ކުޅިވަރު

20 އަހަރުން ދަށުގެ ވޯލްޑް ކަޕް: ދެކުނު ކޮރެއާ އާއި ހޮންޑިއުރަސް އެއްވަރު


އާޖެންޓީނާގައި މިހާރު ކުރިއަށްދާ ފީފާ އަންޑަރ ޓުވެންޓީ ވާރލްޑް ކަޕްގެ ގްރޫޕް އެފްގައި ދެކުނު ކޮރެއާ އާއި ހޮންޑިއުރަސް ބައްދަލުކުރި މެޗް އެއްވަރުވެއްޖެެވެ.

މެންޑޯޒާގައި ކުޅުނު މިމެޗް ނިމުނީ 2-2 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ.

ދެޓީމްގެ ފަރާތުން ވަރަށް ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ހޮންޑިއުރަސްއިންނެވެ. އެއީ މެޗްގެ 22 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީ އަކުންނެވެ. މިޕެނަލްޓީ ހޮންޑިއުރަސްއަށް ދީފައިވަނީ ވީއޭއާރުން ބެލުމަށްފަހުއެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޑޭވިޑް އޮޗާއެވެ. އަދި އޭގެ ފަސް މިނެޓްފަހުން އޮޗާއަށް ވަނީ ރަތް ކާޑެއް ދައްކާ ދަނޑުން ފޮނުވާލާފައެވެ. ރެފްރީ އެންމެ ފުރަތަމަ ރީނދޫ ކާޑެއް ދެއްކި މިފައުލް ރަތްކާޑަކަށް ބަދަލުކޮށްފައި ވަނީ ވީއޭއާރުން ބެލުމަށްފަހުއެވެ.

މިއާއެކު މެޗްގެ ބަކީ ބައި ހޮންޑިއުރަސްއިން ކުޅެފައިވަނީ އެއް ކުޅުންތެރިއެއް މަދުކޮށެވެ. މިމެޗްގައި އެއް ކުޅުންތެރިއެއް މަދުން ކުޅެމުންދިޔަ ނަމަވެސް މިމެޗްގައި ދެންވެސް ފެނިގެންދިޔައީ ހޮންޑިއުރާސްގެ ލަނޑެކެވެ. މެޗްގެ 51 ވަނަ މިނެޓްގައި ހޮންޑިއުރާސްގެ ލީޑު އެޓީމަށް ފުޅާކޮށްދިނީ އިސާކް ކަސްޓީޔޯއެވެ. ނަމަވެސް ލަނޑު ޖެހިތާ ހަތް މިނެޓްފަހުން ދެކުނު ކޮރެއާއިން ވަނީ ލަނޑެއް ޖަހާ އަލުން މެޗްގެ ތެރެއަށް ވަދެފައެވެ. މިގޮތުން މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ކިމް ޔޮންގހަކްއެވެ. އަދި އޭގެ ހަތަރު މިނެޓްފަހުން ބަދަލު ކުޅުންތެރިޔާ ޕާކް ސެއުންގހޯ ވަނީ މެޗްގެ ނަތީޖާ ހަމަހަމަ ކޮށްދީފައެވެ. މިމެޗްގެ އިތުރު ވަގުތުގައި ކޮރެއާގެ ޑިފެންޑަރ ޗޮއި ސެއޮހްޔުންއަށް ވަނީ ދެވަނަ ރީނދޫ ކާޑާއެކު ރަތްކާޑު ދައްކާފައެވެ.

މިމެޗް އެއްވަރު ވުމުން ލިބުނު ޕޮއިންޓާއެކު ކޮރެއާ މިހާރު އުޅެނީ ކުޅުނު ދެމެޗުން ލިބިފައިވާ 4 ޕޮއިންޓާއެކު ގްރޫޕްގެ ދެވަނައިގައެވެ. މިގްރޫޕްގެ އެއްވަނައިގާ އުޅެނީ ކުޅުނު ދެމެޗްވެސް ކާމިޔާބުކޮށްފައިވާ ގެމްބިއާއެވެ. އަދި ހޮންޑިއުރަސް އުޅެނީ އެއް ޕޮއިންޓާއެކު ތާވަލްގެ ތިންވައިގައެވެ.