އދ. މަހިބަދޫ ޓާފް ދަނޑުގެ ނަން "ޕެލޭ ސްޓޭޑިއަމް" ގެ ނަމަށް ބަދަލުކޮށް، އެ ދަނޑު ހުޅުވުމުގެ ގޮތުން މަހިބަދޫ ފުޓްބޯޅަ ޓީމާ ދެކޮޅަށް ކުޅުނު މެޗުން ފަސޭހަކަމާއެކު ޤައުމީ ފުޓްބޯޅަ ޓީމު މޮޅުވެއްޖެއެވެ.
މަހިބަދޫގައި އެޅި ޓާފް ދަނޑަށް ޕެލޭ ސްޓޭޑިއަމުން ނަން ދޭން ނިންމީ ބްރެޒިލުގެ ފުޓްބޯޅަ ލެޖެންޑް ޕެލޭ މަރުވުމާއި ގުޅިގެން، ފީފާއިން ކޮންމެ ގައުމެއްގެ އެއް ދަނޑަށް ޕެލޭގެ ނަމުން ނަން ދިނުމަށް އެދުމާ ގުޅިގެންނެވެ.
އެއާއެކު މަހިބަދޫގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެގައި ބެލޭ ދަނޑު ހުޅުއްވައިދެއްވީ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް ބައްސާމް އަދީލް ޖަލީލާއި، މަހިބަދޫ ކައުންސިލުގެ ރައީސް ރަޝާދު އަލީގެ އިތުރުން މަހިބަދޫ ދާއިރާގެ މަޖިލިސް މެންބަރު އަދި ކުރީގެ ތަޖުރިބާކާރު ފޯވާޑް އަޙްމަދު ތޯރިގް (ޓޮމް) އެވެ.
މަހިބަދޫ ޕެލޭ ސްޓޭޑިއަމް ހުޅުވުމުގެ ގޮތުން ކުޅުނު މެޗު ޤައުމީ ފުޓްބޯޅަ ޓީމުން ކާމިޔާބުކުރީ 5-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.
މި މެޗު ފަށައިގެން ގައުމީ ފުޓުބޯޅަ ޓީމުން މަހިބަދޫގެ ހާފަށް ބާރުބޮޑުކޮށްފައިވާއިރު މެޗުގެ 28 ވަނަ މިނެޓުގައި ގައުމީ ޓީމުން ވަނީ ލަނޑު ޖަހާ ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ހަމްޒާ މުޙައްމަދު (ހަމްޕު)އެވެ. މިއީ އިބްރާހީމް މަހުދީ (ފޭދޫ އިއްބެ)ގެ އެހީތެރިކަމާއެކު ހަމްޕު ކާމިޔާބުކުރި ލަނޑެކެވެ.
އަދި އޭގެ 10 މިނެޓު ފަހުން ގައުމީ ޓީމުން ވަނީ ދެވަނަ ލަނޑު ޖަހާފައެވެ. މަހިބަދޫގެ ދެ ކުޅުންތެރިން ކައިރިން ނައްޓާލުމަށްފަހު ގޯލުގެ އަރިމަތީ ކަނަށް ފޮނުވާލައިގެން މި ލަނޑު ގައުމީ ޓީމަށް ކާމިޔާބުކޮށްދިނީ އިބްރާހީމް އައިސަމް އެވެ.
ފުރަތަމަ ހާފު ނިމުމުގެ ކުރިން ގައުމީ ޓީމުން ވަނީ އިތުރު ލަނޑެއް ޖަހާފައެވެ. ހައިޝަމް ހަސަން (ބިޑި)ގެ އެހީތެރިކަމާއެކު މި ލަނޑު ކާމިޔާބުކޮށްދިނީ އަލީ ފާސިރު (ސެންޓޭ)އެވެ.
މެޗުގެ ދެވަނަ ހާފު ގައުމީ ޓީމުން ފެށީ ގިނަ ބަދަލުތަކަކާއެކުގައެވެ. ދެވަނަ ހާފު ފަށައިގެން ހަވަނަ މިނެޓުގައި ގައުމީ ޓީމުގެ ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްދިނީ ބިޑިއެވެ. އަދި ގައުމީ ޓީމުން ޖެހި ފަހު ލަނޑު ކާމިޔާބުކޮށްދިނީ މުޙައްމަދު ޝަޚާއު (ބޭލް)އެވެ.
ގައުމީ ޓީމުން އަންނަނީ 30 ކުޅުންތެރިންގެ ސްކޮޑަކާއެކު ސާފް ޗެމްޕިއަންޝިޕަށް ފަރިތަކުރަމުންނެވެ. އަންނަ ޖޫން މަހު އިންޑިއާގެ ބެންގަލޫރުގައި ބާއްވާ ސާފް ޗެމްޕިއަންޝިޕްގެ ކުރިން ގައުމީ ޓީމުން ޖަޕާނުގައި ކޭމްޕް ކުރާނެއެވެ.