ހއ. ހޯރަފުށީގައި ތަރައްޤީކުރާ އިންޓަރނޭޝަނަލް ސުކޫލަށް ބޭނުންވާ ބައެއް ތަކެތި ޗަމްޕާ ބްރަދާސްގެ ފަރާތުން ހަދިޔާކޮށްފިއެވެ.
ހޯރަފުށީ އިންޓަރނޭޝަނަލް ސްކޫލް އިމާރާތްކޮށްފައިވަނީ އެމްޓީސީސީގެ ސީއެސްއާރުގެ ދަށުންނާއި ކައުންސިލްގެ ބަޖެޓުން 2 މިލިޔަނެއްހާ ރުފިޔާ ޚަރަދުކޮށްގެންނެވެ.
ރާއްޖޭގައި އެކި ވިޔަފާރިތައް ހިންގާ ޗަމްޕާ ބްރާދާސްގެ ފަރާތުން މިއަދު ވަނީ އެ ސްކޫލް ހިންގުމަށް ބޭނުންވާ ބައެއް ތަކެތި އެ ރަށު ކައުންސިލާއި ރަމްޒީކޮށް ހަވާލުކޮށްފައެވެ.
ޗަމްޕާ ބްރާދާސްގެ ފަރާތުން، ޗެއަރމަން މުހައްމަދު މޫސާ ވަނީ 1.1 މިލިއަން ރުފިޔާގެ ތަކެތި އެ ސްކޫލަށް ހަދިޔާކުރެއްވުމަށް ނިންމާވަފާއެވެ. އެ ފައިސާގެ ތެރެއިން އެއް ބައި މާލީ އެހީގެ ގޮތުގައި އަދި އަނެއް ބައި، ތަކެތީގެ ގޮތުގައި ހަދިޔާކުރެއްވުމަށް ވަނީ ނިންމާފައެވެ.
މާލޭގައި ހުންނަ ޗަމްޕާ ސެންޓްރަލްގައި ބޭއްވި ރަސްމިއްޔާތެއްގައި ޗަމްޕާ ބްރާދާސްގެ ފަރާތުން ވަނީ ސްކޫލަށް ހަދިޔާކުރާ ސާމާނު ހޯރަފުށީ ކައުންސިލާއި ހަވާލުކޮށްފައެވެ. ހަދިޔާކުރި ތަކެތީގެ ތެރޭގައި ހިމެނެނީ ސްކޫލަށް ބޭނުންވާ ފަރުނީޗަރާއި އޮފީސް ހިންގުމަށް ބޭނުންވާ ތަކެއްޗާއި ކުޑަކުދިން ކުޅޭނެ ޕްލޭ ގްރައުންޑަކަށް ބޭނުންވާ ސާމާނެެވެ.
މި ތަކެތި ހޯރަފުށީ ކައުންސިލާއި ހަވާލުކޮށްދެއްވީ ޗަމްޕާ ބްރާދާސްގެ ޑިރެކްޓަރުންގެ ތެރޭގައި ހިމެނޭ ސާރާ މުހައްމަދު މޫސާއެވެ. ކައުންސިލްގެ ފަރާތުން މި ތަކެއްޗާއި ހަވާލުވެވަޑައިގަތީ ކައުންސިލްގެ ރައީސް މުހައްމަދު ވަހީދުއެވެ. މި ރަސްމިއްޔާތުގައި ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމްވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މި ރަސްމިއްޔާތުގައި ހޯރަފުށީ ކައުންސިލްގެ ފަރާތުން ވަނީ ޗަމްޕާ މުހައްމަދު މޫސާގެ ފަރާތުން ލިބެމުންދާ އެހީތެރިކަން ފާހަގަކުރައްވާ އޭނާއަށް ހާއްސަ ފިލައެއްވެސް އަރުވާފައެެވެ.
ހޯރަފުށީގައި އިންޓަރނޭޝަނަލް ސުކޫލެއް ތަރައްޤީކުރަނީ ޕްރީ ސުކޫލް މަރުހަލާއިން ފެށިގެން ކީ ސްޓޭޖް ފަހަކާއި ދެމެދު ފެންވަރު ރަނގަޅު ޒަމާނީ ތައުލީމު ހޯރަފުށީގައި ހުރެގެން ލިބުމުގެ ފުރުސަތު ދަރިވަރުންނަށް ހޯދައިދިނުންކަމަށް ހޯރަފުށީގެ ކައުންސިލުން ބުނެއެވެ.
ހޯރަފުށީ ކައުންސިލުން މިހާރު ދަނީ މި ސްކޫލް ހިންގާނެ ފަރާތެއް ކަނޑައެޅުމުގެ މަސައްކަތްކުރަމުންނެވެ. އަދި ކުރިއަށް އޮތް ދިރާސީ އަހަރުގެ ކިޔެވުން ފަށާއިރު މި ސްކޫލްގައި ކިޔަވައިދިނުން ފެށޭތޯ ކައުންސިލުން ދަނީ މަސައްކަތްކުރައްވަމުންނެވެ.