ޚަބަރު

ތަރުތީބުކުރެވިފައިވާ އަސްކަރީ ޢަދުލުގެ ނިޒާމެއް ވަނީ ތަޢާރުފްކުރެވިފައި: މާރިޔާ


ވަކި ފަރާތަށް ފެންނަ ގޮތަކީ ޢަދުލުކަމަށް ދެކިގެން އައި ގޮތް ބަދަލުވެ، ރޭވި ތަރުތީބުކުރެވިފައިވާ އަސްކަރީ ޢަދުލުގެ ނިޒާމެއް ޤާއިމުކުރެވިއްޖެ ކަމަށް މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ ވިދާޅުވެއްޖެއެވެ. މިނިސްޓަރ ވިދާޅުވީ، އެމްއެންޑީއެފް އަލުން އެކުލަވާލައްވައި ތަރުތީބުކުރެއްވިއިރު، ކުރިއާ ޚިލާފަށް ސިފައިންގެ ތެރެއިން މައްސަލައެއް ތަޙުޤީޤަށް ރަޖިސްޓަރކުރާ ހިސާބުން ފެށިގެން މައްސަލައިގައި ޝާމިލުވާ ހުރިހާ ފަރާތްތަކަށްވެސް، އުޞޫލާ އެއްގޮތަށް ޤާނޫނީ އެހީތެރިކަން ލިބުމުގެ ފުރުޞަތު މިހާރު ފަހިވެފައިވާކަމަށެވެ.

އެޖުޓަންޓް ޖެނެރަލް ކޯރގެ 3 ވަނަ އަހަރީ ދުވަސް ފާހަގަކުރެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ އަލަށް ގެނެވުނު ބަދަލާއެކު ސިފައިންގެ ތެރެއިން މައްސަލައެއްގެ ތުހުމަތުކުރެވޭ ފަރާތަށް، އޭނާގެ މައްޗަށް ކުރެވެނީ ކޮން ތުހުމަތެއްކަން އަންގައިދެވޭނެ ކަމަށެވެ. އަދި ދިފާޢުގައި ޖަވާބުދާރީވުމުގެ ފުރުޞަތު އޮންނާނެކަމަށާއި، މައްސަލަ ނިމޭގޮތާމެދު ހިތްހަމަނުޖެހޭ ފަރާތްތަކަށް ވެސް ދެމަރުޙަލާއެއްގައި އިސްތިއުނާފްކުރުމުގެ ފުރުޞަތު މިހާރުގެ އަސްކަރީ ޢަދުލުގެ ނިޒާމުގައި ލިބިދޭކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިއާއެކު، މީގެ ކުރިން ވަކި މީހަކަށް ފެންނަ ގޮތަކީ ޢަދުލުކަމަށް އޮތްއޮތުން ނިމުމަކަށް އައިސް، އަސްކަރީ ވަރުގަދަ ޢަދުލުގެ ނިޒާމެއް މިހާރު ޤާއިމުކުރެވިފައިވާ ކަމަށް މިނިސްޓަރ މާރިޔާ ވިދާޅުވިއެވެ. މިނިޒާމުގެ ބޭނުމަކީ ކުރިން އޮތްގޮތަށް ސިފައިންގެ މީހަކާމެދު މައްސަލައެއް ހުށައަޅައި، ފިޔަވަޅުއެޅުން ނޫންކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި އެކަމުގައި ޝާމިލުވާ ސިފައިންގެ މީހާގެ ކުށުގެ ރެކޯޑަށާއި ހުށެއެޅޭ ކުށުގެ ބާވަތަށް ބަލައި ނަސޭޙަތްދީ އެ މައްސަލައެއް އިތުރަށް ކުރިއަށް ނުގެންދިޔުމުގެ ޖާގަވެސް މިނިޒާމުން ލިބިދޭކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިގޮތަށް މިހާތަނަށް 57 މައްސަލައެއްގައި ރެކޯޑަށް ނާރާ ގޮތަށް ނަސޭޙަތްދެއްވައި މައްސަލަ ފައިލް ކުރެވިފައިވާކަން މިނިސްޓަރގެ ވާހަކަފުޅުގައި ބަޔާންކުރެއްވިއެވެ.

މިއިންވެސް ދައްކއިދެނީ ސިފައިންގެ ކުށުގެ ރިކޯޑުތައް އިތުރުކުރުމުގެ ބަދަލުގައި، އިޞްލާޙްވުމާއި، ކަންކަން ކުރުމުގައި ފަރުވާތެރިވެ ހަރުދަނާވުމާއި، އަސްކަރީ އަދަބު އަޚްލާޤްގެ މަތީ ދެމިތިބުމަށް ބާރުއަޅައި އެކަމަށް މިނިޒާމުން މަގުފަހިކޮށްދޭކަން ކަމަށްވެސް މިނިސްޓަރ މާރިޔާ ވިދާޅުވިއެވެ.


އެޖުޓަންޓް ޖެނަރަލް ކޯރގެ 3 ވަނަ އަހަރީ ދުވަސް ފާހަގަ ކުރެއްވުމުގެ ރަސްމިއްޔާތުގައި މިނިސްޓަރ މާރިޔާ ވަނީ : ޔުނިޓް އޮފް އެކްސެލެންސް އެވޯޑް" ހަވާލުކޮށް ދެއްވާފައެވެ.