ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު އިސްވެ ހިންގަވާ "ފިކުރެއްގެ ދިރުން"ގައި ހަރަކާތްތެރިވާ މެންބަރުން އިސްވެ ތިއްބަވައިގެން "ދަ ޑިމޮކްރެޓްސް"ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދައަށް ހުށައަޅުއްވައިފިއެވެ.
"ދަ ޑިމޮކްރެޓްސް" ގެ ނަމުގައި ސިޔާސީ ޕާޓީއެއްގެ އުފެއްދުމުގެ ހުއްދައަށް އެދިވަޑައިގަތީ އެމްޑީޕީގެ ކުރީފގެ ޗެއަރޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަތީފެވެ. މިއަދު މެންދުރު އިލެކްޝަންސް ކޮމިޝަނަށް ފޯމު ހުށައެޅުއްވުމުގައި އެމްޑީޕީން ވަކިވެވަޑައިގެންނެވި 12 މެމްބަރުންނާއި، ބައެއް ދާއިރާތަކުގެ ކައުންސިލަރުންނާއި، ބައެއް ސިޓީތަކުގެ މޭޔަރުންވެސް ބައިވެރިވެރިވެވަޑައިގަތެވެ.
އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ފޯމާއި ހަވާލުވެވަޑައިގަތީ އެ ކޮމިޝަންގެ ނައިބް ރައީސް އިސްމާޢީލް ހަބީބެވެ.
ސިޔާސީ ޕާޓީތަކާއި ބެހޭ ޤާނޫނުގައި ބަޔާންކުރާގޮތުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް ހުށަހަޅާތާ 7 ދުވަހުގެ ތެރޭގައި ޕާޓީ އުފެއްދުމުގެ ހުއްދަ ދިނުމާއިމެދު އިލެކްޝަންސް ކޮމިޝަނުން ގޮތެއް ނިންމަވަން ޖެހެއެވެ. އީސީގެ ނައިބު ރައީސް އިސްމާޢީލް ޙަބީބު ވިދާޅުވީ ބުދަ ދުވަހު ބާއްވާ އެ ކޮމިޝަންގެ ޖަލްސާއަށްފަހު މިކަމުގައި ގޮތެއް ނިންމަވާނެކަމަށެވެ.
ޕާޓީ އުފެއްދުމަށް ފޯމު ހުށަހެޅުމަށްފަހު ޙަސަން ލަޠީފް ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުން ހުއްދަ ދެއްވުމާއެކު ޕާޓީ އުފެއްދެވުމުގެ މަސައްކަތް ފަށްޓަވާނެކަމަށެވެ. އަދި ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެޕާޓީގެ ފަރާތުން ވާދަ ކުރައްވާނެ ކެނޑިޑޭޓަކު ކަނޑައަޅުއްވާނެކަމަށްވެސް ޙަސަން ލަޠީފް ވިދާޅުވިއެވެ. ނަމަވެސް އެޕާޓީން ނެރޭނެ ކެނޑިޑޭޓެއް އަދި ކަނޑަނާޅުއްވާކަމަށް ޙަސަން ލަޠީފް ވިދާޅުވިއެވެ.
ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި މިހާރުވެސް 11 ސިޔާސީ ޕާޓީއެއް އެބައޮތެވެ. ސިޔާސީ ޕާޓީތަކުގެ ޤާނޫނުގައި ބުނާގޮތުން ކޮންމެ ޕާޓިއެއްގައިވެސް މަދުވެގެން 3000 މީހުން ހަމަވާންޖެހެއެވެ.