ޚަބަރު

މީހަކު މަރާލަން އުޅުނުކަމުގެ ތުހުމަތުގައި ހޯދަމުންދިޔަ މީހާ ފުލުހަށް ހާޒިރުވުމުން ހައްޔަރުކޮށްފި


ތޫނު އެއްޗެއް ބޭނުންކޮށްގެން މީހަކު މަރާލަން އުޅުނުކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ހޯދަން އިޢުލާންކުރެއްވި މީހާ ފުލުހުންގެ އިދާރާއަށް ޙާޟިރުވުމުން އޭނާ ހައްޔަރުކޮށްފިއެވެ.

ގްރޫޕް ހަދައިގެން ތޫނު ހަތިޔާރާއި ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގައި މީހަކު މާރާލަން އުޅުނުކަމުގެ ތުހުމަތުގައި މިމަހުގެ 15 ވަނަ ދުވަހު ހޯދަން އިޢުލާންކުރީ މއ.ނައިޓްވިލާ، ޢުމުރުން 32 އަހަރުގެ އިބްރާހީމް ޢަބްދުﷲ އެވެ.

ފުލުހުން ވިދާޅުވީ މިއަދު އޭނާ ވަނީ އަމިއްލައަށް ފުލުހުންގެ އިދާރާއަށް ޙާޟިރުވެފައި ކަމަށެވެ. އަދި އޭނާ މިހާރު ފުލުހުންގެ ބަންދުގައި ބަހައްޓާފައި ކަމަށް ފުލުހުން ވިދާޅުވިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އިބްރާހީމް ޢަބްދުﷲ ހޯދަމުން ދިޔައީ ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެންބަރު ޙަސަން ޒަރީރަށް ޙަމަލާދިން މައްސަލާގައެވެ. މެންބަރު ޒަރީރަށް ޙަމަލާދިން މައްސަލައާ ގުޅިގެން ކޯޓު ޢަމުރެއްގެ ދަށުން ދިވެހި ދެ ފިރިހެނަކު މިމަހުގެ 11 ވަނަ ދުވަހު ހައްޔަރުކުރައްވައިފައިވެއެވެ. އެ ދެމީހުންގެ ބަންދަށް 15 ދުވަސް ކްރިމިނަލް ކޯޓުން ވަނީ ދެއްވައިފައެވެ.

މެންބަރު ޒަރީރަށް ޙަމަލާދީފައިވަނީ މިދިޔަ އޭޕްރީލް 30 ވަނަ ދުވަހުގެ ރޭ ކެފޭއެއްގެ އިންނަވަނިކޮށެވެ. މެންބަރު ޒަރީރަށް ބަޔަކު ޙަމަލާދީފައިވަނީ ނުރައްކާތެރި ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރާ އެއްޗެއް ބޭނުންކޮށްގެން ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. ނަމަވެސް ޙަމަލާދިނީ ކޮން އެއްޗަކުން ކަމެއް ފުލުހުން ވިދާޅެއް ނުވެއެވެ.

މި ޙަމަލާއާ ގުޅިގެން މެންބަރު ޒަރީރަށް ލިބިވަޑައިގެންނެވި އަނިޔާއަށް އޭޑީކޭ ހޮސްޕިޓަލުން ވަނީ ފަރުވާ ހޯއްދަވާފައެވެ.