މޫސުމީ ވިއްސާރަ ލަސްވެ އިންޑިޔާގެ އެކި ކަންކޮޅުތަކުގައި ފިނިހޫނުމިން އިންތިހާއަށް މަތިވެއްޖެއެވެ. ފިނިހޫނުމިން އެންމެ ބޮޑަށް މަތިވެފައިވަނީ އެ ޤައުމުގެ ހުޅަނގުއުތުރާއި އިރުދެކުނުގެ ސަރަޙައްދުތަކަށެވެ. މީގެ ތެރޭގައި ވެރިރަށް ނިއު ދިއްލީ ވެސް ހިމެނެއެވެ.
އާދަޔާ ޚިލާފަށް ހޫނު ގަދަވުމާ ގުޅިގެން އިންޑިޔާގެ މޫސުމާބެހޭ އިދާރާއިން ވަނީ އެ ޤައުމުގެ ދެކުނާއި މެދުތެރޭގެ ބައެއް ސަރަޙައްދުތަކުގައި ހީޓް ވޭވް އެލަރޓެއް އިޢުލާނުކޮށްފައެވެ. އަދި، އުތުރުގެ ސަރަޙައްދުތަކުގައި ވެސް މިހާރު ވަނީ އެލަރޓް އިޢުލާނުކޮށްފައެވެ. ކުރިއަށް އޮތް ދުވަސްތަކުގައި އެ ސަރަޙައްދުތަކުގެ ފިނިހޫނުމިން އިތުރަށް އުފުލޭނެ ކަމުގެ އިންޒާރުދީ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެ އިދާރާއިން ވަނީ އިރުޝާދުދީފައެވެ.
ހުޅަނދުދެކުނު ވިއްސާރަ މޫސުން އިންޑިޔާގައި ޢާންމުކޮށް ފެށެނީ ޖޫން މަހުގެ ކުރިންނެވެ. ނަމަވެސް، މި އަހަރު މޫސުމީ ވިއްސާރަކުރުން ލަސްވެފައިވާ ކަމަށާއި، ޖޫން މަހުގެ ފުރަތަމަ ހަފުތާގައި ވިއްސާރަ މޫސުން ފެށޭނެ ކަމަށް ލަފާ ކުރެވޭ ކަމުގައި ވެސް އެ އިދާރާއިން ބުނެއެވެ. އަދި، މޫސުމީ ވިއްސާރަ ފެށެންދެން ފިނިހޫނުމިން އުފުލެމުންދާނެ ކަމުގައި ވެސް އެ އިދާރާއިން ބުނެއެވެ.
އިންޑިޔާގެ އުތުރުގައިވާ އުއްތަރް ޕްރެދޭޝަށް ބަލައިލާއިރު އެ ސަރަޙައްދުގެ ފިނިހޫނުމިން ވަނީ 45 ޑިގްރީ ސެލްސިއެސްއަށް އުފުލިފައެވެ. އާދަޔާ ޚިލާފަށް ހޫނު ގަދަވުމާ ގުޅިގެން ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވުމުގެ ސަބަބުން އުއްތަރް ޕްރަދޭޝްގެ ބައެއް ސަރަޙައްދުތަކުން ކަރަންޓުގެ ޚިދުމަތް މެދުކެނޑުނެވެ. ބައެއް ސަރަޙައްދުތަކަށް އަލުން އެ ޚިދުމަތް ގުޅައިދެވިފައި ވަނީ 12 ގަޑިއިރު ފަހުންނެވެ.
މި ކަމާ ގުޅިގެން ހިތްހަމަނުޖެހުން ފާޅުކުރުމަށް ގިނަ ޢަދަދެއްގެ ބަޔަކު ވަނީ އުއްތަރް ޕްރެދޭޝްގެ ވެރިރަށް ލަކްނޯގައި ހުންނަ ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދޭ އިދާރާ ކައިރީގައި މުޒާހަރާކޮށްފައެވެ. "ކަރަންޓެއް ނެތް. އޭސީއެއް ނުޖެއްސޭ. ފަންކާއެއް ބޭނުމެއް ނުކުރެވޭ. އާދަޔާ ޚިލާފަށް ހޫނު ގަދަވެ ގިނަ ރައްޔިތުންނަށް ވަނީ ބޮޑެތި ތަކުލީފުތަކެއް ކުރިމަތިވެފައި،" މުޒާހަރާގެ ބައިވެރިއަކު ބުންޏެވެ.
ދުވާލުގެ އިތުރުން ރޭގަނޑުގެ ވަގުތުތަކުގައި ވެސް ފިނިހޫނުމިން ވަރަށް ބޮޑަށް އުފުލެމުންދާ ކަމުގައި އިންޑިޔާގެ މޫސުމާ ބެހޭ އިދާރާއިން ބުންޏެވެ. އަދި، ކަރަންޓުގެ ޚިދުމަތް ބޭނުންކުރާ މިންވަރު ދަނީ އިތުރުވަމުންނެވެ. ހޫނު މޫސުމުގެ އޭޕްރިލް، މޭ އަދި ޖޫން މަހަކީ ޢާންމު ގޮތެއްގައި ވެސް އިންޑިޔާގެ ސަރަޙައްދުތަކަށް އާދަޔާ ޚިލާފަށް ހޫނު ގަދަވާ މަސްތަކެކެވެ.
ފާއިތުވި އަހަރުތަކުގެ ތެރޭގައި ހޫނު މޫސުމުގައި ފިނިހޫނުމިން އާދަޔާ ޚިލާފަށް އިތުރުވެގެން ގޮސްފައިވާ ކަމުގައި މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. ފިނިހޫނުމިން އުފުލި، ބައެއް ސަރަޙައްދުތަކަށް ސާފު ބޯފެނުގެ ދަތިކަމާ ވެސް ކުރިމަތިލާން ޖެހިފައެވެ. އަދި، މި ކަމުގެ އަސަރު 1.4 ބިލިޔަން މީހުންގެ އާބާދީއެއް އޮންނަ އެތަކެއް މިލިޔަން ރައްޔިތުންނަށް ދަނީ ކުރަމުންނެވެ. އިންޑިޔާގައި ފިނިހޫނުމިން އާދަޔާ ޚިލާފަށް އުފުލެމުން ދަނީ މޫސުމީ ބަދަލުތަކުގެ ސަބަބުން ކަމަށް މާހިރުން ބުނެއެވެ. ހުސްވި މޭ މަހު އިންޑިޔާގެ ވިޔަފާރީގެ މަރުކަޒީ ރަށް މުމްބާއީގައި އާދަޔާ ޚިލާފަށް ހޫނު ގަދަވެ، 13 މީހުން ވަނީ މަރުވެފައެވެ.