ޚަބަރު

ބްރިޖު މަސައްކަތުގައި ލަސްކަމެއް އުޅުނަސް، މަސައްކަތް ކުރިއަށްދޭ: އަސްލަމް


ގްރޭޓަރ މާލެ ކަނެކްޓިވިޓީ ބްރިޖްގެ މަސައްކަތް ކަނޑައެޅިފައިވާ ތާރީޚުތަކަށް ކުރިއަށް ނުދިޔަނަމަވެސް މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށް މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ. މިނިސްޓަރ އަސްލަމް މިހެން ވިދާޅުވީ ބްރިޖުގެ މަސައްކަތް މިހާރު ކުރިއަށްދާ ގޮތުގެ ތަފްޞީލް ހޯއްދެވުމަށް މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހީމް ރަޝީދު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

ގްރޭޓަރ މާލެ ކަނެކްޓިވިޓީ ބްރިޖްގެ އަމަލީ މަސައްކަތް ފަށާފައިވަނީ 2022 ވަނަ އަހަރުގެ އޯގަސްޓްމަހުގެ ތެރޭގައެވެ. މި މަޝްރޫޢަކީ މާލެ ސަރަޙައްދުގައި އުމްރާނީ ގޮތުން ކުރިއަށް ގެންދެވޭ އެންމެ ބޮޑު ބިޔަ މަޝްރޫޢެވެ. މިމަޝްރޫގެ ދަށުން 4 ރަށެއް ގުޅުވާލާނެއެވެ. އެއީ މާލެއާއި ވިލިމާލެއާއި ގުޅީފަޅާއި ތިލަފުށްޓެވެ. މިކަމުގެ ޢަމަލީ މަސައްކަތް ކުރިއަށްދާއިރު މިވަގުތުވެސް މާލެއާއި ވިލިމާލެއާއި ގުޅީފަޅުގެ ބްރިޖް ސައިޓްގައި އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

މަޝްރޫޢުގެ މަސައްކަތް ކުރިއަށްދާ ގޮތާ ގުޅޭގޮތުން އިބްރާހީމް ރަޝީދު ކުރެއްވި ސުވާލުގެ ޖަވާބުގައި މިނިސްޓަރ އަސްލަމް ވިދާޅުވީ ބްރިޖުގެ މަސައްކަތް މިހާރުވެސް ކުރިއަށް ދާކަމަށެވެ. ނަމަވެސް ކޮންމެވެސް ވަރެއްގެ ލަސްވުމެއް އުޅޭކަމަށެވެ. މިނިސްޓަރ ވިދާޅުވީ ސަރުކާރުން ބްރިޖުގެ ކޮންޓްރެކްޓުގެ މުއްދަތު އިތުރު ކުރުމުގެ ވިސްނުމެއް ނުގެން ގުޅުއްވާ ކަމަށެވެ.

"ކޮންޓްރެކްޓަރ މަސައްކަތުގެ ޝެޑިއުލްއަށް ބަލާފަ އެބަހުރި ޑިލޭސް. މިހާތަނަށް އަންނަންވާ ހިސާބަކަށް ނޫން ހުރީކީއެއް. އޭގެ ތެރެއިން ކޮންމެވެސް މިންވަރެއް ކެޗަޕް ކުރެވޭނެ މަސައްކަތުގެ. ތަފްސީލްތައް އަޅުގަނޑަށް އެގޭ." މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ބްރިޖުގެ ގިނަ މަސައްކަތްތައް ކުރިއަށްދަނީ ގުޅީފަޅުގައި ކަމަށެވެ. ގުޅީފަޅުގައި މިހާރުވެސް ބްރިޖުގެ ތަނބުތަކާ ގުޅާލައި އެކްސްޓެންޝަންތައް ތައްޔާރުކުރުމުގެ މަސައްކަތް ކުރިއަށް ދާކަމަށެވެ. މި ބްރިޖަކީ ކުރީގައި އެޅި ބްރިޖާ ޚިލާފަށް ޓެމްޕަރަރީ ބްރިޖެއް ނާޅައި މަސައްކަތް ކުރިއަށްދާ ބްރިޖެއް ކަމަށެވެ.

"ބްރިޖުގެ މަސައްކަތް ކުރިއަށް އެބަދޭ. ގުޅިފަޅުގެ ކާސްޓިން ޔާޑުގައި ޓެކްސް އެކްސްޓެންޝަންތައްވެސް އެބަ ހަދަމުން ގެންދޭ. ދެން މިބްރިޖް އަޅަމުން ގެންދާނީކީއެއް ކުރިން އަޅުގަނޑުމެންނަށް ފެނުނު ބްރިޖާއި އެއްގޮތަށް ޓެމްޕަރަރީ ޕްލެޓްފޯމެއް ހަދާފަ ދެން އަސްލު ބްރިޖު އަޅަނީކީ ނޫން. ޖަހަމުންދާ ތަނބުތަކަކީ އަސްލު ހުންނާނެ ތަނބުތައް. އޭގެ ތެރެއިން ދެތަނބު ނޫނިއްޔާ އެއީ ޓެސްޓް ޓްރައިލްއަށް ޖެހި ދެ ތަނބު. ދެން އަސްލު ޖަހަމުން އެދަނީ އަސްލު ޖަހާ ތަނބުތައް." އަސްލަމް ވިދާޅުވިއެވެ.

ތިލަފުށްޓާއި ހަމައަށް ބްރިޖް ގުޅާލުމުގެ މަސައްކަތް 2024 ވަނަ އަހަރުގެ މެދާ ހަމައަށް ނިންމުމަށް ސަރުކާރުން ވަނީ ޢަމާޒު ހިފާފައެވެ. މިމަޝްރޫއުގެ ދަށުން ޤާއިމްކުރާ 3 ބުރިޖާއި، ކޯސްވޭ އަދި މަގުތަކުގެ ނެޓްވޯކުގެ ދިގުމިނުގައި 6.7 ކިލޯމީޓަރު ހުންނާނެއެވެ. މީގެއިތުރަށް ގުޅާލާ، ކޮންމެ ރަށަކަށް އަރާ ފޭބުމަށް އިންޓަރޗޭންޖް ޕޮއިންޓްތަކާއި، ޕާކިން ސަރަހައްދުތައް ވެސް ހުންނާނެއެވެ.

މުޅި މި މަޝްރޫޢަށް 500 މިލިއަން ޑޮލަރު ހޭދަވާނެއެވެ. އެއީ 7 ބިލިއަނަށްވުރެ ގިނަ ރުފިޔާއެވެ. މި މަޝްރޫޢު ކުރިއަށް ގެންދަނީ އިންޑިއާ ސަރުކާރުން ދޭ 100 މިލިއަން ޑޮލަރުގެ ގްރާންޓާއި 400 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުންނެވެ. އަދި ދިވެހި ސަރުކާރުން ވެސް މި މަޝްރޫޢަށް ޚަރަދުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.