ޚަބަރު

ދަރަވަންދޫ ނަރުދަމާ ނިޒާމްގެ މަސައްކަތް ނާއިބު ރައީސް ބައްލަވާލައްވައިފި


ބ.ދަރަވަންދޫގައި ސަރުކާރުން ކުރިއަށްގެންދާ ނަރުދަމާ ނިޒާމްގެ މަސައްކަތް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ބައްލަވާލައްވައިފިއެވެ.

ނާއިބު ރައީސް ފައިސަލް ނަސީމް ދަރަވަންދޫއަށް ކުރެއްވި މި ދަތުރުފުޅަކީ އެއަތޮޅު ކައުންސިލުން އިންތިޒާމުކޮށްގެން ކުރިއަށްގެންދިޔަ "ބެޓަރ އިން ބާ ފުޓްސަލް ފިއެސްޓާ"ގެ ފައިނަލް މެޗް ޝަރަވްފެރިކޮށްދެއްވުމަށް ކުރެއްވި ދަތުރުފުޅެކެވެ.

ދަރަވަންދޫއަށް ދިމާވެފައި އޮތް އެންމެ ބޮޑު އެއް މައްސަލަކަމަށްވާ ނަރުދަމާގެ މައްސަލައަށް ހައްލުގެނައުމުގެ ގޮތުން ސަރުކާރުން ކުރިއަށް ގެންދަވާ މިމަސައްކަތް ހިނގަމުންދާ ސައިޓަށް ވަޑައިގެން ނައިބު ރައީސް ފައިސަލް ނަސީމްވަނީ މަސައްކަތާ ގުޅޭ މަޢުލޫމާތު ހޯއްދަވާފައެވެ. މިމަސައްކަތާ ގުޅޭ މަޢުލޫމާތު ނައިބު ރައީސަށް އަރުއްވަމުން އެމްޑަބްލިޔުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ ހަސަން ޝާހްވަނީ މި މަސައްކަތް ކުރުމުގައި ދިމާވާ ދަތިތައް ހިއްސާ ކުރައްވާފައެވެ.

ނާއިބު ރައީސް ފައިސަލް ނަސީމްވަނީ ދަރަވަންދޫގައި ހުންނަ އަތޮޅު މަދަރުސާއަށް ޒިޔާރަތްކުރައްވާ އެމަދަރުސާގެ އިސްވެރިނާ ބައްދަލު ކުރައްވާފައެވެ. މިޒިޔާރަތުގައިވެސް އެމަދަރުސަގެ ހާލަތާއި ކިޔަވައިދިނުމަށް ހުރި ދަތިތައް ނައިބު ރައީސްވަނީ އޮޅުންފިލުއްވާފައެވެ. އަދި ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދޭ ކްލާހަށް ވަޑައިގެން އެކުދިންނާ ބައްދަލުކުރައްވައި މިފަދަ ކުދިންނަށް ކިޔަވައި ދިނުމުގައި ދިމާވާމާ ދަތިތަކާ ގުޅޭގޮތުން ޓީޗަރާ ބައްދަލުކުރައްވައި ނައިބު ރައީސް މައުލޫމާތު އޮޅުންފިލުއްވިއެވެ.

ނައިބު ރައީސް ދަރަވަންދޫއަށް ކުރެއްވި ދަތުރުފުޅުގައި އެރަށު ސިއްޙީ މަރުކަޒަށް ޒިޔާރަތްކުރައްވައި އެމަރުކަޒުގައި ހުންނަ އަވަސް ފަރުވާދޭ ޔުނިޓުގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލެއްވިއެވެ. މީގެއިތުރުން ޞިއްހީ މަރުކަޒަށް އެކިއެކި ކަންކަމާ ގުޅޭގޮތުން އެމަނިކުފާނު ވަނީ މަޢުލޫމާތު އޮޅުންފިލުއްވާފައެވެ.

ނައިބު ރައީސްގެ މިދަތުރުފުޅުގައިވަނީ ދަރަވަންދޫގައި ހަދާ ކުޑަކުދިންގެ ޕާކަށް އެމްޑަބްލިއުއެސްސީގެ ސީއެސްއާރުގެ ދަށުން ހަދިޔާ ކުރާ ސާމާނު ހަވާލުކުރުމުގެ ރަސްމިއްޔާތުގައިވެސް ބައިވެރިވެވަޑައިގެންފައެވެ.

ދަރަވަންދޫ ކައުންސިލުން ބުނީ ނާއިބު ރައީސްގެ މިދަތުރުފުޅާ ގުޅިގެން ސަރުކާރުން އެރަށުގައި ކުރިއަށްގެންދާ ނަރުދަމާގެ މަސައްކަތާ އެރަށުގައި ފެށުމަށް ތައްޔާރުވަމުންދާ ބަނދަރުގެ މަސައްކަތްތަކަށް އަވަސްކަމެއް ލިބިގެންދާނެކަމަށެވެ.