ޚަބަރު

ކުށުގެ ވެށްޓާ މީހުން ދުރުކުރުމަށް ސާބިތުކަމާއެކު މަސައްކަތްކުރަންޖެހޭ: ހޯމް މިނިސްޓަރ


ކުށުގެ ވެށްޓަށް ހުށައެޅެމުންދާ މީހުންގެ ޢަދަދު އަދިވެސް އިތުރުވަމުންދާއިރު، އެކަން ބަދަލުކުރުމަށް ސާބިތުކަމާއެކު މަސައްކަތް ކުރަންޖެހޭކަމަށް މިނިސްޓަރ އޮފް ހޯމް އެފެއަރޒް ޢިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

ކަސްޓޯޑިއަލް މެނޭޖްމަންޓް އެންޑް ސެކިއުރިޓީ ޕްރޮގްރާމްގެ 9 ވަނަ ބެޗްގެ އޮފިސަރުން ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އޮފް ހޯމް އެފެއަރޒް ޢިމްރާން ޢަބްދުﷲ ވިދާޅުވީ، ކުށުގެ ވެށީގެ ޙާލަތު ބަދަލު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ. އެހެންނަމަވެސް އަދިވެސް ކުށުގެ ވެށްޓަށް ހުށައެޅޭ މީހުންގެ ޢަދަދު އިތުރުވަމުންދާތީ އެކަން ބަދަލުކުރުމަށް ތެދުވެރިކަމާއި، ސާބިތުކަމާއެކު މަސައްކަތް ކުރަންޖެހޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ދަސްވެނިވި އޮފިސަރުންނާއި މުޚާޠަބުކުރައްވައި މިނިސްޓަރ ޢިމްރާން ވިދާޅުވީ، ކުށުގެ ވެށްޓަށް ހުށައެޅިގެން ޖަލަށް ގެނެވޭ މީހުން ރަނގަޅުގޮތުގައި އަނބުރާ މުޖުތަމަޢަށް ނުކުތުމުގައި އެ އޮފިސަރުންގެ ދައުރު ވަރަށް ބޮޑުކަމަށެވެ. އެހެންކަމުން މިއަދު ޙަވާލުވެގެންދިޔަ ޤައުމީ ބޮޑު ޒިންމާއާ، ހިތްވަރާއެކު ކުރިމަތިލުމަށް މިނިސްޓަރ ވަނީ އޮފިސަރުންނަށް ނަސޭޙަތްތެރިވެވަޑައިގެންފައެވެ.

"ކުށުގެ ވެށްޓަށް ހުށައެޅޭ މީހުންގެ ނިސްބަތް ދުވަހުން ދުވަހަށް ދަނީ އިތުރުވަމުން. މިކަން ހުއްޓުވުމަށް ފާއިތުވެދިޔަ ތަނުގައިވެސް މަސައްކަތްތަކެއް ކުރެވިއްޖެ. އެހެންނަމަވެސް އަދިވެސް މިކަން ބަދަލުކުރުމަށް ސާބިތުކަމާއެކު މަސައްކަތް ކުރަންޖެހޭ" މިނިސްޓަރ ވިދާޅުވިއެވެ.

ހޯމް މިނިސްޓަރ ވިދާޅުވީ، ޖަލުތަކުގެ މައްސަލަ ޙައްލުކުރުމަށް ވޭތުވެދިޔަ 5 އަހަރުގެ ތެރޭގައި ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ. އެގޮތުން އިންސާނީ ވަޞީލަތް ވަރަށް ބޮޑަށް އިތުރުކުރެވިފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ހަމައެއާއެކު ޢުމްރާނީގޮތުން ބޮޑެތި ބަދަލުތަކެއްވެސް ގެނެވިފައިވާކަން މިނިސްޓަރ ކުރެއްވިއެވެ. އެގޮތުން މިވީ 5 އަހަރުގެ ތެރޭގައި 232 ޖާގަ އިތުރުކޮށްފައިވާ ކަމަށާއި، އިތުރު 180 ޖާގަ އިތުރުކުރެއްވުމުގެ މަސައްކަތް މިހާރުވެސް ކުރައްވަމުން ގެންދަވާކަމަށް ހޯމް މިނިސްޓަރ ވިދާޅުވިއެވެ.

މާފުށީގައި ހިންގެވި މި ތަމްރީން ޕްރޮގްރާމްގައި 51 އޮފިސަރުން ވަނީ ތަމްރީންކުރައްވައިފައެވެ. މީގެތެރެއިން 47 ދަރިވަރުން ވަނީ ހައި ޑިސްޓިންކްޝަނާއެކު ފާސްވެފައެވެ.

މި ތަމްރީން ޕްރޮގްރާމްގެ އެންމެ ހަށިހެޔޮ އަންހެން އޮފިސަރަކަށް ހޮވިފައިވަނީ ޕްރިޒަން ޕްރައިވެޓް އަމާނީ އަޙްމަދެވެ. އަދި އެންމެ ހަށިހެޔޮ ފިރިހެން އޮފިސަރަކަށް ހޮވިފައިވަނީ، މުރުތަޟާ، އަދުނާނެވެ. މިފަހަރުގެ ތަމްރީން ޕްރޮގްރާމްގައި ހުރިހާ ގޮތަކުން އެންމެ ރަނގަޅު އޮފިސަރަކަށް ހޮވިފައިވަނީ، އާދަމް މުޒުހިރެވެ.

މިޕްރޮގްރާމްގެ މައިގަނޑު ބޭނުމަކީ ޖަލުތަކުގައި ތިބޭ ގައިދީން އަނބުރާ މުޖުތަމަޢަށް ނުކުންނައިރު، އެމީހުންނަކީ މުޖުތަމަޢު ބަލައިގަންނަ ފަދަ ބަޔަކަށް ހެދުމަށް އެހީތެރިކަމާއި އެއްބާރުލުންދެވޭނެ ފަދަ އޮފިސަރުން ތަމްރީނުކުރެއްވުމެވެ. ޕްރިޒަންސްގެ ބައިޤަރުނުވީ ދިގު ތާރީޚުގައި އޮފިސަރުން ތަމްރީނުކުރެއްވުމަށް ބޮޑެތި ބަދަލުތަކެއް ގެނެވި އޭގެ ފައިދާ ކުރިއަށް އޮތް ތާނގައި ފެންނާކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސުން ވިދާޅުވެއެވެ.