ޚަބަރު

ޖަޕާނުން ރަޝިޔާގެ ޖާސޫސީ ބޯޓުތަކެއް ފައްސައިލައިފި


ޖަޕާންގެ އައްސޭރިފަށުގެ ވައިގެ ސަރަޙައްދަށް ރަޝިޔާގެ ޖާސޫސީ މަތިންދާބޯޓުތަކެއް ވަނުމުން، އަސްކަރީ މަތިންދާބޯޓުތައް ފޮނުވައި ރަޝިޔާގެ ބޯޓުތައް ފައްސައިލާފައިވާ ކަމުގައި އެ ޤައުމުން ހާމަކޮށްފިއެވެ. ރަޝިޔާގެ ޖާސޫސީ އުޅަނދުތައް ދަތުރުކޮށްފައި ވަނީ ޕެސިފިކް ކަނޑާއި ޖަޕާން ކަނޑުގެ އައްސޭރިފަށުގައި އޮންނަ ސަރަޙައްދުތައް ކައިރިންނެވެ.

ރަޝިޔާގެ ޖާސޫސީ އެއް މަތިންދާބޯޓު ޖަޕާނުގެ އުތުރުން ދެކުނަށް އެ ޤައުމުގެ ހުޅަނގު ފަރާތު އައްސޭރިފަށުން ދަތުރުކޮށްފައިވާ ކަމުގައި ޖަޕާނުގެ އަސްކަރިއްޔާގެ ޖޮއިންޓް ސްޓާފް އޮފީހުން ބުނެއެވެ. އަދި، ރަޝިޔާގެ ދެވަނަ އުޅަނދު ޖަޕާނުގެ އިރުމަތީ ފަރާތުން ދަތުރުކޮށްފައިވާ ކަމުގައި ވެސް އެ އޮފީހުން ބުނެއެވެ. ޖަޕާންގެ ވައިގެ ސަރަޙައްދާ ކައިރިއަށް ރަޝިޔާގެ އުޅަނދުތައް ވަނުމުން ޖަޕާނުގެ އަސްކަރިއްޔާގެ އުޅަނދުތައް އެ ބޯޓުތަކާ ކުރިމަތިލައި، ފައްސައިލަން ފޮނުވާފައިވާ ކަމުގައި ވެސް އެ އޮފީހުން ބުނެއެވެ.

މި ހާދިސާއާ ގުޅޭ އިތުރު މަޢުލޫމާތު ޖަޕާނުން ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް، ރަޝިޔާގެ އުޅަނދުތައް ޖަޕާން ކައިރިއަށް ޖާސޫސް ކުރަން ފޮނުވާފައި ވަނީ، ޔޫކްރެއިންގެ ރައީސް ވޮލޮޑޮމީރް ޒެލެންސްކީ ޖަޕާނަށް ދަތުރުފުޅެއް ކުރައްވަމުން ގެންދެވި ދަނޑިވަޅާ ދިމާކޮށެވެ. ޒެލެންސްކީ ޖަޕާނަށް ވަޑައިގަންނަވާފައި ވަނީ ޖަޕާނުން ދިން ދަޢުވަތަކަށް އެ ޤައުމުގެ ހިރޮޝީމާގައި ބޭއްވި އިޤުތިޞާދީ ގޮތުން އެންމެ ކުރިއަރާފައިވާ ގްރޫޕް އޮފް ސެވަން (ޖީ7)ގެ މެންބަރު ޤައުމުތަކުގެ ސަމިޓުގައި ބައިވެރިވެވަޑައިގަންނަވާށެވެ.

ރަޝިޔާ ސިފައިން ޔޫކްރެއިނަށް ފޮނުވައިގެން އެ ޤައުމުގެ ރައީސް ވްލަޑިމިޔަރ ޕުޓިން ފައްޓަވާފައިވާ ހަނގުރާމައާ ގުޅިގެން އެމެރިކާއިން އިސްވެ އޮވެ ރަޝިޔާއާ ދެކޮޅަށް ވަނީ ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތަކެއް އަޅާފައެވެ. މި ފިޔަވަޅުތަކުގައި ޖަޕާނުން ވެސް ވަނީ ބައިވެރިވެފައެވެ.

2022 ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 24 ވަނަ ދުވަހު ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ފެށުމުގެ ކުރިން ވެސް ޖަޕާނާއި ރަޝިޔާއާ ދެމެދު އޮތީ ނުތަނަވަސް ގުޅުމެކެވެ. އަދި، ރަޝިޔާއަކީ ސަރަޙައްދީ ސަލާމަތާއި ރައްކާތެރި ކަމަށް އޮތް ނުރައްކަލެއްގެ ގޮތުގައި ޖަޕާނުން މިހާރު ދެކެއެވެ. ރަޝިޔާއިން ޗައިނާއާ ގާތް ގުޅުމެއް ބާއްވަމުން ދިޔުމަކީ މީގެ އެއް ސަބަބެވެ.

ހުސްވި 2022 ވަނަ އަހަރުގެ މޭ މަހުގެ ތެރޭގައި ރަޝިޔާއާއި ޗައިނާގެ އަސްކަރިއްޔާ ގުޅިގެން ޖަޕާންގެ ސަރަޙައްދު ކައިރީގައި ވަރުގަދަ އަސްކަރީ ތަމްރީނުތަކެއް ބޭއްވިއެވެ. އެ ތަމްރީނުތައް ބާއްވާފައި ވަނީ އެމެރިކާއިން އިސްވެ އެކުލަވައިލާފައިވާ ކޮޑްގެ ބައްދަލުވުމެއް ޖަޕާނުގައި ބޭއްވުމާ ގުޅިގެންނެވެ. އެމެރިކާއާއި ޖަޕާނުގެ އިތުރުން ކޮޑްގައި ދެން ހިމެނޭ ޤައުމުތަކަކީ އިންޑިޔާއާއި އޮސްޓްރޭލިޔާއެވެ. އޭގެ ފަހުން ރަޝިޔާއިން ވަނީ ޖަޕާނުގެ ކަނޑުގެ ސަރަޙައްދުގައި މިސައިލް ޓެސްޓުތަކެއް ވެސް ހަދާފައެވެ.

އެމެރިކާއާއި އިނގިރޭސިވިލާތުގެ އިތުރުން ވިލާތުގެ އިއްތިހާދު (އީ.ޔޫ)އިން ދެކޭ ގޮތުގައި ރަޝިޔާއަކީ މުޅި ދުނިޔޭގެ ސުލްޙައާއި ހަމަޖެހުމަށް އޮތް ނުރައްކަލެކެވެ. ރަޝިޔާއާ މެދު ޖަޕާނުން ވެސް މިހާރު ދެކެމުން ދަނީ މި ފަދަ ނަޒަރަކުންނެވެ. ދެވަނަ ބޮޑު ހަނގުރާމައަށް ފަހު ޖަޕާނާއި ރަޝިޔާއާ ދެމެދު ސުލްޙައިގެ އެއްބަސްވުމެއް އެކުލަވައިލާފައި ނުވާ ކަން ފާހަގަކޮށްލަން ޖެހެއެވެ.