ޚަބަރު

އާސަހަރާ މަރާމާތުކުރުމަށް، ކަށުކަމާކެމީގެ ކަންކަން ވަގުތީގޮތުން ހުޅުމާލެއަށް


އާސަހަރާ މަރާމާތުކުރުމުގެ މަސައްކަތް ނިމެންދެން މައްޔިތުންގެ ކަށުކަމާކެމީގެ ކަންކަން ހުޅުމާލެ ސަހަރާގައި ކުރިއަށް ގެންދެވޭނެ އިންތިޒާމް މާލެ ސިޓީ ކައުންސިލުން ހަމަޖައްސައިފިއެވެ.

އާސަހަރާއަކީ މާލޭގައި މަރުވާ މީހުން ވަޅުލަން މާލޭގެ 4 އަވަށުގައި ބޭނުން ކުރި ޤަބުރުސްތާނުތައް ފުރި އެތަން ބޭނުން ނުކުރެވޭ ޙާލަތައް ދިޔުމުން މާލޭގައި މަރުވާ މީހުން ވަޅުލުމަށްޓަކައި ޤާއިމުކުރި ތަނެކެވެ. އާސަހަރާ ތަރައްޤީކުރިއިރު ކަށުކަމާ ކެމީގެ އެންމެހާ ކަންކަން ކުރެވޭނެ އިންތިޒާމު ޤާއިމްކުރިއެވެ. އަދި އެ ތަނުގައި މަސްޖިދުލް ތަޢާވުންގެ ނަމުގައި މިސްކިތެއް ބިނާކުރިއެވެ.

މާލެ ސިޓީ ކައުންސިލުން ވިދާޅުވީ، އާސަހަރާ ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން އިމާރާތަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށްޓަކައި ކުރަންޖޭހޭ މަސައްކަތްތައް ހޮނިހިރު ދުވަހުން ފެށިގެން ސިޓީ ކައުންސިލުން ކުރިއަށް ގެންދަން ނިންމާފައިވާކަމަށެވެ. އަދި މި މަސައްކަތްތަކާއި ގުޅިގެން އާސަހަރާގައި މައްޔިތުންގެ ކަށުކަމާކެމީގެ ކަންކަމަށް ދިމާވެދާނެ ދަތިތަކަށްޓަކައި، ނިޔާވާ މީހުންގެ ކަށުކަމާކެމީގެ ކަންކަން ހުޅުމާލެ ސަހަރާގައި ކުރިއަށްގެންދެވޭނެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށް ސިޓީ ކައުންސިލުން ވިދާޅުވިއެވެ.

ހަމައެހެންމެ ނަމާދު ވަގުތުތައް ނޫން ވަގުތު ތަކުގައި މަރާމާތު ކުރުމުގެ މަސައްކަތް ކުރިއަށްދާއިރު، އާސަހަރާގެ މިސްކިތުގައި ނަމާދުކުރެވޭނެ އިންތިޒާމްތައް ހަމަޖެހިފައިވާނެ ކަމަށްވެސް މާލެ ސިޓީ ކައުންސިިލުން ވިދާޅުވިއެވެ.

މާލެ ސިޓީ ކައުންސިލުން ވިދާޅުވީ، އާސަހަރާ ތަރައްޤީ ކުރުމަށްޓަކައި އިމާރާތަށް ގެންނަންޖެހޭ މުހިންމު ބަދަލުތައް 2 މަސް ދުވަހުގެ ތެރޭގައި ނިންމުމަށް ހަމަޖެހިފައިވާކަމަށެވެ.

މާލެ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައިވާ އާސަހަރާއަށް ޒަމާންތަކަކަށްފަހުބޮޑެތި ބަދަލުތަކެއް ގެންނަން ނިންމީ ކައުންސިލުގެ ހަތަރުވަނަ ދައުރުގެ 99 ވަނަ ރަސްމީ އާންމު ޖަލްސާގައެވެ. ސަހަރާ ތަރައްޤީ ކުރުމަށް ސިޓީ ކައުންސިލުން ނިންމާފައިވަނީ އަންހެންނާއި، ފިރިހެނުން ނަމާދުކުރުމަށް ކަނޑައެޅިފައިވާ ޖާގަ އިތުރުކުރުމާއި، އަންހެންނަށް ޙާއްޞަކޮށް ވުޟޫކުރެވޭނެ އިންތިޒާމް ހަމަޖެއްސުމާއި އަދި ސަހަރާގައި މަޑުކޮށްލައިގެން ތިބެވޭނެ ވެއިޓިން އޭރިއާ އަކާއި އެކުގައެވެ.

އާސަހަރާގެ އިތުރުން މާލެ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައިވާ މިސްކިތްތަކާއި، އެނޫންވެސް ތަންތަނުގެ އާބާތުރަ ފިލުވުމުގެ މަސައްކަތްތައް ސިޓީ ކައުންސިލުން އަންނަނީ ކުރަމުންނެވެ.