ކުޅިވަރު

ބެޓަރ އިން ބާ: ސެމީ ފައިނަލުގެ ޖާގަތައް ކަށަވަރުވެެއްޖެ


ބ. އަތޮޅު ކައުންސިލުން އިންތިޒާމުކޮށްގެން އެ އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ކުރިއަށްގެންދާ "ބެޓަރ އިން ބާ" ފުޓްސަލް ފިއެސްޓާގެ ސެމީ ފައިނަލަށް ދަތުރުކުރި ޓީމުތައް ކަށަވަރުވެއްޖެއެވެ.

ގްރޫޕް އޭއިން އެއްވަނަ ހޯދީ ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން މޮޅުވެ އެއްމެޗުން އެއްވަރުވެ ލިބުނު ހަތް ޕޮއިންޓާއެކު މުބާރާތް ބާއްވާ ދަރަވަންދޫއެވެ. މި ގްރޫޕުން ދެވަނައަށް ދިޔައީ ދެ މެޗުން އެއްވަރުވެ އެއް މެޗުން މޮޅުވެ ލިބުނު ފަސް ޕޮއިންޓާއެކު ފެހެންދޫއެވެ. އަދި މި ގްރޫޕްގެ ތިންވަނައަށް ކިހާދޫ ދިޔައިރު، އެންމެ ފުލަށް ދިޔައީ ކަމަދޫއެވެ.

ގްރޫޕް ބީން އެއްވަނަ ޓީމުގެ ގޮތުގައި ސެމީއަށް ދަތުރުކުރީ ކުޅުނު ތިން މެޗުން މޮޅުވެ ލިބުނު ނުވަ ޕޮއިންޓާއެކު އޭދަފުއްޓެވެ. ދެވަނަ ޓީމުގެ ގޮތުގައި ސެމީއަށް ދަތުރުކުރީ ހަ ޕޮއިންޓާއެކު ހިތާދޫއެވެ. މި ދެ ޓީމު ސެމީއަށް ދަތުރު ކުރިއިރު، މި ގްރޫޕްގެ ތިންވަނަ ޓީމަކީ މާޅޮހެވެ. ހަތަރުވަނައަށް ދިޔައީ ގޮއިދޫއެވެ.

ފިރިހެން ޑިވިޝަންގެ ސެމީ ފައިނަލުގެ މެޗުތައް އޮންނާނީ އާދީއްތަ ދުވަހުގެ ރޭގަނޑެވެ. ސެމީގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ދަރަވަންދޫ އާއި ހިތާދޫއެވެ. ސެމީގެ ދެވަނަ މެޗުގައި ބައްދަލުކުރާނީ އޭދަފުއްޓާއި ފެހެންދޫއެވެ.

މީގެ އިތުރުން އަންހެން ޑިވިޝަންގެ ގްރޫޕް އޭއިން ސެމީ ފައިނަލުގެ އެއްވަނަ ޖާގަ ހޯދީ ދަރަވަންދޫއެވެ. އެއީ ކުޅުނު ތިން މެޗުން ލިބުނު ނުވަ ޕަޮއިންޓާއެކުގައެވެ. ދެވަނައަށް ދޮންފަނުު އަންހެން ޓީމު ދިޔައީ ކުޅުނު ތިން މެޗުން ލިބުނު ހަ ޕޮއިންޓާއެކުއެވެ. މި ގްރޫގެ ތިންވަނަ ޓީމަކީ ކެންދޫއެވެ. އަދި ހަތަރުވަނައަށް ދިޔައީ ހިތާދޫ ޓީމެވެ.

ގްރޫޕް ބީން އެއްވަނައަށް ދިޔައީ މި މުބާރާތުގައި މޮޅު ކުޅުމެއްދައްކަމުން އަންނަ ގޮއިދޫ ޓީމެވެ. އެ ޓީމު ވަނީ މި މުބާރާތުގައި ކުޅުނު ތިން މެޗުގައި 21 ލަނޑު ޖަހާފައެވެ. ނުވަ ޕޮއިންޓާއެކު ގޮއިދޫ އެއްވަނަ ޓީމުގެ ގޮތުގައި ސެމީއަށް ދަތުރުކުރިއިރު، ދެވަނައަށް މާޅޮސް ދިޔައީ އޭދަފުއްޓާ ޕޮއިންޓުގެ ގޮތުން އެއްވަރުވެ، ލަނޑުގެ ތަފާތުންނެވެ. މިގްރޫޕުގައި ދެން ހިމެނެނީ ކިހާދޫއެވެ.

އަންހެން ޑިވިޝަނުގެ ސެމީ ފައިނަލް މެޗުތަށް ހޮނިހިރު ދުވަހު ކުޅޭއިރު، ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ދަރަވަންދޫ އާއި މާޅޮހެވެ. އަދި ދެވަނަ މެޗުގައި ބައްދަލުކުރާނީ ގޮއިދޫ އާއި ދޮންފަނެވެ.

ދެ ޑިވިޝަނުގެވެސް ޗެމްޕިއަން ޓީމަށް ފަންސާސް ހާސް ރުފިޔާ އަދި ރަނަރަޕް ޓީމަށް ފަންސަވީސް ހާސް ރުފިޔާ ދޭ މިމުބާރާތުގެ ފައިނަލް މެޗުތައް އޮންނާނީ މި މަހުގެ 24 ވަނަ ދުވަހެވެ.