ޚަބަރު

"ދަ ޑިމޮކްރެޓްސް" އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދެއްވައިފި


ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު އިސްވެ ހިންގަވާ "ފިކުރެއްގެ ދިރުން" ގައި ޙަރަކާތްތެރިވެވަޑައިގަންނަވާ މެންބަރުން އިސްވެ ތިއްބަވައިގެން "ދަ ޑިމޮކްރެޓްސް"ގެ ނަމުގައި އުފައްދަވަން މަސައްކަތް ކުރައްވާ ޕާޓީ އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދެއްވައިފިއެވެ.

"ދަ ޑިމޮކްރެޓްސް" ގެ ނަމުގައި ސިޔާސީ ޕާޓީއެއްގެ އުފެއްދުމުގެ ހުއްދައަށް އެދިވަޑައިގަތީ އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަތީފެވެ. "ދަ ޑިމިކްރެޓްސް"ގެ ނަމުގައި ސިޔާސީ ޕާޓީ އުފެއްދުމަށް އެދި އިލެކްޝަންސް ކޮމިޝަނަށް ފޯމް ހުށައެޅުއްވީ މިދިޔަ އާދީއްތަ ދުވަހުއެވެ.

ސިޔާސީ ޕާޓީތަކާބެހޭ ޤާނޫނުގައި ބަޔާންކުރާގޮތުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް ހުށަހަޅާތާ 7 ދުވަހުގެ ތެރޭގައި ޕާޓީ އުފެއްދުމުގެ ހުއްދަ ދިނުމާމެދު އިލެކްޝަންސް ކޮމިޝަނުން ގޮތެއް ނިންމަވަން ޖެހެއެވެ.

"ދަ ޑިމޮކްރެޓްސް"ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ ދީފައިވާއިރު، ސިޔާސީ ޕާޓީތަކުގެ ޤާނޫނު ބަޔާންކުރާ ގޮތުން ޕާޓީ ރަޖިސްޓްރީކުރުމަށް 3000 މެންބަރުންގެ ސޮއި ހޯދައި އިލެކްޝަންސް ކޮމިޝަނަށް ހުށައަޅަންޖެހެއެވެ.

އިލެކްޝަންސް ކޮމިޝަންގެ ނައިބް ރައީސް ވިދާޅުވީ މިއަދުން ފެށިގެން ޕާޓީ އުފެއްދުމުގެ މަސައްކަތް ކުރުމުގެ ފުރުޞަތު އޮންނާނެކަމަށެވެ.

ޕާޓީ އުފެއްދުމަށް ފޯމު ހުށަހެޅުމަށްފަހު ޙަސަން ލަޠީފް ވިދާޅުވެފައިވަނީ އިލެކްޝަންސް ކޮމިޝަނުން ހުއްދަ ދެއްވުމާއެކު ޕާޓީ އުފެއްދެވުމުގެ މަސައްކަތް ފަށްޓަވާނެކަމަށެވެ. އަދި ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެޕާޓީގެ ފަރާތުން ވާދަ ކުރައްވާނެ ކެނޑިޑޭޓަކު ކަނޑައަޅުއްވާނެ ކަމަށްވެސް ޙަސަން ލަޠީފް ވިދާޅުވިއެވެ. ނަމަވެސް އެޕާޓީން ނެރޭނެ ކެނޑިޑޭޓެއް އަދި ކަނޑަނާޅުއްވާކަމަށް ޙަސަން ލަޠީފް ވިދާޅުވިއެވެ.

ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި މިހާރުވެސް 11 ސިޔާސީ ޕާޓީއެއް އެބައޮތެވެ. ސިޔާސީ ޕާޓީތަކުގެ ޤާނޫނުގައި ބުނާގޮތުން ކޮންމެ ޕާޓިއެއްގައިވެސް މަދުވެގެން 3000 މީހުން ހަމަވާންޖެހެއެވެ.