 މިލިއަން އެމެރިކާ ޑޮލަރު މަދުވާނެއެވެ.