ޚަބަރު

ހަށިވިއްކުމުގެ ވިޔަފާރި ފުޅާދާއިރާއެއްގައި ކުރާކަމުގެ ތުހުމަތުގައި ބިދޭސީންތަކެއް ހައްޔަރުކުރައްވައިފި


ރާއްޖޭގައި ހަށިވިއްކުމުގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރާކަމުގެ ތުހުމަތުގައި ބިދޭސީންތަކެއް ހައްޔަރުކުރައްވައިފިއެވެ.

މިމީހުން ހައްޔަރުކުރައްވައިފައިވަނީ ފުލުހުންގެ އެންޓި ހިއުމަން ޓްރެފިކިންގ ޑިޕާޓްމަންޓާއި އިންޓެލިޖެންސް އަދި އިމިގްރޭޝަން ގުޅިވަޑައިގެން މާލޭގައި ރޭ ހިންގެވި ޚާއްސަ އޮޕަރޭޝަނެއްގައެވެ.

ފުލުހުން ވިދާޅުވީ މި އޮޕަރޭޝަންގައި މާލޭގެ ހަތަރު ތަނެއް ބަލައި ފާސްކުރައްވއި 13 މީހުން ހައްޔަރުކުރައްވައިފައިވާ ކަމަށެވެ. އެއީ ބަންގްލަދޭޝް 8 ފިރިހެނުންނާއި ބަންގްލަދޭޝް އަންހެނަކާއި، ތައިލެންޑަށް ނިސްބަތްވާ 4 އަންހެނުންނެވެ.

ފުލުުހުން ވިދާޅުވީ މިއޮޕަރޭޝަނަކީ، ރާވައިގެން ހިންގާ ކްރިމިނަލް ނެޓްވޯކަކާ ދެކޮޅަށް ހިންގެވި އޮޕަރޭޝަނެއްކަމަށެވެ.

މިއަހަރުގެ ފެބްރުއަރީ މަހު ހިންގެވި މިފަދަ އޮޕަރޭޝަނެއްގައި ވެސް ފުލުހުންގެ ބެލުމުގެ ދަށަށް 4 މީހުން ގެންދަވައިފައިވެއެވެ. މީގެތެރޭގައި ދިވެއްސަކު ވެސް ހިމެނެއެވެ.

މިދިޔަ އަހަރުވަނީ ހަށިވިއްކުމާއި އިންސާނީ ވަގުފާރީގެ މައްސަލަތަކާ ގުޅިގެން 28 މީހުން ރާއްޖެއަށް ނާދެވޭގޮތަށް އަނބުރާ ގައުމަށް ފޮނުވާލައްވައިފައެވެ.