ޚަބަރު

ދެދުވަހުގެ މަޝްވަރާއިންވެސް ކޮމެޓީތައް އެކުލަވައިލަން އެއްބަސްވުމަކަށް ނާދެވުނު


ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ އެމްޑީޕީގެ 12 މެމްބަރަކު އެޕާޓީން ވަކިވެވަޑައިގަތުމާ ގުޅިގެން މަޖިލީހުގެ މެމްބަރުންގެ ދަފްތަރަށް އައި ބަދަލާއެކު، ކޮމެޓީތަކަށް ބަދަލުގެންނަވަން ދެދުވަހެއްގެމަތިން ކުރެވުނު މަޝްވަރާތަކުން ވެސް އެއްބަސްވުމަކަށް ނާދެވުނެވެ.

ރައްޔިތުންގެ މަޖިލީހުގެ ސުޕަރ މެޖޯރިޓީ އޮތް ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީގެ 12 މެމްބަރަކު އެޕާޓީން ވަކިވެވަޑައިގެންފައިވާކަން އިލެކްޝަންސް ކޮމިޝަނުން މަޖިލީހަށް އަންގަވާފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުން ވަނީ ޢިއުލާން ކުރައްވާފައެވެ.

މި ބަދަލާއެކު މަޖިލީހުގެ ކޮމެޓީތަކުގައި މެމްމަބަރުން ތަމްސީލްކުރައްވާ ގޮތްތަކަށް ވެސް ބަދަލުތަކެއް އަންނާނެއެވެ. އަދި މަޖިލީހުގައި މެމްބަރުން ވާހަކަފުޅު ދައްކަވާ ވަގުތަށް ވެސް ބަދަލުތަކެއް އަންނާއެވެ. މަޖިލީހުގެ ރިޔާސަތުން ވަނީ އެބަދަލުތައް ތަޅުމުގައި އިއުލާން ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

މަޖިލީހުގައި ހިމެނޭ އެމްޑީޕީގެ 12 މެމްބަރުން އެޕާޓީން ވަކިވެވަޑައިގެން މިނިވަން މެމްބަރުންގެ ގޮތުގައި ތަމްސީލް ކުރައްވަން ފެށްޓެވުމުން އެމްޑީޕީގެ ޕީޖީ ގްރޫޕުން ވަނީ ކޮމެޓީތަކަށް އެ ޕާޓީން ހުށަހަޅާ ބަދަލުތައް މަޖިލީހުގެ ރައީސަށް ފޮނުއްވައިފައެވެ. ނަމަވެސް މަޖިލީހުގެ ރައީސް ނިންމެނީ ސިޔާސީ ޕާޓީތަކާއި، މިނިވަން މެމްބަރުންނާ މަޝްވަރާ ކުރައްވައިގެން ކޮމެޓީތަކަށް ބަދަލު ގެންނެވުމަށެވެ.

މިގޮތުން ފާއިތުވި ދެ ދުވަހެއްގައި ވަނީ މިމަޝްވަރާތައް ބާއްވަވާފައެވެ. ނަމަވެސް އެއްބަސްވުމަކަށް ނާދެވި ކޮމެޓީތައް އެކުލެވިފައިވާ ގޮތަށް ވަނީ ބަދަލުނުގެނެވިފައެވެ. މި މަޝްވަރާތަކުގައި ބައިވެރިވެވަޑައިގެންނެވި އެމްޑީޕީގެ ޕީޖީ ގްރޫޕްގެ މެމްބަރަކު ވިދާޅުވީ މިއީ މަޝްވަރާކުރަންޖެހޭ މައްސަލައެއް ނޫންކަމަށެވެ. މަޖިލީހުގެ ޤަވާޢިދުގައި މިކަން ސާފުކޮށް ބަޔާން ކުރައްވާފައިވާއިރު، ޕާޓީތަކުގެ ޢަދަދަށް ބަލައި ޕާޓީތަކުން ކޮމެޓީތަކަށް ގެންނަން ހުށަހަޅާ ބަދަލުތައް ގެނައުމަކީ މަޖިލީހުން ކުރަންޖެހޭ ކަމެއްކަމަށެވެ.

ނަމަވެސް މަޖިލީހުގައި ހިމެނޭ އެމްޑީޕީގެ މެމްބަރުންގެ ތެރެއިން ބައެއް މެމްބަރުންނަކީ ކޮމެޓީތަކުގެ މުޤައްރިރުކަން ވެސް ކުރައްވަމުން ގެންދަވާ މެމްބަރުންނަށް ވުމުން، ކޮމެޓީތަކަށް މިހާރު ހުށަހެޅިފައިވާ ގޮތަކަށް ބަދަލު ގެންނަވަން މަޖިލިސް ރައީސް ބޭނުންފުޅު ނުވާކަމަށް އެމްޑީޕީގެ މަޖިލިސް މެންބަރަކު ވިދާޅުވިއެވެ.

އެމްޑީޕީގެ 12 މެމްބަރަކު ޕާޓީން ވަކިވެވަޑައިގަތުމާއެކު މަޖިލީހުގައި ހިމެނޭ ޕާޓީތަކާއި މިނިވަން މެމްބަރުންގެ ޢަދަދުތަކަށް ވަނީ ބަދަލުތަކެއް އައިސްފައެވެ.

މަޖިލީހުގެ މެންބަރުން ތަމްސީލްވާގޮތް:

* އެމްޑީޕީ 55 މެމްބަރުން
* ޕީޕީއެމް 5 މެމްބަރުން
* ޕީއެންސީ 3 މެމްބަރުން
* އެމްއެންޕީ 3 މެމްބަރުން
* ޖުމްހޫރީ ޕާޓީ 2 މެމްބަރުން
* އެމްޑީއޭ 2 މެމްބަރުން
* މިނިވަން 17 މެމްބަރުން

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ދަފްތަރަށް އައި ބަދަލާއެކު މަޖިލީހުގެ ތަޅުމުގައި މެމްބަރުން ބަހުސްކުރައްވާ ވަގުތުތަކަށްވެސް ވަނީ ބަދަލުތަކެއް އައިސްފައެވެ. އަދި މިހާރު އެމްޑީޕީން ވަކިވި 12 މެމްބަރުން މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން ގެންދަވަނީ މިނިވަން މެމްބަރުންގެ ގޮތުގައެވެ.