ޚަބަރު

ޑްނިޕްރޯގެ ކްލިނިކަކަށް ދިން ޙަމަލާއެއްގައި ދެ މީހުން މަރުވެއްޖެ


ޔޫކްރެއިންގެ އިރުމަތީގައި އޮންނަ ޑްނިޕްރޯއަށް ރަޝިޔާއިން ދިން މިސައިލް ޙަމަލާއެއްގައި ޢާންމުންގެ ދެ މީހުން މަރުވެ، އިތުރު 30 މީހުން ޒަޚަމުވެއްޖެއެވެ. މިސައިލް ޙަމަލާ އަރާފައި ވަނީ ޑްނިޕްރޯގައި ހުންނަ ޞިއްޙީ ފަރުވާދޭ ކްލިނިކަކަށެވެ. މި ޙަމަލާގައި ތިން ބުރިއަށް ޢިމާރާތްކޮށްފައިވާ ކްލިނިކްގައި އަލިފާން ރޯވެ ބޮޑެތި ގެއްލުންތަކެއް ލިބުނެވެ.

މި ޙަމަލާއަކީ އިންސާނިއްޔަތާ ދެކޮޅަށް ހިންގާފައިވާ ކުށެއްގެ ގޮތުގައި ސިފަކުރައްވައި ވާހަކަފުޅު ދައްކަވަމުން ޔޫކްރެއިންގެ ރައީސް ވޮލޮޑޮމީރް ޒެލެންސްކީ ވަނީ ޙަމަލާ ކުށްވެރި ކުރައްވާފައެވެ. އަދި ޞިއްޙީ ފަރުވާދޭ މި ފަދަ މަރުކަޒަކަށް ޙަމަލާދޭން ކެރޭނީ ވަރަށް ޖައްބާރު ބަޔަކަށް ކަމަށް ވިދާޅުވެ، އެނާ ވަނީ ރަޝިޔާއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. ޞިއްޙީ ފަރުވާދޭ މަރުކަޒަކަށް ޙަމަލާދިނުމުގެ އަސްކަރީ ބޭނުމާ މެދު ވެސް އޭނާ ސުވާލު އުފެއްދެވިއެވެ.

ޑްނިޕްރޯ ސަރަޙައްދުގެ ގަވަރުނަރު ސެރްހީ ލީސެކް ވިދާޅުވީ މި ޙަމަލާގައި މަރުވި މީހުންގެ ތެރޭގައި އުމުރުން 69 އަހަރުގެ ފިރިހެނެއް ހިމެނޭ ކަމުގައެވެ. ކްލިނިކްގެ ތެރެއިން މަރުވެފައިވާ އިތުރު ފިރިހެނެއްގެ ހަށިގަނޑު ފެނިފައިވާ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.

ކްލިނިކަށް ދިން ޙަމަލާގައި ޒަޚަމުވި މީހުންގެ ތެރޭގައި ދެ ކުޑަކުދިން ވެސް ހިމެނެއެވެ. މިސައިލް ޙަމަލާ ދިން ވަގުތު ކްލިނިކް ތެރޭގައި ތިބި ކަމަށް ބެލެވޭ އިތުރު ތިން މީހެއްގެ ހަށިގަނޑު ހޯދަން މަސައްކަތް ކުރަމުންދާ ކަމުގައި ވެސް ލީސެކް ވިދާޅުވިއެވެ.

ޔޫކްރެއިންގެ ދިފާޢީ ވުޒާރާއިން ވެސް ވަނީ ކްލިނިކަށް ޙަމަލާދީ، ރަޝިޔާއިން ހަނގުރާމައިގެ ކުށްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކޮށްފައެވެ. އަދި، މިއީ ޖެނީވާ ކޮންވެންޝަންގެ ދަށުން މަނާ ކަމެއް ކަމުގައި ވެސް އެ ވުޒާރާއިން ވަނީ ރަޝިޔާއަށް ހަނދާންކޮށްދީފައެވެ. ނަމަވެސް، ރަޝިޔާގެ ދިފާޢީ ވަޒީރު ސަރްގޭ ޝޮއިގޫ ވިދާޅުވީ، މިސައިލް ޙަމަލާތައް އަމާޒުކޮށްފައި ވަނީ ޔޫކްރެއިންގެ އަސްކަރިއްޔާގެ ހަތިޔާރު ގުދަންތަކަކަށް ކަމުގައެވެ.

ޑްނިޕްރޯގެ އިތުރުން ޔޫކްރެއިނުގެ ދެކުނުގައިވާ ދެ ސަރަޙައްދަކަށް ވެސް މިސައިލާއި ޑްރޯން ބޭނުންކޮށްގެން ޙަމަލާތަކެއް ދީފައިވާނެ ކަމުގައި ރަޝިޔާއިން ބުނެއެވެ. ޔޫކްރެއިނަށް ޙަމަލާދޭން ރަޝިޔާއިން ބޭނުންކުރި 10 މިސައިލާއި 20 ޑްރޯން ދިފާޢުކޮށް ވައްޓައިލާފައިވާނެ ކަމުގައި ޔޫކްރެއިނުން ބުނެއެވެ.

ރަޝިޔާގެ ޙަމަލާތަކުގައި ޔޫކްރެއިންގެ އިރުއުތުރުގައިވާ ޚަރްކިވްގައި ހުންނަ ތެޔޮ ރައްކާކުރާ ގުދަނެއްގައި އަލިފާން ރޯވިއެވެ. މި ހާދިސާގައި އެ ތަނުގައި ބޭނުންކުރާ ޕަމްޕުތަކާއި އެހެނިހެން ސާމާނަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމުގައި ޒެލެންސްކީ ވިދާޅުވިއެވެ.

ރަޝިޔާ-ޔޫކްރެއިން ހަނގުރާމައަށް 15 މަސް ފުރިފައިވާއިރު، ޔޫކްރެއިންގެ ސިފައިންނާއި ޢާންމު ރައްޔިތުންނާ ދެކޮޅަށް ރަޝިޔާގެ ފައުޖުތަކުން ލާއިންސާނީ ޖަރީމާތަކާއި ހަނގުރާމައިގެ ކުށްތައް ހިންގަމުންދާ ކަމުގައި ޔޫކްރެއިނުން ދަނީ ތުހުމަތު ކުރަމުންނެވެ. ނަމަވެސް، ރަޝިޔާއިން ވަނީ އެ ތުހުމަތުތައް ދޮގުކޮށްފައެވެ.