ވިޔަފާރި

އެއްވެސް ފަރާތަކަށް ބަދަލުދޭން ކޮމިޓީން ނިންމާފައެއް ނުވޭ: މިއުވާން


ކުރީ ސަރުކާރުން އެކި ފަރާތްތަކާއެކު ޤާއިމްކޮށްފައިވާ އެއްބަސްވުންތައް އުވާލުމާއި ގުޅިގެން ބަދަލު ދިނުމަށް މި ސަރުކާރުން އެކުލަވާލާފައިވާ ކޮމިޓީން މިހާތަނަށް އެއްވެސް ފަރާތަކަށް ބަދަލު ދީފައިނުވާނޭކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު މިއަދު ވަނީ ބަދަލު ދިނުމުގެ މައްސަލަތަކާއި ގުޅޭގޮތުން ސަރުކާރުން އަމަލުކުރައްވަމުން ގެންދަވާ ގޮތާއި ގުޅޭގޮތުން އުފެދިފައިވާ ސުވާލުތަކަށް ތަފްސީލީ ގޮތެއްގައި ޖަވާބުދެއްވާފައެވެ.

ދައުލަތާއި ދެކޮޅަށް ކޯޓަށް ނުވަތަ އާބިޓްރޭޝަނަށް ހުށަހެޅިފައިވާ މައްސަލަތަކުގެ ތެރެއިން މާލީ ގޮތުން ދައުލަތުން ބޮޑު ބުރައެއް އުފުލަންޖެހުމުގެ ފުރުސަތު އޮތް މައްސަލަތައް ކޯޓުން ބޭރުގައި ހައްލުކުރުމަށް ރައީސުލްޖުމްހޫރިއްޔާއަށް ލަފާ ދިނުމަށް 2019 ވަނަ އަހަރުގެ ޖަނަވަރީ 27 ވަނަ ދުވަހު ސަރުކާރުން ވަނީ ކޮމިޓީއެއް އުފައްދަވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ ސަރުކާރާއި އަމިއްލަ ފަރާތްތަކާއި ދެމެދު ޤާއިމްކޮށްފައިވާ އެއްބަސްވުންތަކުގައި ހުރި މައްސަލަތައް ހައްލުކުރުމަށް އޮންނަ އުސޫލުގެ ދަށުން މައްސަލަ ހުށެހެޅުމަށް އޮތް މުއްދަތު ހަމަވެފައިވާކަމަށެވެ. އަދި މިހާތަނަށް ބަދަލު ހޯދުމަށް 34 މައްސަލައެއް ކޮމިޓީއަށް ހުށަހަޅާފައިވާކަމަށާއި މިހާތަނަށް ހުށަހެޅިފައި ހުރި މައްސަލަތަކުގައި ގިނައީ ނުބެލޭނެ ނުވަތަ ކޯޓުން ބޭރުގައި ނިންމާފައި ހުރި މައްސަލަތައްކަމަށްވެސް މިއުވާން ވިދާޅުވިއެވެ.

މިއުވާން ވިދާޅުވީ ކޮމިޓީއަށް ހުށަހެޅިފައިވާ މައްސަލަތައް އަންނަ އޮގަސްޓްމަހުގެ ނިޔަލަށް ނިންމާނެކަމަށެވެ. އަދި ކޮމިޓީގެ މަސައްކަތްތަކާއި ގުޅޭގޮތުން ތަފްސީލީ ރިޕޯޓެއްވެސް މާލިއްޔަތު ކޮމިޓީއަށް ހުށަހަޅާނެކަމަށްވެސް މިއުވާން ވިދާޅުވިއެވެ.

މިއުވާންގެ ވާހަކަފުޅުގައި މި ކޮމިޓީން ނިންމައިގެން އެއްވެސް ފަރާތަކަށް ބަދަލު ދިނުމަށް ނުވަތަ އެއްވެސް ފައިސާއެއް ދިނުމަށް ނިންމާފައިނުވާކަމަށެވެ.

"މި އުސޫލުގެ ދަށުން އެއްވެސް ބަދަލެއް ނުވަތަ ފައިސާއެއް ދީފައެއް ނުވާނެ. އުސޫލުގެ މަޤްޞަދަކީ ފައިސާ ދިނުމެއް ނޫން. ފައިސާ ދިނުމުގެ ބަދަލުގައި ޤާނޫނު ހުއްދަކުރާ މިންވަރަކަށް ދެެެވެން ހުރި އެހެން އިނާޔަތްތަކާއި ލުއިތައް ދެއްވުމަށް އިސްކަން ދެއްވުމަކީ މަޤްޞަދުކަމަށް އުސޫލުގައިވެސްވޭ. އޮގަސްޓްމަހުގެ ނިޔަލަށް ކޮމިޓީއަށް ލިބިފައިވާ މައްސަލަތަކާއިމެދު ގޮތެއް ނިންމާނެ
އަދި ކޮމިޓީގެ މަސައްކަތް ނިންމުމަށްފަހު އެކަމާއި ގުޅޭ މައުލޫމާތު އާއްމު ކުރާނެކަމަށް ވަނީ ބުނެފައި" މިއުވާން ވިދާޅުވިއެވެ.

ކުރީގެ ސަރުކާރުން ޕްރޮޖެކްޓްތައް ހިންގާފައި ހުރި ގޮތުން އެކި ފަރާތްތަކަށް ދައްކަންޖެހޭ ގިނަ އަދަދެއްގެ ފައިސާ ހުރިކަން ސަރުކާރުން ވަނީ މީގެކުރިން ހާމަކުރައްވާފައެވެ. އަދި ބައެއް ފަރާތްތަކުން ބޭރު ޤައުމުތަކުގެ އާބިޓްރޭޝަންތަކަށްވެސް މައްސަލަތައް ހުށަހަޅާފައިވެއެވެ. މިގޮތުން ކުރީ ސަރުކާރުން އެކި ފަރާތްތަކަށް ބަދަލުގެ ގޮތުގައި 6 ބިލިއަން ރުފިޔާ ދޭންޖެހޭއިރު، މި ސަރުކާރުން ވަނީ އޭގެތެރެއިން ބޮޑެތި މައްސަލަތައް ހައްލުކުރައްވާފައެވެ.