ޚަބަރު

ސުއޭޒް ކެނަލްއަށް ބީހުނު ބޯޓު ފުންކޮށްފި


މިސްރުގެ ސުއޭޒް ކެނަލްއަށް ބީހުނު ބަލްކް ކެރިއަރ އާގު ބޯޓު ފުންކޮށްފިއެވެ.

ހޮންގކޮންގެ ޝިން ހައި ޓޮންގ ނަމަކަށް ކިޔާ މި އާގު ބޯޓު ސުއޭޒް ކެނަލްގެ ދެކުނު ކޮޅުން ބީހުނީ ބުރާސްފަތިދުވަހުގެ ފަތިހުގެ ވަގުތެއްގައެވެ. އަދި ބި ބޯޓު ފުން ކުރުމަށް 2 ގަޑިއިރެއްހާއިރު ހޭދަވިކަމަށްވެސް ހަބަރުތައް ބުނެއެވެ.

މި ބޯޓު ބީހެން މެދުވެރިވީ އިންޖީނަށް ދިމާވި މައްސަލައެއްގެ ސަބަބުންކަމަށް ސުއޭޒް ކެނަލްގެ އިދާރާއާ ހަވާލާދީ ހަބަރުތައް ބުނެއެވެ. ނަމަވެސް މިއީ ކޮންތަނަކުން ފުރައިގެން އައި ބޯޓެއް ކަމެއް ސާފެއް ނުވެއެވެ.

ސުއޭޒް ކެނަލަކީ މެޑިޓެރޭނިއަން ކަނޑާއި ރަތް ކަނޑު ގުޅުވާލަދޭ، ކަނޑުމަގުން މުދާ އުފުލުމުގައި ބޭނުންކުރާ މައި ދޮރާއްޓެވެ. މި ކެނަލަކީ ބައިނަލްއަގުވާމީ ވިޔަފާރީގެ ގާތްގަނޑަކަށް %10 މުދާ ކަނޑުހުރަސްކޮށް އުފުލާ ރާސްތާ ކަމަށްވާތީ، މިއީ މިސްރަށް ބޭރު ފައިސާ ލިބޭ މައިގަނޑު އެއް ވަސީލަތެވެ.

މީގެ ދެ އަހަރު ކުރިން 2021 ވަނަ އަހަރުގެ މާޗްމަހުވެސް މި ކެނަލްއަށް ވަނީ ބޯޓެއް ބީހިފައެވެ. އެއީ "އެވަރގްރީން" ނަމަކަށް ކިޔާ 400 މީޓަރުގެ ދިގު ޓައިވާނުގެ އާގުބޯޓެކެވެ.

މި ބޯޓު ފުންކުރުމުގެ މަސައްކަތަށް 6 ދުވަސް ނެގިއެވެ. އެ މުއްދަތުގެ ތެރޭގައި ސުވޭޒް ކެނަލް އެއްކޮށް ބަންދުވެ، ދެކޮޅަށް ދަތުރުކުރަމުން ދިޔަ ގިނަ އަދަދެއްގެ ބޯޓުފަހަރު އޮތީ ތާށިވެފައެވެ.