ޚަބަރު

ޑިގްރީ ޙާޞިލުކުރެއްވި ޙާފިޒުންގެ ތެރޭގައި ރައީސްގެ އެއްބަނޑު އެއްބަފާ ލޯފަން 3 ޙާފިޒުން


ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ އެއްބަނޑު އެއްބަފާ ލޯފަން ތިން ބެއިން އިމާމުކަމުގެ ޑިގްރީ ފުރިހަމަކޮށް ދަސްވެނިވެއްޖެއެވެ.

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ 2023 ވަނަ އަހަރުގެ ދަސްވެނިވުމުގެ ޙަފްލާ އިއްޔެއް ބާއްވާފައިވާއިރު، މި ޙަފްލާ ކުރިއަށްގެންގޮސްފައިވަނީ 2 ދަންފަޅިއަކަށް ބަހާލައިގެންނެވެ. އެގޮތުން ރޭ ބޭއްވި ދެވަނަ ދަންފަޅި ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހުގެ ދެކަނބަލުންނެވެ.

މިއަހަރުގެ ދަސްވެނިވުމުގެ ޙަފްލާގައި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރިސޓީއިން ހިންގި ސެޓްފިކެޓް ލެވެލްގެ ކޯސްތަކުން ފެށިގެންގޮސް މާސްޓަރސް ލެވެލްގެ ކޯސްތައް ފުރިހަމަކުރި 709 ދަރިވަރަކު ވަނީ ދަސްވެނިވެފައެވެ. އަދި ޑިގްރީ ފެންވަރަށް އިމާމުން ތަމްރީންކުރުމަށް އައި.ޔޫ.އެމްގެ ކުއްލިއްޔާ އޮފް އިސްލާމިކް ރިވީލްޑް ނޮލެޖް އެންޑް ހިއުމަން ސައިންސަސް އިން ބެޗްލަރ އޮފް އިމާމްޝިޕް ޕްރޮގްރާމް ފުރިހަމަކޮށް ދަރަޖަ ޙާޞިލުކުރި 78 އިމާމުންނަށްވެސް ސަނަދު ޙަވާލުކޮށްފައިވެއެވެ.

މި ޙަފްލާގެ ތެރެއިން އެންމެ ފާހަގަކޮށްލެވުނު އެއްކަމަކީ ދަރަޖަ ޙާޞިލުކުރި އިމާމުންގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާގެ އެއްބަނޑު އެއްބަފާ ތިން ބޭފުޅުން ހިމެނިވަޑައިގަތުމެވެ. އެ 3 ބޭފުޅުންނަކީ މޫސާ މުޙައްމަދު ޞާލިޙާއި، ޢަބްދުﷲ ޝާޒްލީއާއި، ޙުސެއިން ޝަޔާޒެވެ.

މި ތިން ބޭފުޅުންނަކީވެސް ލޯފަން ތިން ޙާފިޒުންނެވެ. އަދި އެބޭފުޅުން ކޯސް ފުރިހަމަކުރައްވާފައިވަނީ ބްލޮކް މޯޑުގައި ކިޔަވައިގެންނެވެ. މި ތިން ބޭފުޅުން ހިމެނިވަޑައިގަންނަވާހެން ޑިގްރީ ފުރިހަމަކުރި އިމާމުންނަށް މި ޙަފްލާގައި ދަސްވެނިވިކަމުގެ ސަނަދު ޙަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަތްޕުޅުންނެވެ.

ރާއްޖޭގެ މިސްކިތްތަކުގެ އިމާމުންނަށް ޑިގްރީ ފެންވަރަށް ކިޔަވައިދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުގެ ވަޢުދުފުޅެކެވެ. މި ވަޢުދުފުޅުގެ ދަށުން އިސްލާމިކް މިނިސްޓްރީއާއި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ ގުޅިގެން، އިމާމުން ޑިގްރީ ފެންވަރަށް ތަމްރީންކުރުމުގެ މަސައްކަތް ފެށީ 2020 ވަނަ އަހަރުގެ ތެރޭގައެވެ.

ރޭގެ ޙަފްލާގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި އިމާމުންގެ މަސައްކަތާ ގުޅޭގޮތަށް މުސާރައާއި، ލިބެންވާ ޗުއްޓީއަށް ހެޔޮބަދަލުތަކެއް ލަސްތަކެއްނުވެ ގެންނަވާނެކަމަށް ވިދާޅުވިއެވެ. އަދި ކުރިންވެސް ސަރުކާރުން އިޢުލާނުކުރައްވާފައިވާގޮތަށް ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށް މި ސަރުކާރުން ދޭން ނިންމި އެލަވަންސް އެގޮތަށް އަންނަ މަހުގެ ތެރޭގައި ދޭން ފަށްޓަވާނެކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.