ޚަބަރު

ފިޔަވަޅު އެޅީ މަޝްވަރާކޮށްގެން ޙައްލުހޯދުމަށް ކުރެވުނު މަސައްކަތް ކާމިޔާބުނުވުމުން: ފައްޔާޟު


އެމްޑީޕީގެ ތެރެއިން އެޕާޓީގެ އަސާސީ ޤަވާއިދާއި، އުޞޫލުތަކާ ޚިލާފަށް މަސައްކަތް ކުރެއްވި މެމްބަރުންނާ މެދު ފިޔަވަޅުއެޅީ ވާހަކަދައްކައި، މަޝްވަރާކޮށްގެން ކަންކަން ޙައްލުކުރެއްވުމަށް ކުރެވުނު މަސައްކަތް ނާކާމިޔާބު ނުވުމުންކަމަށް އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޟު އިސްމާޢީލް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ އޮފީހުގައި މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ފައްޔާޟު ވަނީ އެމްޑީޕީގެ އެތެރޭގައި އޮތް ޚިޔާލު ތަޔާތުވުންތަކާއި، ޕާޓީގެ އަސާސްތަކާ ޚިލާފުވެވަޑައިގެންނެވި މެމްބަރުންނާމެދު ފިޔަވަޅު އަޅަންޖެހުނު ސަބަބު ތަފްޞީލް ކޮށްދެއްވައިފައެވެ.

ފައްޔާޟު ވިދާޅުވީ އެމްޑީޕީއަކީ ވަކި މީހަކަށް ބަލައިގެން ހިނގާނެ ޕަޓީއެއް ނޫންކަމަށާއި އެމްޑީޕީއަކީ ވަކި އަސާސްތަކާއި އުޞޫލުތަކެއްގެ މަތިން، ދިވެހި ރާއްޖޭގެ އެތައްހާސް ރައްޔިތުނެއްގެ ޙިއްޞާއާއެކު ހިނގާ ޕާޓީއެއްކަމަށެވެ.

އެމްޑީޕީގެ ތެރޭގައި އުފެދިގެން އައި ޚިޔާލުތަފާވުންތަކުގައި ޕާޓީން ފިޔަވަޅުއަޅާ ހިސާބަށް ދިޔައީ، އުޞޫލުތަކާ ޚިލާފުވެވަޑައިގެންނެވި މެމްބަރުންނަށް އެތައް ފުރުޞަތެއް އެރުވުމަށް ފަހުކަމަށް ފައްޔާޟް ވިދާޅުވިއެވެ.

އެމްޑީޕީއަކީ ވަކި މީހެއްގެ ޕާޓީއެއްގެ ގޮތުގައި މާޒީގައި ދެއްކިނަމަވެސް އެކަން މިއަދު ބަދަލުކުރެވި ޑިމޮކްރަޓިކް އުޞޫލުން ކަންކަން ހިނގާ ޕާޓީއަކަށް އެމްޑީޕީ ބަދަލުކުރެވިފައިވާ ކަމަށް ފައްޔާޟު ވިދާޅުވިއެވެ.

"މިޕާޓީއަކީ ކުރިއަށްދާނީ ވަކި ބޭފުޅެއްގެ މައްޗަކަށްނޫން. މިޕާޓީއަށް ބައިވަރު ވަރުގަދަ ލީޑަރުންނާއި އެކްޓިވިސްޓުންނާއި އައިސްގޮސް، ވެއްޖެ މީގެ ކުރިންވެސް. މިއަދު އަޅުގަނޑުމެންނަށް ޕާޓީގެ ރައީސް، ރައީސް ނަޝީދު އަދި އެމަނިކުފާނުގެ ސަޕޯޓަރުންގެ ގޮތުގައި ތިބި ވަރުގަދަ ބޭފުޅުން މިޕާޓީން ވަކިވެގެން ދިޔާމަ އޭގެ އަސަރެއް ޕާޓީއަށް ކުރާނެ. އަޅުގަނޑުމެން ހިތާމަ ކުރަން. އެހެން ނަމަވެސް ޕާޓީގެ ކުރިއެރުމަށް އޭގައި ގެއްލުމެއް ލިބޭނެ ކަމަކަށް އަޅުގަނޑުމެން ނުދެކެން." ފައްޔާޟު ވިދާޅުވިއެވެ.

ފައްޔާޟު ވިދާޅުވީ އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދަކީ ޕާޓީގެ މެމްބަރުން ވަރަށް އިޙްތިރާމްކުރާ ބޭފުޅެއްކަމަށާއި އެމަނިކުފާނާމެދު ފިޔަވަޅު އެޅުއްވުމަކީ ފަސޭހަކަމެއް ނޫންކަމަށެވެ. އަދ އުންމީދުކުރައްވަނީ ރައީސް ނަޝީދާއެކު މަސައްކަތްކުރެއްވުމަށް ކަމަށާއި، އެ ފުރުޞަތު ފަހިވެއްޖެނަމަ އެކީގައި މަސައްކަތް ކުރެއްވުމަށް ތައްޔާރަށް ހުންނެވިކަމަށް ފައްޔާޟު ވިދާޅުވިއެވެ.

އެމްޑީޕީ ތެރޭގައި އުފެދުނު ޚިޔާލު ތަފާތުވުމަކީ ވެރިކަމުގެ މައްސަލައެއްކަމަށް ފައްޔާޟު ވިދާޅުވިއެވެ. ނަމަވެސް ޕާޓީގެ އާންމު މެމްބަރުންގެ ސާފު އަޣުލަބިއްޔަތުން ވަކި ކެނޑިޑޭޓަކު ދައްކާފައިވަނިކޮށް އެކަން ބަދަލުކުރެވޭނެ ގޮތެއް ނެތްކަމަށްވެސް ފައްޔާޟު ވިދާޅުވިއެވެ.

އެމްޑީޕީން ވަކިވި މަޖިލިސް މެމްބަރުންނަށް އެމްޑީޕީން އިޙްތިރާމްކުރާނެ ކަމަށާއި ނަމަވެސް ސަރުކާރާ ދެކޮޅަށް ހިންގާ އެއްވެސް ޙަރާކާތެއް މަޖިލިސް ތެރެއިން ކާމިޔާބު ނުވާނެކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތްކަމަށް ފައްޔާޟު ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ މަޖިލިސް މެމްބަރުންނަށްވެސް ދަންނަވާނީ މިއޮތްހާ ދުވަހު ލިބެމުންދިޔަ އަނިޔާ ހަމަ ތަހައްމަލު ކޮށްލައިގެން އަދިވެސް ބައްލަވާށޭ. އަޅުގަނޑުމެންނަށް އިތުރަށް މިޕާޓީއަށް ދެވޭނެ ޑެމޭޖެއްނެތް. ރައީސް ނަޝީދަކަށްވެސް އަދި އެހެން ބޭފުޅަކަށްވެސް. ދެވޭނެ ހުރިހާ ޑެމޭޖެއް މިޕާޓީއަށް ދީފި. އޭތި އަޅުގަނޑުމެން ތަހައްމަލު ކޮށްލައިގެން މިތިބީ ތަރީޚީ ގޮތުން މިޕާޓީއާއި މިޤައުމަށް އެބޭފުޅުން ކޮށްދެއްވި ކަންތައްތަކާއި އެކަންކަން ހިތުގެ އަޑިން ގަބޫލު ކުރާތީ." ފައްޔާޟު ވިދާޅުވިއެވެ.

ފައްޔާޟު ވިދާޅުވީ އެމްޑީޕީން ރިޔާސީ އިންތިޚާބަށް ތައްޔާރުވުމުގެ މަސައްކަތް ފެށީވެސް ޕާޓީގައި އޮތް ބައިބައިވުން ރަނގަޅަށް ދެނެގަނެ، އެކަންކަމާއި ކުރިމަތިލާން ޖެހޭނެކަން އެނގި ތިބެގެންކަމަށެވެ. ރިޔާސީ އިންތިޚާބަށް ދާއިރު އެމްޑީޕީން ވަކިވި މެމްބަރުންނަކީ ޕާޓީއަށް އޮތް ގޮންޖެހުމެއް ކަމަށާއި، ނަމަވެސް އިންތިޚާބު އެއްބުރުން ކާމިޔާބުކުރުމުގެ ފުރުޞަތު އޮތީ އެމްޑީޕީއަށް ކަމަށްވސް ފައްޔާޟު ވިދާޅުވިއެވެ.