ޚަބަރު

ސިޔާސީ ޚިޔާލު ތަފާތުވިޔަސް ބިރެއްނެތި ހަމަޖެހިލައިގެން މިހާރު އުޅެވޭ: ރައީސް


ވެރިކަމައި ހަވާލެވެވަޑައިގެންނެވިއިރު ރާއްޖޭގައި އޮތް ހަމަނުޖެހުމާއި ބިރުވެރިކަން ނައްތާލައްވާ ޤައުމު ސުލްހަކޮށް އެންމެން އެކީގައި އުޅެވޭނެ ގޮތް ހަދައިދެއްވިއްޖެކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލީޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ފ. ނިލަންދޫ ރައްޔިތުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ރާއްޖޭގެ ސިޔާސީ މަސްރަޙަށް އަލިއަޅުއްވާލައްވާ ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ، އެމަނިކުފާނު 2018 ވަނަ އަހަރު ވެރިކަމަށް ވަޑައިގެންނެވިއިރު، ރާއްޖޭގައި ހަމަޖެހުމެއް ނެތްކަމަށާއި، އޮތީ ބިރުވެރިކަންކަމަށެވެ. އެހެންކަމުން އެމަނިކުފާނުގެ ސަރުކާރުގެ އެންމެ ބޮޑު މަސައްކަތަކަށްވީ ޤައުމު ސުލްހަކޮށް އެންމެން އެކީގައި އުޅެވޭނެ ގޮތެއް ހެދުންކަމަށް ރައީސް ވިދާޅުވިއެވެ.

ޚާއްޞަކޮށް މާލޭގެ ހަމަނުޖެހުމާއި ބިރުވެރިކަން ނައްތާލުމަށް ކުރި މަސައްކަތުން 5 އަހަރު ނިމިގެންދާއިރު މުޅި ރާއްޖެއިން އެ ބިރުވެރިކަން ނައްތާލެވި ސުލްހަ ޤާއިމްކޮށްދީފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެންގެ އަމާޒަކީ ޚިޔާލުތަފާތުވުންތަކާއެކު ރައްޔިތުންނަށް ބޭނުންވާ ތަރައްްޤީ ގެނެސްދިނުމުގައި އެންމެން އެކީ މަސައްކަތްކުރުން. އެއަށްފަހު އެކުއެކީ މަސައްކަތްކޮށް ހުރިހާ ރަށަކަށް، އެ ހުރިހާ ރަށެއްގެ ރައްޔިތަކު އުޅޭ ރަށެއް މާލެއާއި ކައިރި ތަނެއް ނުބަލާ ބޭނުންވާ އަސާސީ ޚިދުމަތްތައް ޔަޤީންކޮށްދިނުން" ރައީސް ވިދާޅުވިއެވެ.

މުހިންމު ހުރިހާ ޚިދުމަތެއް މާލޭގައި އޮތުމުން މާލެއަށް ހިޖުރަކުރުން ރައްޔިތުންނަށް މަޖުބޫރުވިކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، އޭގެ ސަބަބުން މާލޭގެ ހާލަތު ހީނުކުރާ އަދި ދިރިއުޅުމަށް އެންމެ ރަނގަޅު ނޫންތަކަށް ބަދަލުވެގެން ދިޔަކަމަށެވެ.

"އަޅުގަނޑުމެންގެ އަމާޒަކީ އެކަން ބަދަލުކުރުން. އެކަމަށް ރަށްރަށުގައި އަދި އަތޮޅުތަކުގައި ކުރަންޖެހޭ އެންމެ ފުރަތަމަ ކަމަކީ އަސާސީ ޚިދުމަތް ޤާއިމްކޮށްދިނުން. ބޯފެނާ ތަޢުލީމާ، ސިއްޙީ ޚިދުމަތް ލިބެންޖެހޭ. ފަސޭހައިން ދަތުރުފަތުރުކުރެވޭ ނިޒާމެއް ބޭނުންވޭ. ރައްޔިތުންނަށް އުއްމީދެއް ހޯދައިދޭންޖެހޭ. ލަފާ ފުރުމުގެ ދަރތިކަން ހައްލްުކޮށް ވަޒީފާ އުފައްދަންޖެހޭ. އެއިރުން ރައްޔިތުން ކުރިއަރާނެ." ރައީސް ވިދާޅުވިއެވެ.

މި ސަރުކާރު އައުމާއި ހަމައަށް ރަށްރަށުގައި އަސާސީ ޚިދުމަތް ޔަޤީން ނުވެ އޮތް އޮތުމަށް އިޝާރާތްކުރައްވާ ރައީސް ވިދާޅުވީ، މީގެ ކުރިން ނުކުރެވި އޮތްކަންކަން ފައިސާ ހޯދައިގެން ކުރައްވަމުން އަންނަކަމަށެވެ. އޭގެ ނަތީޖާ ރަށްރަށުން ފެންނަމުންދާކަމަށާއި، އެކަން ރާއްޖޭގެ ސިޔާސީ ބޭފުޅުންވެސް ޤަބޫލުކުރައްވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި މި ސަރުކާރުން ގެންނަމުން އަންނަ ތަރައްޤީ ފެނި ސިޔާސީ ބޭފުޅުން ވެރިކަމަށް އަމާޒު ހިފާފައިވާ ކަމަށް ވިދާޅުވިއެވެ. އޭގެ ތެރޭގައި އަލަށް ސިޔާސީ ދާއިރާއަށް ވަންނަ ފަރާތްތައްވެސް ހިމެނޭކަމަށް ރައީސް ވިދާޅުވިއެވެ.