ޚަބަރު

ނަތީޖާ ރަނގަޅުކުރުމަށް އަތޮޅުތަކުގެ ސްކޫލްތަކުން ކުރާ މަސައްކަތްތަކަށް ނައިބު ރައީސްގެ ޝުކުރު


އަތޮޅުތަކުގެ ސްކޫލްތަކުގައި ކިޔަވާ ދަރިވަރުންގެ ނަތީޖާ ރަނގަޅުކުރުމަށް ސްކޫލްތަކުން ކުރައްވާ މަސައްކަތްތައް ފާހަގަކުރައްވާ ނައިބު ރައީސް ފައިސަލް ނަސީމް ޝުކުރު އަދާކުރައްވައިފިއެވެ.

މިއަހަރަކީ މިހާތަނަށް އޯލެވެލް އިމްތިހާނުގައި އެންމެ ގިނަ ދަރިވަރުން، ގަދަ 10ގައި ހިމެނި "މަތީ އަރުތަވެރިންގެ އިނާމު" ހާސިލްކުރި ފަހަރެވެ. މިއަހަރު އިމްތިހާނުގައި ބައިވެރިވި ކުދިންގެ %13 ކުދިން ވަނީ ގަދަ ދިހައެއްގައި ހިމެނިފައެވެ. އެއީ ޖުމްލަ 847 ދަރިވަރުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވަނީ އަތޮޅުތަކުގެ ސްކޫލްތަކުގެ ތެރެއިން "މަތީ އަރުތަވެރިންގެ އިނާމު" ހޯދި ދަރިވަރުންނާއެކު، ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް މާލެ ވަޑައިގެންނެވި ސްކޫލްތަކުގެ އިސްވެރިންނާ ބައްދަލުކުރައްވާފައެވެ. އަދި އަތޮޅުތަކުގެ ސްކޫލްތަކުގެ ދަރިވަރުންގެ ނަތީޖާވެސް އަހަރުން އަހަރަށް ރަނގަޅުވަމުން އަންނަކަން ފާހަގަކުރައްވާ، ދަރިވަރުންގެ ނަތީޖާ ރަނގަޅުުކުރުމަށް ސްކޫލްތަކުން ކުރައްވާ މަސައްކަތް ފާހަގަކުރައްވާ ނައިބު ރައީސްވަނީ އެފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ.

މިދިޔަ އަހަރު 6300 ދަރިވަރުން އޯލެވެލް އިމްތިހާނު ހަދާފައިވެއެވެ. ގަދަ ދިހައެއްގައި ހިމެނުނު 847 ދަރިވަރުންގެ ތެރެއިން 16 ދަރިވަރަކު ވަނީ ދުނިޔޭގެ އެންމެ މޮޅު ނަތީޖާ ހޯދި ދަރިވަރުންގެ ލިސްޓުގައިވެސް ހިމެނިފައެވެ. އަދި 9 ދަރިވަރުން ވަނީ އެކި މާއްދާތަކުން މުޅި ދުނިޔެއިން ފަޚުރުވެރި 1ވަނަ ހޯދާފައެވެ.

އަތޮޅުތަކުގެ ސްކޫލްތަކުގެ ތަޢުލީމީ ފެންވަރު ރަނގަޅުކުރުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން ސްކޫލްތަކަށް ބޭނުންވާ އުމްރާނީ ވަސީލަތްތައް ޤާއިމުކުރެއްވުމާއި، ބޭނުންވާ އެހީތެރިކަން ދެއްވުމާއި، މުދައްރިސުންގެ ފެންވަރު ރަނގަޅުކުރެއްވުމަށް އަންނަނީ ގިނަ މަސައްކަތްކެއް ކުރައްވަމުންނެވެ. އޯލެވެލް އިމްތިހާނުގައި ދަރިވަރުންގެ ނަތީޖާ ރަނގަޅުވެގެން އައުމަކީ، މި މަސައްކަތްތަކުގެ ނަތީޖާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ފާހަގަކުރައްވައެވެ.