ދުނިޔޭގެ ވިޔަފާރި

އަރުމާނީ ގްރޫޕަށް 18 އިންސައްތައިގެ ކުރިއެރުމެއް


އިޓަލީގެ ލަގްޒަރީ ފެޝަން ބްރޭންޑް، އަރުމާނީ ގްރޫޕްގެ ވިޔަފާރި މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި 18 އިންސައްތަ ކުރިއަރާފައިވާކަމަށް އެ ކުންފުނިން ބުނެފިއެވެ.

އަރުމާނީއާ ހަވާލާދީ މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި އެ ކުންފުނީގެ ވިޔަފާރި ކުރިއަރާފައި ވަނީ އެ ގްރޫޕްގެ އޭޝިއާ ވިޔަފާރި ރަނގަޅުވުމުންނެވެ. އެގޮތުން އޭޝިއާ ވިޔަފާރި ފުރަތަމަ ކުއާޓަރުގައި ވަނީ 14 އިންސައްތައަށް އިތުރުވެފައެވެ. ކޯވިޑުގެ ބަލިމަޑުކަމުގެ ސަބަބުން މީގެކުރިން މިދިޔަ އަހަރު އެކުންފުނީގެ އޭޝިއާ ވިޔަފާރި ވަނީ ދަށްވެފައެވެ.

މިދިޔަ އަހަރު މައިގަނޑު ގޮތެއްގައި ޔޫރަޕާއި އެމެރިކާ ވިޔަފާރި ރަނގަޅުވެފައިވާއިރު، ކުންފުނީގެ އާމްދަނީ ވަނީ 16.5 އިންސައްތައަށް އިތުރުވެ 2.35 ބިލިއަން ޔޫރޯއަށް އަރާފައެވެ. އޮޕަރޭޓިން ފައިދާ 30 އިންސައްތައަށް އިތުރުވެ 202.5 މިލިއަން ޔޫރޯއަށް އަރާފައިވެއެވެ.

މީގެ 48 އަހަރު ކުރިން 1975 ވަނަ އަހަރު ގާއިމްވެގެންދިޔަ އަރުމާނީ ގްރޫޕަކީ ޖޯޖިއޯ އަރުމާނީ ކިޔާ މީހަކު އުފެއްދި ކުންފުންޏެކެވެ. އަރުމާނީގެ މައިގަނޑު ތިން ބްރޭންޑަކީ ޖޯޖިއޯ އަރުމާނީ، އެމްޕޯރިއޯ އަރުމާނީ އަދި އަރުމާނީ އެކްސޭންޖެވެ.