ޚަބަރު

ޗެއަރޕާސަން އިންތިހާބަށްފަހު ޕާޓީގެ ރައީސާއި، ނާއިބު ރައީސް އޮފީހަށްވެސް ވަޑައިނުގަންނަވާ: ވަހީދު


އެމްޑީޕީގެ ޗެއަރޕާސަން ހޮވުމަށް ބޭއްވި އިންތިޙާބަށްފަހު ޕާޓީގެ ރައީސް މުހައްމަދު ނަޝީދާއި، ނައިބް ރައީސް މުހައްމަދު ޝިފާޒު ޕާޓީ އޮފީހަށް އެއްގޮތަކަށްވެސް ވަޑައިނުގަންނަވާކަމަށް އެމްޑީޕީގެ ޗެއަރޕާސަންގެ ނާއިބް އިބްރާހީމް ވަޙީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ޗެއަރޕާސަންގެ ނާއިބު އިބްރާހީމް ވަޙީދު މިހެން ވިދާޅުވީ އެމްޑީޕީގެ ތެރޭގައި އުފެދިފައިވާ އޮތް ހިޔާލު ތަފާތުވުންތައް ބޮޑުވެ، ޕާޓީގެ އިސް މެމްބަރުންތަކެއް ޕާޓީން ވަކިވެވަޑައިގެންފައިވާ ދަނޑިވަޅެއްގައެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށްފަހު އުފެދުނު ޚިޔާލުތަފާތުވުންތަކެއްގައި ޕާޓީން ވަކިވީ ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރައްވާ ބޭފުޅުންތަކެކެވެ. އަދި އެ ބޭފުޅުން އައު ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތް ވަނީ ފަށާފައެވެ.

އެމްޑީޕީން ރިޔާސީ އިންތިޚާބަށް ތައްޔާރުވަމުންދާއިރު، އެމްޑީޕީގެ މިހާރުގެ ޗެއާޕާސަން ފައްޔާޟު އިސްމާއިލާއި، ނައިބު ޗެއަރޕާސަން އިބުރާހިމް ވަހީދު ވަނީ މައްސަލަތައް ހައްލުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ.

ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަރވިއުއެއްގައި އެމްޑީޕީގެ ޗެއަރޕާސަންގެ ނައިބް އިބްރާހިމް ވަހީދު ވިދާޅުވީ އެމްޑީޕީ ތެރޭގައި ޚިޔާލުތަފާތުވެ ޕާޓީގެ އަސާސީ ގަވާއިދާއި ޚިލާފަށް އަމަލު ކުރެއްވީ ޕާޓީގެ އާންމު މެމްބަރުންތަކެއް ނޫންކަމަށާއި އެކަންކުރެއްވީ ޕާޓީގެ އިސް މަޤާމުތަކުގައި ތިއްބެވި ޕާޓީގެ އަސާސީ ގަވާދަށް ފަރިތަ ބޭފުޅުންތަކެއްކަމަށެވެ.

އެމްޑީޕީގެ އަސާސީ ގަވާއިދުގެ 19 ވަނަ މާއްދާގައި ޕާޓީގެ މެމްބަރުކަމުން ވަކިވާނެ ހާލަތް ވަރަށް ސާފުކޮށް ވަނީ ބަޔާންކޮށްފައެވެ. އެގޮތުން ޕާޓީގެ މެމްބަރަކު އެމްޑީޕީ ފިޔަވާ އެހެން ސިޔާސީ ޕާޓީއެއްގައި ބައިވެރިވުން ނުވަތަ އެހެން ސިޔާސީ ޕާޓީއެއްގައި ހަރަކާތްތެރިވެއްޖެނަމަ ޕާޓީން ވަކިވާނެކަމަށް އަސާސީ ގަވާއިދުގައިވެއެވެ.

ވަހީދު ވިދާޅުވީ ޚިޔާލު ތަފާތުވުންތަކާއި، ސަރުކާރަށް ކުރިމަތިކުރި ޕްރެޝަރާއި، ފާޑުކިޔުންތަކާއިއެކުވެސް މަސައްކަތް ކުރެއްވީ އެކީގައި މަސައްކަތް ކުރެވޭނެ ގޮތެއް ހޯއްދެވުމަށް ކަމަށެވެ. އަދި އެކީގައި މަސައްކަތް ކުރުމަށްޓަކައި ދެފަރާތުގެ އިސްބޭފުޅުންނާއިއެކު މުހިންމު މަޝްވަރާތަކެއްވެސް ކުރެވުނުކަމަށް އޭނާ ވިދާޅުވިއެވެ.

މިމަޝްވަރާތަކުގައި ދެ ފަރާތުންވެސް އިސް ބޭފުޅުންތަކެއް ބައިވެރިވެވަޑައިގެންނެވިކަމަށާއި އަދި އެކީގައި ކުރިއަށް ދިއުމަށް ހައްލުތަކެއްވެސް ހޯދުނު ކަމަށް ވަހީދު ވިދާޅުވިއެވެ. ނަމަވެސް ފަހު ވަގުތު އެކަންވެސް ކާމިޔާބު ނުވިކަމަށް ވަހީދު ވިދާޅުވިއެވެ.

"ޚުދު އަޅުގަނޑު ރައީސް ނަޝީދާއި ބައްދަލުކޮށްފަ އެދުނިން ޕާޓީގެ ރައީސޭ މަނިކުފާނަކީ އެހެންވީމަ ޕާޓީގެ އަސާސީ ގަވާއިދުގަ ހަވާލުކުރެވިފަ ހުރި ޒިންމާތައް އަދާކުރެއްވުމުގަ މަސްއޫލުވެގެން ކުރިއަށް ވަޑައިގަންނަވާށޭ. އަޅުގަނޑުމެން މިތިބީ މަނިކުފާނާއި އެއްކޮށް ޕާޓީ ހިންގުމުގައި މަސައްކަތް ކުރާށޭ. ނަމަވެސް އޭގެ ފަހުންވެސް ޕާޓީ އޮފީހަށް ޕާޓީގެ ރައީސެއްވެސް، ނައިބު ރައީސެެއްވެސް ވަޑައެއް ނުގަންނަވާ." އިބްރާހިމް ވަހީދު ވިދާޅުވިއެވެ.

މެމްބަރު އަލީ އާޒިމަށް ފިޔަވަޅު އަޅުއްވާފައިވަނީ ކޮމެޓީގައި މުޤައްރިރު އަދި ޕާޓީގެ ނައިބް ރައީސް މުހައްމަދު ޝިފާޒުގެ ބައިވެރިވެވަޑައިގަތުމެއް ނެތި ކަމަށް ބުނެ ދައްކަވާ ވާހަކަތަކާއި ގުޅިގެން އިބްރާހިމް ވަހީދު ވިދާޅުވީ ޕާޓީގެ ލީޑަރޝިޕް ބަދަލުވިފަހުން ފިޔަވަޅު އަޅާ ކޮމެޓީގެ މުޤައްރިރުކަން ކުރައްވާ ޕާޓީގެ ނައިބް ރައީސް އެއްވެސް ބައްދަލުވުމަކަށް ވަޑައިނުގަންނަވާ ކަމަށެވެ.

ވަހީދު ވިދާޅުވީ ވަކި މީހަކު ވަޑައިނުގަނެގެން ކޮމެޓީތަކުގެ މަސައްކަތްތަކާއި، ހިންގުން ހުއްޓުމަކަށް އައުމަކީ ޕާޓިން ޖާގަ ދޭނެ ކަމެއް ނޫންކަމަށެވެ. އަދި އެމްޑީޕީން މަސައްކަތް ކުރާނީ ޕާޓީގެ އަސާސީ ޤަވާއިދާއި އުސޫލުތައް ނެގެހެއްޓުމަށް ކަމަށާއި، ޕާޓީގެ ލީޑަރޝިޕުން އަބަދުވެސް އިސްކުރާނީ ޤައުމާއި ރައްޔިތުންގެ މަސްލަހަތުކަމަށްވެސް ވަހީދު ވިދާޅުވިއެވެ.

އެމްޑީޕީގެ ތެރޭގައި އުފެދުނު ހިޔާލު ތަފާތުވުންތަކުގެ ތެރެއިން އެ ޕާޓީން ވަކިވި މެމްބަރުންގެ ތެރޭގައި މަޖިލީހުގެ 12 މެމްބަރަކުވެސް ހިމެނިވަޑައިގަންނަވައެެވެ. އޭގެތެރޭގައި މަޖިލީހުގެ ނާއިބު ރައީސް އީވާ އަބްދުﷲވެސް ހިމެނިވަޑައިގެންނަވައެވެ. އެމްޑީޕީގެ ޕީޖީ ގްރޫޕުން މިޙާރު ވަނީ މަޖިލިސް ނާއިބު ރައީސްކަމުގެ މަޤާމުން އީވާ ވަކިކުރެެއްވުމަށް ނިންމާފައެެވެ.