ޚަބަރު

ސަޢުދީ ސަރުކާރުން ހުރިހާ ޚަރަދެއް ކުރާގޮތަށް 350އަށްވުރެ ގިނަ ސްކޯލަރޝިޕް ދިވެހިންނަށް


ސަޢުދި ޢަރަބިއްޔާ ސަރުކާރުން ދިވެހި ދަރިވަރުންނަށް 350އަށްވުރެ ގިނަ ސްކޯލަރޝިޕް ދިނުމަށް ނިންމާ، ސްކޯލަރޝިޕަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

ރާއްޖޭގައި ހުންނަ ސަޢުދި ޢަރަބިއްޔާގެ އެމްބަސީން ބުނީ، ދިވެހި ދަރިވަރުންނަށް ޚާއްޞަކޮށްގެން ދިނުމަށް ނިންމާފައިވާ ސްކޯލަރޝިޕްތަަކީ ފުލް ފަންޑެޑް ނުވަތަ ހުރިހާ ޚަރަދެއް އެޤައުމުގެ ސަރުކާރުން ކުރާގޮތަށް ނިންމާފައިވާ ސްކޯލަރޝިޕްތަކެއްކަމަށެވެ. އަދި ސަޢުދި ޢަރަބިއްޔާގެ ކޮންމެ ޔުނިވާސިޓީއަކުން ކިޔެވުމުގެ ފުރުޞަތުވެސް އޮންނާނެކަމަށް ސަޢުދީ އެމްބަސީން ބުންޏެވެ.

ސަޢުދި ޢަރަބިއްޔާ ސަރުކާރުގެ ސްކޯލަރޝިޕަށް ފުރުޞަތު ހުޅުވާލާފައިވާ ދާއިރާތަކުގެ ތެރޭގައި ބިޒްނަސް މެނޭޖްމަންޓް، މީޑިއާ ދާއިރާ، ކޮމްޕިއުޓަރ ސައިންސް، ޤާނޫނީ ދާއިރާ ދަނޑުވެރިކަމުގެ ދާއިރާ، އިކޮނޮމިކްސް އެންޑް ޕޮލިޓިކްސް، އިންޖިނިއަރިން އަދި އިސްލާމިކް ސްޓަޑީޒްއާއި ޢަރަބިބަހާއި އެނޫންވެސް ދާއިރާތަކުގެ ކޯސްތައް ހިމެނެއެވެ.

ބައިނަލްއަޤްވާމީ މަތީ ތަޢުލީމުދޭ މަރުޒަކުތައް ވަޒަންކުރާ ކުންފުންޏެއްކަމަށްވާ "ކިއު އެސް" އިން މިއަހަރު އެކުލަވާލި ދުނިޔޭގެ އެންމެ ފެންވަރު ރަނގަޅު 100 ޔުނވާސިޓީގެ ލިސްޓުގައި ސަޢުދި ޢަރަބިއްޔާގެ 27 ޔުނިވާސިޓީ ހިމެނެއެވެ. މިއީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިންގަމުން އަންނަ 15،700 ޔުނިވާސިޓީއެއް ހިމަގައިގެން ދަރަޖަ ކޮށްފައިވާ ލިސްޓެކެވެ.

ސަޢުދީ ސަރުކާރުން ވަނީ އެޤައުމުގެ ކިންގް ޢަބްދުލްޢަޒީޒް ޔުނިވާސިޓީާއި، ކިންގް ފަހުދު ޔުނިވާސިޓީ އޮފް ޕްޓްރޯލިއަމް އެންޑް މިނެރަލްސް އާއި، ކިންގް ޢަބްދުﷲ ޔުނިވާސިޓީ އޮފް ސައިންސް އެންޑް ޓެކްނޮލޮޖީއާއި، އިމާމް ޢަބްދުއްރަޙްމާން ބިން ފައިޞަލް ޔުނިވާސިޓީ ފަދަ ޔުނިވާސިޓީތަކަކީ ބައިނަލްއަޤްވާމީ މައިދާނުގައި ބޮޑެތި ކުރިއެރުންތަކެއް އަދި ކާމިޔާބީތަކެއް ހޯދަމުން އަންނަ ޔުނިވާސޓީތަކެއްކަމަށެވެ.

ސަޢުދި ޢަރަބިއްޔާ ސަރުކާރުން ހުޅުވާލި މި ސްކޯލަރޝިޕް ފުރުޞަތުތައް އޮންލައިން ޕޯޓަލްމެދުވެރިކޮށް ކުރިމަތިލެވޭނެކަމަށް ސަޢުދީ އެމްބަސީން ބުންޏެވެ.