ޚަބަރު

އެމްއޭސީއެލްގެ 5 މުވައްޒަފަކަށް ހައްޖު ދަތުރު ދީފި


މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލް އިން ދޭ ޙައްޖުދަތުރަށް ހޮވުނު ފަސް މުވައްޒަފުންނަށް އެކަމުގެ ލިޔުން ހަވާލުކޮށްފިއެވެ.

ހުޅުލޭ އައިލަންޑް ހޮޓަލުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، ހައްޖު ދަތުރު ލިބުނު މުވައްޒަފުންނަށް ލިޔުން ހަވާލުކޮށްދެއްވީ އެމް.އޭ.ސީ.އެލްގެ ސީ.އީ.އޯ އަދި މެނޭޖިން ޑިރެކްޓަރ މަހްޖޫބު ޝުޖާއުއެވެ. ކޯވިޑާއި ގުޅިގެން، ކުންފުނީގެ ޚަރަދުގައި މުވައްޒަފުން ހައްޖަށް ފޮނުވުން މެދުކަނޑާލާފައި އޮތުމަށްފަހު، މިއީ އަލުން މުވައްޒަފުން ހައްޖަށް ފޮނުވާ ފުރަތަމަ ފަހަރެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ، އިބްރާހިމް ޠާހާ ވިދާޅުވީ މުވައްޒަފުންގެ ކުރިއެރުމާއި ތަރައްޤީގެ އިތުރުންވެސް އެހެނިހެން ފުރުސަތުތައް މުވައްޒަފުންނަށް ހޯދައިދިނުމަށް ކުންފުނިން އަބަދުވެސް މަސައްކަތް ކުރަމުން އަންނަކަމަށެވެ. އެގޮތުން، މުވައްޒަފުން ޙައްޖަށް ފޮނުވުމުގެ ސްޕޮންސަރޝިޕަކީވެސް މިގޮތުން ފާހަގަކުރެވޭ ކަމެއް ކަމަށް ޠާހާ ވިދާޅުވިއެވެ.

އެމްއޭސީއެލްގެ ޙައްޖު ސްޕޮންސަރޝިޕަކީ ޙައްޖުގެ އަޅުކަން އަދާކުރުމަށް، ކުންފުނީގައި ގިނަދުވަހު މަސައްކަތް ކުރަމުންދާ ހީވާގި މުވައްޒަފުންނަށް އެމީހުންގެ ބުރަ މަސައްކަތުގެ އަގު ވަޒަންކުރުމުގެ ގޮތުން ކޮންމެ އަހަރަކުވެސް ދެވޭ ސްޕޮންސަރޝިޕެއް ކަމަށް އެ ކުންފުނިން ބުނެއެވެ.

މިއަހަރު ޙައްޖު ދަތުރަށް މުވައްޒަފުން ހޮވުމުގައި ކުންފުނިން ބަލާފައިވަނީ ކުންފުންޏަށް އެންމެ ގިނަ ދުވަހު ޚިދުމަތް ކޮށްފައިވާ މުވައްޒަފުންގެ ތެރެއިން، ކުންފުނީގެ އުސޫލުތަކާއި އެއްގޮތައް އެކަށައަޅާފައިވާ ޝަރުތުތައް ހަމަވާ މުވައްޒަފުންނަށް ކަމަށް އެމްއޭސީއެލްއިން ވަނީ ބުނެފައެވެ.