އިނގިރޭސި ޕްރިމިއާ ލީގަށް ލޫޓަން ޓައުން ޕްރޮމޯޓްވެއްޖެއެވެ.
ލޫޓަން ޓައުންއިން ޕްރިމިއަރ ލީގަށް ޕްރޮމޯޓްވީ ރޭ ކުޅުނު ޗެމްޕިއަންޝިޕް ޕްޅޭ އޮފް ފައިނަލް ކާމިޔާބުކޮށްގެންނެވެ. ޕްލޭ އޮފް ފައިނަލް ލޫޓަން ކާމިޔާބުކުރީ ކޮވެންޓްރީ ސިޓީ އާއި ބައްދަލުކޮށް ފުރިހަމަ ވަގުތު ހަމަވިއިރު އެއް ލަނޑު އެއްލަނޑުން ދެޓީމް އެެއްވަރު ވުމުން ޕެނަލްޓީ ޖަހައިގެން ހަލަނޑު ފަސް ލަނޑުންނެވެ.
ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ދެހާފް ވެގެންދިޔައީ ދެޓީމުން ކޮންޓްރޯލް ކުރި ދެހާފަކަށެވެ. މިގޮތުން މިމެޗްގެ ފުރަތަަމަ ހާފްގައި ލޫޓަންއިން މޮޅަށް ކުޅުނު އިރު ދެވަނަ ހާފް ވެގެންދިޔައީ ކޮވެންޓްރީ އިން މޮޅަށް ކުޅުނު ހާފަކަށެވެ. މިމެޗް ފެށިތާ މާގިނަ އިރު ތަކެއް ނުވެ ލޫޓަންގެ ކެޕްޓަން ޓޮމް ލޮކްޔަރ ހޭނެތިގެން ދަނޑުމައްޗަށް ވެއްޓި ހޮސްޕިޓަލަށް ގެންދިޔަތަން ފެނިގެންދިޔައެވެ. މިހާދިސާ އާއެކުވެސް ލޫޓަންގެ ކުޅުންތެރިން ވަނީ މިމެޗްގެ ފުރަތަމަ ހާފްގައި މޮޅަށް ކުޅެފައެވެ. މިގޮތުން މެޗްގެ 23 ވަނަ މިނެޓްގައި އުފެއްދި ހަމަލާއެއްގައި ޖޯޑަން ކްލާކް ވަނީ މެޗްގެ ލީޑު ލޫޓަންއަށް ނަގާދީފައެވެ. މީގެއިތުރުން މިހާފްގައި ލޫޓަންގެ އެލީޖާ އަޑެބަޔޯއަށް އެޓީމްގެ ލީޑު ފުޅާކޮށްދޭނެ ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވެގެންދިޔައެވެ.
މިމެޗްގައި ކޮވެންޓްރީއިން މެޗްގެ ނަތީޖާ ހަމަހަމަ ކުރީ މެޗްގެ 66 ވަނަ މިނެޓްގައި ގުސްޓާވޯ ހެމަރ ޖަހާދިން ލަނޑުންނެވެ. މިމެޗްގެ ފުރިހަމަ ވަގުތު ހަމަވި އިރު ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ކުރެވޭގޮތެއްނުވިއެވެ. އަދި އިތުރު ވަގުތުގެ ދެހާފްގައިވެސް މެޗްގެ ނަތީޖާއަށް ބަދަލެއް ނައުމުން ނަތީޖާ ނެރެން ޖެހުނީ ޕެނަލްޓީ ޖަހައިގެންނެވެ.
މިމެޗްގެ ޕެނަލްޓީ ޝޫޓް އައުޓްގައި ދެޓީމުން ޖެހި ފުރަތަމަ ފަސް ޕެނަލްޓީވެސް ވަނީ ކާމިޔާބުކޮށްފައެވެ. އަދި ސަޑަން ޑެތުގައި ލޫޓަންގެ ޑޭން ޕޮޓްސް އޭނާގެ ޕެނަލްޓީ ކާމިޔާބުކުރިއިރު ކޮވެންޓްރީގެ ފަންކަޓީ ޑާބޯ ޖެހި ޕެނަލްޓީ ދިޔައީ ހުރަސް ދަނޑުމަތިން ބޭރަށެވެ.
މިކާމިޔާބީއާއެކު ލޫޓަން ޓައުން މިވަނީ އިންގްލިޝް ޕްރިމިއަރ ލީގުން ފުރަތަމަ ފަހަރަށް ޖާގަ ހޯދާފައެވެ. ލޫޓަން މީގެ ނުވަ އަހަރު ކުރިން އޮތީ އިނގިރޭސި ފުޓްބޯޅައިގެ ފަސްވަނަ ޑިވިޜަންގައެވެ. ނަމަވެސް މިސީޒަންގައި އެޓީމްގެ ކޯޗް ކަމާއި ރޮބް އެޑްވާރޑް ހަވާލުމަށްފަހު މިވަނީ އެޓީމަށް ބޮޑު ކާމިޔާބީއެއް ހާސިލް ކޮށްދީފައެވެ. އެޑްވާރޑް މިސީޒަން ފެށީ ވާދަވެރި ވޮޓްފަޑްގެ ކޯޗުގެ ގޮތުގައެވެ. ނަމަވެސް މިދިޔަ އަހަރުގެ ސެޕްޓެމްބަރުމަހު އޭނާ މަގާމުން ވަކިކުރުމުން މިދިޔަ އަހަރުގެ ނިވެމްބަރު މަހު އޭނާވަނީ ލޫޓަންގެ ކޯޗް ކަމާއި ހަވާލުވެފައެވެ.