ޚަބަރު

މަގޫދޫ އެއަރޕޯޓް ވެގެންދާނީ ރާއްޖޭގެ އެންމެ ޒަމާނީ އެއަރޕޯޓަށް: ރައީސް


ފ.މަގޫދޫގައި ސަރުކާރުން ތަރައްޤީކުރަމުން އަންނަ އެއަރޕޯޓް ވެގެންދާނީ ސަރަޙައްދީ އެހެން އެއަރޕޯޓްތަކާއ އަޅައިބަލާއިރު މާބޮޑަށްވެސް ކުރިއަރާފައިވާ އެއަރޕޯޓަކަށްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މަގޫދޫގައި ސަރުކާރުން ޤާއިމްކުރެއްވި ފެނާއި ނަރުދަމާގެ ނިޒާމާއި، ފެނަކަ ކޯޕަރޭޝަނުގެ އޮފީސް ޢިމާރާތް ހުޅުއްވުމަށް އެރަށުގައި ބޭއްވެވި ރަސްމިްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ.

މަގޫދޫ ރައްޔިތުންނާ މުޚާޠަބުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ފ.އަތޮޅުގެ އާބާދީ ކުޑަނަމަވެސް އެ އަތޮޅަކީ ތަރައްޤީކުރަންޖެހޭ އަތޮޅެއްކަމަށެވެ. އަދި އަތޮޅުގެ ތަރައްޤީޢަށް އެއަރޕޯޓް މަޝްރޫޢުއަކީ މުހިންމު މަޝްރޫޢެއްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ މިއީ އެ އަތޮޅުގައި ސަރުކާރުން ހިންގަވާ އެންމެ ބިޔަ މަޝްރޫޢުކަމަށެވެ.

ރައީސް ވިދާޅުވީ ސަރުކާރުން 230 މިލިއަން ރުފިޔާ ޚަރަދުކުރައްވައިގެން މަގޫދޫގައި ތަރައްޤީކުރައްވާ އެއަރޕޯޓުގައި 1200 މީޓަރުގެ ރަންވޭއެއް އަޅުއްވަން ނިންމަވާފައިވާ ނިންމެވުން ބަދަލުކުރައްވައި، 1800 މީޓަރުގެ ރަންވޭއެއް އެޅުއްވުމަށް މިހާރު ނިންމަވާފައިވާކަމަށެވެ.

ރާއްޖޭގައި އެއަރޕޯޓެއް ނެތް މަދު އަތޮޅުތަކުގެ ތެރެއިން އެއް އަތޮޅުކަމަށްވާ ފ.އަތޮޅު މަގޫދޫގައި ތަރައްޤީކުރައްވާ މި އެއަރޕޯޓުގައި މަތިންދާ ބޯޓްތަކަށް ތެޔޮ އެޅޭނެގޮތަށް ފިއުލް ފާމެއްވެސް ހުންނާނެކަމަށް ރައީސް ވިދާޅުވިއެވެ.

"އެ އަންނަ ޖެޓްތައް ޕާކްކުރެވޭނެ ޕާކިން ސަރަހައްދަކާ، ވީއައޕީ ޓަރމިނަލެއް މި އެއަރޕޯޓްގައި ޤާއިމްކުރާނަން. އަދި ދެވަނަ ތަނަކަށް ނުގޮސް ތެޔޮ އެޅޭނެ ފިއުލް ފާމެއްވެސް މި އެއަރޕޯޓްގައި ތަރައްޤީކުރާނަން. މި އެއަރޕޯޓް ނިމިގެން ދާއިރު ރާއްޖޭގައި އޮތް އެންމެ ފުރިހަމަ އެއަރޕޯޓަށް ވެގެންދާނެ. އޭގެ އިތުރުން ޖެޓްތަކުގައި އަންނަ ކުރޫން މަޑުކުރެވޭނެ ކުޑަ ހޮޓަލެއް އެއަރޕޯޓާއެކު ޤާއިމްކުރުމަށް އަޅުގަނޑުމެން ވަނީ ނިންމާފައި. މިކަންތައްތައް ވެ ނިމޭއިރު މިރަށާ މި އަތޮޅަށް ބޮޑު ބަދަލެއް އިރާދަކުރެއްވިޔާ އަންނާނެ." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި ވަނީ އެއަރޕޯޓާއި، އެނޫންވެސް މަގޫދޫގައި ސަރުކާރުން ހިންގެވި މަޝްރޫޢުތަކާއެކު އެތައް ވަޒީފާތަކެއް އެރަށުގައި އުފެދިގެންދާނެކަން ފާހަގަކުރައްވާފައެވެ. އެކަމަށްޓަކައި އިންސާނީ ވަސީލަތް ތަރައްޤީކުރެއްވުމުގެ މުހިންމުކަންވެސް ރައީސް ފާހަގަކުރެއްވިއެވެ. އެގޮތުން ސަރުކާރުގެ ހިލޭ ޑިގްރީ ޕްރޮގްރާމާއި، ސްކޮލަރޝިޕްގެ ފުރުޞަތުތަކަށް އިޝާރާތްކުރައްވާ ރައީސް ވިދާޅުވީ ތަޢުލީމީ ޒުވާނުން މަގުދޫގެ ވަޒީފާތަކަށްވެސް ބޭނުންވާކަމަށެވެ. އެއީ ރަށް ތަރައްޤީކުރުމަށްވެސް މުހިންމު ކަމެއްގެ ގޮތުގައި ރައީސް ފާހަގަކުރެއްވިއެވެ.

މަގޫދޫގެ ތަރައްޤީއަށް ސަރުކާރުން ހިންގެވުމަށް ކުރިއަށް ހުރި މަޝްރޫޢުތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، ފެނާއި ނަރުދަމާގެ މަޝްރޫޢު ނިމިފައިވާތީ، ކުރިއަށް އޮތީ އެރަށު މަގުތައް ތާރު އަޅައިގެން ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢުކަމަށެވެ. މީގެ އިތުރުން ކުނި މެނޭޖްކުރުމުގެ މަރުކަޒެއް ތަރައްޤީކުރުމަށްވެސް ނިންމަވާފައިވާކަމަށާއި، އެ މަރުކަޒު ވެގެންދާނީ ފަނާވާ ޒާތުގެ ކުނި ނައްތާލުމަށް ޚާއްޞަ ތަނަކާއެކު ތަރައްޤީކުރެވޭ މަރުކަޒަކަށްކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި މަގޫދޫ ފަޅުގައި ރިސޯޓެއް ތަރައްޤީކުރުމަށް އިންވެސްޓަރުން ޝަޢުޤުވެރިކަން ފާޅުކުރައްވާފައިވާކަަމަށްވެސް ވިދާޅުވިއެވެ. އަދި އެ އިންވެސްޓަރުންގެ ހުށައެޅުން ރަނގަޅުނަމަ އެކަން ކުރައްވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.

މިއާއެކު ރައީސް ވަނީ ރައްޔިތުން ތަރައްޤީ ބޭނުންވާއިރު، ވީ ވަޢުދާ އެއްގޮތަށް އެ ވަޢުދުތައް ފުއްދާ ބަޔަކާއެކު ކުރިއަށްދާން ރައްޔިތުން އަބަދުވެސް ވިސްނުން ގެންގުޅެންޖެހޭކަމަށް ވިދާޅުވެފައެވެ.