ޚަބަރު

ނިލަންދޫ ދާއިރާގެ މެންބަރު އެމްޑީޕީއަށް ސޮއިކުރައްވައިފި


ނިލަންދޫ ދާއިރަގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު ޢަބްދުލްމުޙްސިން ޙަމީދު، ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީއާއި ގުޅިވަޑައިގެންފިއެވެ.

މެންބަރު ޢަބްދުލްމުޙްސިން އެމް.ޑީ.ޕީއާއި ގުޅިވަޑައިގަތީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ފ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

މިގޮތުން ރައީސުލްޖުމްހޫރިއްޔާ ނިލަންދޫ ކައުންސިލާއި ބައްދަލުކުރެއްވުމަށް ބޭއްވެވި ބައްދަލުކުރެއްވުމަށްފަހު މެންބަރު ޢަބްދުލްމުޙްސިން އެމް.ޑީ.ޕީއާއި ގުޅިވަޑައިގެން ސޮއިކުރެއްވި ފޯމް ވަނީ ރައީސުލްޖުމްހޫރިއްޔާ އަދި އެމް.ޑީ.ޕީގެ އިސް ލީޑަރު އިބްރާހީމް މުޙައްމަދު ޞާލިޙާއި ޙަވާލުކުރައްވާފައެވެ.

މި ރަސްމިއްޔާތުގައި އެމް.ޑީ.ޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު މުޙައްމަދު އަސްލަމާއި، އެމް.ޑީ.ޕީގެ ޕީޖީ ގްރޫޕުގެ ގިނަ ޢަދަދެއްގެ މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

މެންބަރު ޢަބްދުލްމްޙްސިން މިހާތަނަށް މަޖިލީހުގައި ހުންނެވީ މިނިވަން މެންބަރެއްގެ ގޮތުގައެވެ. ޢަބްދުލްމުޙްސިން ވެރިކަން ކުރާ މައި ޕާޓީ އެމް.ޑީ.ޕީއާއި ގުޅިވަޑައިގަތުމުން އެޕާޓީގެ ފަރާތުން މަޖިލީހުގައި ތަމްސީލްކުރައްވާ މެންބަރުންގެ ޢަދަދު ވަނީ 56 އަށް އިތުވެފައެވެ.

ނިލަންދޫ ދާއިރާގެ މެންބަރު އެމް.ޑީ.ޕީއަށް ސޮއިކުރައްވާފައިވާއިރު، އެމަނިކުފާނުގެ އާއިލާގެ ގިނަ ބަޔަކުވެސް ވަނީ އެމް.ޑީ.ޕީއާއި ގުޅިފައެވެ.