ކުޅިވަރު

ހީޓް ބަލިކޮށް ސެލްޓިކްސްއިން ފަރަގު ކުޑަކޮށްފި


އެންބީއޭ ބާސްކެޓްބޯޅަ މުބާރާތުގެ އީސްޓަން ކޮންފަރެންސް ފައިނަލްސްގެ ފަސްވަނަ މެޗް ބޮސްޓަން ސެލްޓިކްސްއިން ކާމިޔާބުކޮށް މައޭމީ ހީޓް އާއި ދެމެދުގައިވާ ފަރަގު އެއް މެޗަށް ކުޑަކޮށްފިއެވެ.

ބޮސްޓަންގައި ކުޅުނު ފަސްވަނަ މެޗް ސެލްޓިކްސް އިން ކާމިިޔާބުކުރީ 110 ޕޮއިންޓް 97 ޕޮއިންޓުންނެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ސެލްޓިކްސްގެ ޑެރިކް ވައިޓް ވަނީ 24 ޕޮއިންޓް ހޯދާދީ 3 ރީބައުންޑް ނަގަދީ އެއް އެސިސްޓް ކޮށްފައެވެ. އަދި ޖޭސަން ޓެޓުމް ވަނީ 21 ޕޮއިންޓް ހޯދާދީ 8 ރީބައުންޑް ނަގާދީ 11 އެސިސްޓް ކޮށްފައެވެ. މިމެޗްގައި ހީޓްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 16 ޕޮއިންޓް ހޯދާދީ 8 ރީބައުންޑް ނަގާދީ 3 އެސިސްޓް ދިން ބޭމް އަޑެބަޔޯއެވެ.

މިކާމިޔާބީއާއެކު މިހާރު އީސްޓަން ކޮންފަރެންސް ފައިނަލްގައި ހީޓްއަށް ކުރި ލިބިފައިވަނީ 3 މެޗް 2 މެޗުންނެވެ. މި ދެޓީމްގެ މެދުގައި ކުޅޭ ހަވަނަ މެޗް ކުޅުމަށް ހަމަޖެހިފައިވަނީ މައޭމީގައި ކަމުން ހީޓްއަށް މިސީރީޒް ކާމިޔާބުކޮށް އެން.ބީ.އޭގެ ފައިނަލުން ޖާގަހޯދުމުގެ ފުރުސަތު ލިބިގެންދާނެއެވެ. ނަމަވެސް ސެލްޓިކްސް މިމެޗް ކާމިޔާބުކޮށްފިނަމަ 7 ވަނަ މެޗަކަށް ގޮސް ސެލްޓިކްސްއަށް މިސީރީޒް ކާމިޔާބު ކުރުމުގެ ފުރުސަތު ބޮޑުވެގެންދާނެއެވެ. އެއީ ހަތްވަނަ މެޗަކަށް ގޮސްފިނަމަ އެމެޗް ކުޅެވޭނީ ބޮސްޓަންގައި ކަމުންނެވެ.