ޚަބަރު

ބީއެމްއެލްއިން މާފަރު އަދި މިލަދޫގައި ސެލްފް ސަރވިސް ބޭންކިންގެ ހިދުމަތް ފަށައިފި


ބޭންކް އޮފް މޯލްޑިވްސްއިން މުޅި ރާއްޖެއަށް ބޭންކިންގ ހިދުމަތް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ނ. އަތޮޅުގެ ދެ ރަށެއްގައި ސެލްފް ސަރވިސް ބޭންކިންގ އޭޓީއެމްގެ ހިދުމަތް ފަށައިފިއެވެ.

ބީއެމްއެލްއިން ބުނީ މާފަރު އަދި މިލަދޫގައި ގާއިމްކުރި މި އޭޓީއެމް ސެންޓަރުތައް މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ނެގުމުގެ އިތުރުން ފައިސާ ޖަމާކުރުމާއި، ބިލަށް ފައިސާ ދެއްކުމާއި ޓްރާންސްފަރ ކުރުމުގެ ހިދުމަތް ލިބިގެންދާނެކަމަށެވެ.


މިއަދު ފެށިގެންދިޔަ މި ހިދުމަތާއެކު މިވަގުތު ނ. އަތޮޅު ކެނދިކުޅުދޫގައި ސެލްފް ސަރވިސް ބޭންކިންގ ހިދުމަތް ދެމުންދާއިރު މަނަދޫ، ވެލިދޫ އަދި ހޮޅުދޫގައި ދަނީ ބްރާންޗްެ މެދުވެރިކޮށް ހިދުމަތް ފޯރުކޮށްދެމުންނެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ކާރލް ސްޓުމްކަ ވިދާޅުވީ ބެންކުގެ އަމާޒަކީ ރައްޔިތުންނަށް ފަސޭހަކަމާއެކު ބޭންކިންގ ހިދުމަތް ފޯރުކޮށްދިނުމަށް މިހާރުވެސް ކުރަމުންދާ އިންވެސްޓަމަންޓް މެދުކެނޑުމެއްނެތި ކުރިޔަށްގެންދިޔުންކަމަށެވެ.

"އަޅުގަނޑުމެންގެ ވިއުގަ ފުޅާކުރުމަށް ކުރާ މަސައްކަތާއެކު މި ރަށްތަކުގެ ރައްޔިތުންނާއި، ވިޔަފާރިތަކާއި، އިގްތިޞާދަށް އެހީތެރިވެވޭ ކަމީ އަޅުގަނޑުމެންނަށް ލިބޭ އުފަލެއް." ސްޓުމްކަ ވިދާޅުވިއެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 38 ބްރާންޗް، 87 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 143 އޭޓީއެމް، 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުންގެ ބީއެމްއެލްއިން ފޯރުކޮށްދެއެވެ.