ކުޅިވަރު

މިސްޓަރ މޯލްޑިވްސްގެ ޓައިޓަލް ސްޕޮންސަރަކަށް އަރބަންކޯ


ބޮޑީބިލްޑިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީބީއޭއެމް) އިން ބާއްވަމުން އަންނަ މިސްޓަރ މޯލްޑިވްސްގެ މި އަހަރު ޓައިޓަލް ސްޕޮންސަރަކަށް އަރބަންކޯ ހަމަޖައްސައިފިއެވެ.

މިސްޓަރ މޯލްޑިވްސް 2023 ގެ ޓައިޓަލް ސްޕޮންސަރަކަށް އަރބަންކޯ ހަމަޖެއްސުމަށް އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިއަދު އަރބަންކޯގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. މި އެއްބަސްވުމުގައި އަރބަންކޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަޙްމަދު އަތީފެވެ. އަދި ބީބީއޭއެމުގެ ފަރާތުން ސޮއިކުރެއްވީ އެ އެސޯސިއޭޝަނުގެ ރައީސް އިބްރާހީމް ހަމީދެވެ.

މި އެއްބަސްވުމުގެ ދަށުން މިސްޓަރ މޯލްޑިވްސްގެ ޓައިޓަލް ސްޕޮންސަރަކަށް އަރބަންކޯ ހަމަޖެއްސުމުގެ އިތުރުން މި އަހަރު ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ސައުތު އޭޝިއަން ބޮޑީބިލްޑިން އެންޑް ފިޒީކްސް ސްޕޯޓްސް ޗެމްޕިއަންޝިޕުގެ ސްޕޮންސަރަކަށްވެސް އަރބަންކޯ ވަނީ ހަމަޖައްސާފައެވެ.

އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ވާހަކަފުޅުދައްކަވަމުން އަރބަންކޯގެ މެނޭޖިން ޑިރެކްޓަރ އަޙްމަދު އަތީފް ވިދާޅުވީ އެކި ކުޅިވަރުތަކަށް އަރބަންކޯއިން އެހީތެރިކަން ފޯރުކޮށްދެމުން އަންނަ އުސޫލުން ބޮޑީބިލްޑިން ކުރިއެރުވުމަށްވެސް އެ ކުންފުނިން ބޭނުންވާ ކަމަށެވެ. އަދި ބޮޑީބިލްޑިންނަކީ ވަރަށް އާދައިގެ ގޮތަކަށް ފެށި ނަމަވެސް، އެސޯސިއޭޝަނުގެ މަސައްކަތާއެކު މި ފަހުން ވަރަށް ބޮޑަށް ތަރައްގީވި ކުޅިވަރެއް ކަމަށާއި، އެހެންކަމުން މިފަދަ އެއްބަސްވުމަކާއެކު އެ ކުޅިވަރު އިތުރަށް ކުރިއެވުމަށް މަސައްކަތް ކުރެވުމަކީ ލިބޭ އުފަލެއް ކަމަށްވެސް ވިދާޅުވިއެވެ.

ބީބީއޭއެމުގެ ރައީސް އިބްރާހީމް ހަމީދު ވިދާޅުވީ މިދިޔަ އަހަރުގެ މިސްޓަރ މޯލްޑިވްސްއަށްވެސް އަރބަންކޯގެ ފަރާތުން އެހީތެރިކަން ލިބުނު ކަމަށާއި، އެހެންނަމަވެސް މި އަހަރުގެ ޓައިޓަލްސް ސްޕޮންސަރަކަށް އަރބަންކޯ ހަމަޖެހުމާއެކު، އުފާކުރައްވާ ކަމަށެވެ. އަދި މިހާތަނަށް އަރބަންކޯއިން އެ އެސޯސިއޭޝަނަށް ދެއްވަމުން އަންނަ އެއްބާރުލެއްވުމަށް ޝުކުރުއަދާކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.

އަރބަންކޯއާއެކު އެމްބީބީއޭއިން އެއްބަސްވުމެއްގައި ސޮއިކުރިއިރު، މި އަހަރުގެ މިސްޓަރ މޯލްޑިވްސް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ޖުލައި މަހުގެ ކުރީކޮޅެވެ. އަދި ހަމަ އެ މަހުގެ ތެރޭގައި ސައުތު އޭޝިއަން ބޮޑީބިލްޑިން އެންޑް ފިޒީކްސް ސްޕޯޓްސް ޗެމްޕިއަންޝިޕް ރާއްޖޭގައި ބާއްވާނެއެވެ.