ކުޅިވަރު

ބެޓަރ އިން ބާ: ފުރަތަމަ މުބާރާތުގެ ފިރިހެން ޗެމްޕިއަންކަން އޭދަފުއްޓަށް


ބ. އަތޮޅު ކައުންސިލުން އިންތިޒާމުކޮށްގެން ދަރަވަންދޫގައި ކުރިއަށްގެންދިޔަ "ބެޓަރ އިން ބާ" ފުޓްސަލް ފިއެސްޓާގެ ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން އޭދަފުށިން ހޯދައިފިއެވެ.

އޭދަފުށި ޗެމްޕިއަންކަން ހޯދީ ރޭ ކުޅުނު ފައިނަލް މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ހިތާދޫއާ 2-2 ގެ ނަތީޖާއަކުން އެއްވަރުވެފައި އޮތުމުން، ޕެނަލްޓީ ޖަހައިގެންނެވެ. ދެ ޓީމްގެ ފަރާތުން މޮޅު ކުޅުމެއް ފެނުނު މި މެޗްގައި އޭދަފުށިން ޖެހި ލަނޑުތައް ކާމިޔާބުކޮށްދިނީ ސާހީ މުސާ އާއި އަލީ ނަސީމެވެ. ހިތާދޫ ޓީމުގެ ދެ ލަނޑުވެސް ޖަހައިދިނީ ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު ހުޒެއިފަތު ރަޝީދެވެ.

މި މުބާރާތުގެ ފިރިހެން ޑިވިޝަނުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަށް ހޮވިފައިވަނީ ހިތާދޫ ޓީމުގެ ހުޒެއިފަތު ރަޝީދާއި، އެ ޓީމުގެ ސާޖިދު ރަޝީދާއި، ދަރަވަންދޫ ޓީމުގެ ހުސެއިން ނާސިފާއި، އޭދަފުށީގެ ގޯލްކީޕަރު އަފްސަލް އިބްރާޙީމުގެ އިތުރުން އެ ޓީމުގެ އުނެއިސް ޒުބައިރެވެ. އަދި މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ހިތާދޫ ޓީމުގެ ހުޒެއިފަތު ރަޝީދެވެ.

މި މުބާރާތުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިއަކަށް ހޮވުނީ ކިހާދޫ ޓީމުގެ އާހިލް އާމިރެވެ. އަދި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިއަކަށް ހޮވުނީ ހަތް ލަނޑު ހިތާދޫ ޓީމަށް ކާމިޔާބުކޮށްދިން ހުޒެއިފަތު ރަޝީދެވެ. މީގެ އިތުރުން މި މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ފެއާޕްލޭ ޓީމަކަށް ހޮވިފައިވަނީ އޭދަފުށި ޓީމެވެ.

ޗެމްޕިއަން ޓީމަށާއި ރަނަރަޕް ޓީމަށް ފައިސާގެ އިނާމާއި މެޑެލް އަދި ޓްރޮފީ ހަވާލުކޮށްދެއްވީ މެޗުގެ ޝަރަފްވެރި މެހެމާން ރައީސުލްޖުމްޙޫރިއްޔާގެ ނައިބު ފައިސަލް ނަސީމެވެ. މި މުބާރާތުގެ ޗެމްޕިއަން ޓީމަށް ފަންސާސް ހާސް ރުފިޔާ ދީފައިވާއިރު، ރަނަރަޕް ޓީމަށް ވަނީ ފަންސަވީސް ހާސް ރުފިޔާގެ ފައިސާގެ އިނާމެއް ދީފައެވެ.

މި މުބާރާތަކީ ބ. އަތޮޅުގައި ފުޓްސަލުގެ ފޯރި އިތުރުކޮށް، ޤައުމީ ފެންވަރުގެ ކުޅުންތެރިން އުފެއްދުމާއި، ކުޅިވަރުގެ ރޫޙު އާލާކޮށް ރަށްރަށުގެ ރައްޔިތުންނާ އޮންނަ ގުޅުން ބަދަހި ކުރުމުގެ ގޮތުން ބޭއްވި މުބާރާތެކެވެ. މީގެ އިތުރުން ބ. އަތޮޅު އިތުރަށް އިސްތިހާރު ކުރުމަކީވެސް މި މުބާރާތް ބޭއްވި ސަބަބެކެވެ. މި މުބާރާތުގައި އެ އަތޮޅުގައި މީހުން ދިރިއުޅޭ 13 ރަށުގެ ތެރެއިން 10 ރަށެއް ވަނީ ވާދަކޮށްފައެވެ.