ޚަބަރު

ބަންގްލަދޭޝްގައި ދިރިއުޅޭ ރޮހިންޔާ ރެފިޔުޖީން މިޔަންމާއަށް ގެންދަނީ


ބަންގްލަދޭޝްގައި ދިރިއުޅޭ ރޮހިންޔާ ދަރިކޮޅުގެ މުސްލިމުން އަނބުރާ މިޔަންމާއަށް ގެންދިޔުމުގެ މަސައްކަތް ފެށުމުގެ ތައްޔާރީތައް ވާން ފަށައިފިއެވެ. މިޔަންމާގެ އަސްކަރިއްޔާއާއި ސަރުކާރުން ކުރަމުންދިޔަ ފުރައްސާރައާއި ދުއްތުރާއިން ސަލާމަށްވުމަށް ބަންގްލަދޭޝަށް ހިޖުރަކޮށްފައިވާ ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންގެ ޢަދަދު އެއް މިލިޔަނަށް ވުރެ މައްޗަށް އަރައެވެ. އެ މީހުން މިހާރު ދިރިއުޅެނީ ބަންގްލަދޭޝްގެ އިރުދެކުނު ސަރަޙައްދުތަކުގައިވާ ރެފިއުޖީ ކޭމްޕުތަކުގައެވެ.

އެ މީހުން އަނބުރާ ޤައުމަށް ގެންދިޔުމާ ގުޅޭ ގޮތުން މިޔަންމާގެ އަސްކަރީ ސަރުކާރާއި ބަންގްލަދޭޝާ ދެމެދު ހަދާފައިވާ އެއްބަސްވުމެއްގެ ދަށުން އެ މީހުން އަނބުރާ މިޔަންމާއަށް ގެންދިޔުމުގެ ކަންކަން ވިލަރެސް ކުރުމަށް މިޔަންމާ ސަރުކާރުގެ ވަފުދެއް ވަނީ ބަންގްލަދޭޝަށް ގޮސްފައެވެ. އެންމެ ފުރަތަމަ ބުރުގައި 1,200 އެއްހާ މީހުން އަނބުރާ މިޔަންމާއަށް ގެންދަން ހަމަޖެހިފައިވާ ކަމުގައި ބަންގްލަދޭޝުން ބުނެއެވެ.

މިޔަންމާ ދަރިކޮޅުގެ ރެފިޔުޖީން ބަންގްލަދޭޝަށް ހިޖުރަކޮށްފައި ވަނީ 2017 ވަނަ އަހަރު މިޔަންމާގެ އަސްކަރިއްޔާއިން އެ މީހުންނާ ދެކޮޅަށް ހިންގަމުންދިޔަ ގަތުލުއާންމަށް ކެތް ނުކުރެވިގެންނެވެ. މިޔަންމާގެ އަސްކަރިއްޔާއިން ދިޔައީ ރޮހިންޔާ ދަރިކޮޅުގެ މީހުންނާ ދެކޮޅަށް ލާއިންސާނީ ޖަރީމާތައް ހިންގަމުންނެވެ. އަންހެނުންނާއި ފިރިހެނުން މަރަމުންނެވެ. އަދި، އަންހެނުންނަށް ޖިންސީ އަނިޔާތައް ދެމުންނެވެ. އެއީ، މިޔަންމާގެ ރައްޔިތުން ކަމުގައި ވެސް އެ ޤައުމުގެ ސަރުކާރުން ބަލައިގަނެފައެއް ނުވެއެވެ.

ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންނާ ދެކޮޅަށް މިޔަންމާގެ އަސްކަރިއްޔާއިން ހިންގާފައިވާ ގަތުލުއާންމު ތަހުޤީޤުކުރުމުގެ މަސައްކަތް އ.ދއިން ވަނީ ފަށާފައެވެ. ބަންގްލަދޭޝްގެ ރެފިއުޖީ ކޭމްޕުތަކުގައި ދިރިއުޅޭ ރޮހިންޔާ ދަރިކޮޅުގެ މުސްލިމުން ބަދަލުކުރަން ހަމަޖެހިފައި ވަނީ މިޔަންމާގެ ރާކީން ސްޓޭޓްގައި ތައްޔާރުކޮށްފައިވާ ރެފިއުޖީ ކޭމްޕުތަކަކަށެވެ. މި ކަމަށް މިޔަންމާއާއި ބަންގްލަދޭޝް ސަރުކާރުން އެއްބަސްވި ނަމަވެސް، ރޮހިންޔާ ދަރިކޮޅުގެ މީހުން އެނބުރި މިޔަންމާއަށް ބަދަލުވާން ބޭނުމެއް ނުވެއެވެ. އަދި، އެ މީހުން ދަނީ އެ ކަމަށް ދެކޮޅު ހަދަމުންނެވެ.

މި ކަމާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ބަންގްލަދޭޝްގެ ރެފިއުޖީ ކޮމިޝަނަރުގެ ނައިބު ޝަމްސް އުއް-ދޫޒް ވިދާޅުވީ، ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންނާ ވާހަކަ ދައްކައި، އެ މީހުންގެ ޚިޔާލު ބަދަލުކުރުވަން މަސައްކަތް ކުރައްވާނެ ކަމުގައެވެ. އަދި، މިޔަންމާ ސަރުކާރުގެ ވަފުދެއް ބަންގްލަދޭޝަށް ދަތުރުކޮށްފައި ވަނީ މި ކަމާ ގުޅޭ ގޮތުން ރޮހިންޔާ މުސްލިމުންނާ ވާހަކަދެއްކުމަށް ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.

ރާކީން ސްޓޭޓްގައި ބިނާކޮށްފައިވާ ރެފިއުޖީ ކޭމްޕުގެ ހާލަތު ބެލުމަށް ރޮހިންޔާ މުސްލިމުންގެ ވަފުދެއް މި ހިނގާ މޭ މަހުގެ ކުރީކޮޅު ވަނީ ރާކީން ސްޓޭޓަށް ދަތުރުކޮށްފައެވެ. އަދި، އެ ކޭމްޕުގެ ހާލަތު ވަރަށް ދެރަ ކަމަށް ބުނެ، ރޮހިންޔާ ދަރިކޮޅުގެ މުސްލިމުން ދަނީ އެ ތަނަށް ބަދަލުވާން ދެކޮޅު ހަދަމުންނެވެ. ބަންގްލަދޭޝާއި މިޔަންމާ ސަރުކާރާ ދެމެދު ހަދާފައިވާ އެއްބަސްވުމުގެ ދަށުން ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންނަށް މިޔަންމާގެ ރައްޔިތުކަން ދޭން އެއްބަސްވެފައެއް ނުވެއެވެ. އެއީ، އެނބުރި ދިޔުމަށް ރޮހިންޔާ މުސްލިމުން ދެކޮޅު ހަދަމުންދާ މައިގަނޑު އެއް ސަބަބެވެ.