ކުޅިވަރު

ވިދިވިދިގެން 11 ވަނަ ފަހަރަށް ބަޔާނުން ޖަރުމަން ލީގު ކާމިޔާބުކޮށްފި


ޖަރުމަނު ލީގުގެ ތަށި ޖެހިޖެހިގެން 11 ވަނަ ފަހަރަށް ބަޔާން މިޔުނިކް ކާމިޔާބުކޮށްފިއެވެ.

ބަޔާން މިފަހަރުގެ ތަށި ކާމިޔާބުކުރީ ރޭ ކޯންއާއި ބައްދަލުކުރި މެޗް ކާމިޔާބު ކުރުމުގެ އިތުރުން. ތާވަލްގެ އެއްވަނައިގައި އޮތް ބޮރޫޝިއާ ޑޯޓްމުންޑް އެޓީމްގެ މެޗުން އެއްވަރުވުމުންނެވެ.

މިފަހަރުގެ ޖަރުމަނު ލީގު ވެގެންގޮސްފައިވާ ވަނީ ފަހުގެ ތާރީހެއްގައި ފެނިގެންދިޔަ އެންމެ ވާދަވެރި ފަހަރަށެެވެ. އެގޮތުން ރޭގެ މެޗްތަކަށް ޓީމުތަކުން ނިކުންއިރު ތަށި ކާމިޔާބު ކުރުމުގެ ފުރުސަތު އެންމެ ބޮޑަށް އޮތީ ޑޯޓްމުންޑަށެވެ.

ޑޯޓްމުންޑްގެ އަމިއްލަ ދަނޑުގައި ކުޅުނު އެއްވަރުވެ އަދި ބަޔާން ރަށުން ބޭރުގައި ކޯން އާއި ބައްދަލުކުރިމެޗް 2-1 ގެ ނަތީޖާއަކުން ކާމިޔާބު ކުރުމުން، ދެޓީމް ޕޮއިންޓްގެ ގޮތުން އެއްވަރުވެ ފައިދާ ގޯލަށް ބަލާއިރު ބަޔޭންއަށް ލީގު ޗެމްޕިއަންކަން ލިބުނީއެވެ.

ބަޔާންގެ މެޗް އެޓީމުން ވަރަށް ފޯރިއާއެކު ފަށާ މެޗްގެ 8 ވަނަ މިނެޓްގައި ކިންގްލީ ކޯމަން ޖަހާދިން ލަނޑާއެކު މެޗްގެ ލީޑު ނަގާ ތާވަލްގެ އެއްވަނައަށްވެސް އެވަގުތަށް އެރިއެވެ. ބަޔޭންއިން މިމެޗްގެ ލީޑު ނެގިއިރު ޑޯޓްމުންޑާއި މެއިންޒް ބައްދަލުކުރި މެޗްގެ ފުރަތަމަ ހާފްގެ ކުރީކޮޅު މެއިންޒްއިން ވަނީ ވަރަށް ގާތް ގާތުގައި ދެ ލަނޑު ޖަހާ ޑޯޓްމުންޑަށް ސިހުން ގެނުވާފައެވެ.

މިމެޗްގައި މެއިންޒްއިން އެޓީމްގެ ފުރަތަމަ ލަނޑު ޖެހިތާ ކުޑައިރުކޮޅެއްގެ ތެރޭގައި ޕެނަލްޓީއެއް ލިބިގެންދިޔަ ނަމަވެސް ސެބަސްޓިއަން ހާލަރ ޖެހި ޕެނަލްޓީ ކާމިޔާބު ކުރެވޭގޮތެއްނުވިއެވެ. އަދި ތަށީގެ ވާދަވެރިކަން އިތުރަށް ގަދަވެގެން ދިޔައީ މެޗްގެ 81 ވަނަ މިނެޓްގައި ކޯންއަށް ޕެނަލްޓީއެއް ލިބި އެޕެނަލްޓީ އެޓީމުން ކާމިޔާބުކޮށް ބަޔާން އާއި އެއްލަނޑު އެއްލަނޑުން މެޗްގެ ނަތީޖާ ހަމަހަމަ ކުރުމުންނެވެ. މިޕެނަލްޓީ ކޯންއަށް ކާމިޔާބުކޮށްދިނީ ޑެޔާން ލިޔުބިޗިޗްއެވެ. މިމެޗްގެ ނަތީޖާ އެއްވަރުވިއިރު ޑޯޓްމުންޑްއިން ވަނީ ރަފައެލް ގުއަރޭރޯ ޖަހާދިން ލަނޑާއެކު މެޗް ނަތީޖާ އެއްވަރުކޮށްފައެވެ.

އެ ދެ ނަތީޖާ އޮތް ގޮތުން މިދެމެޗް ނިމެން 9 މިނެޓަށް ވީއިރު އަނެއްކާ އޮތީ ޑޯޓްމުންޑް ތާވަލްގެ ކުރިއަށް އަރާ އެޓީމަށް ތަށި ލިބޭ ގޮތަށެވެ. ނަމަވެސް ބަޔާންއިން ހިތްވަރު އެލުވާނުލާ މަސައްކަތް ކުރަމުންދިޔުމުގެ ނަތީޖާއަކަށް ވެގެންދިޔައީ މެޗްގެ 89 ވަނަ މިނެޓްގައި ޖަމާލް މުސިއެލާ ޖަހާދިން ލަނޑުން މެޗްގެ ލީޑު ނަގާ ލީގު ކާމިޔާބު ކުރުމެވެ. ޑޯޓްމުންޑުން އެންމެ ފަހު ވަގުތު މެޗްގެ ނަތީޖާ ހަމަހަމަ ކުރި ނަމަވެސް އެޓީމަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވުމުން ސީޒަން ނިންމާލަން ޖެހުނީ މިހާތަނަށް އެޓީމަށް ސީޒަނެއް ނިންމާލާނެ އެންމެ ހިތްދަތިކޮށެވެ. އެއީ ލީގު ކާމިޔާބު ކުރުން އަމިއްލަ ބާރުގެ ދަށުގައި އޮވެ އެކަންއަތުން ބީވެގެން ދިއުމުންނެވެ.

މިކާމިޔާބީއާއެކު ބަޔާންއިން ޖެހިޖެހިގެން 11 ވަނަ ފަހަރަށް ތަށި އުފުލާލިނަމަވެސް އެޓީމްގެ މެޗް ނިމުނުތާ ކުޑައިރުކޮޅެއްގެ ތެރޭގައި ބަޔާންއިން ވަނީ އެޓީމްގެ ޗީފް އެގްޒެކެޓިވް އޮފިސަރ އޮލިވަރ ކާން އާއި ސްޕޯޓިންގ ޑިރެކްޓަރ ހަސަން ސަލީހަމިޑްޒިޗް މަގާމުން ވަކިކުރިކަން ހާމަކޮށްފައެވެ.