ކުޅިވަރު

ރާއްޖޭގެ ވޮލީ ޓީމަށް ލީގުގެ ހަތަރުވަނަ


މެލޭޝިއަން އިންވިޓޭޝަނަލް ވޮލީ މުބާރާތުގެ ލީގުގެ ހަތަރުވަނާގައި އޮވެގެން ގައުމީ ފިރިހެން ވޮލީ ޓީމް ލީގު ނިންމާލައިފިއެވެ. މިހާރު މެލޭޝިޔާގައި ކުރިއަށްދާ މެލޭޝިޔަން އިންވިޓޭޝަނަލް ވޮލީ މުބާރާތުގެ ލީގުގެ ފަހު މެޗްގައި ތައިލެންޑްގެ ޓީމާ ވާދަކޮށް ރާއްޖޭގެ ޓީމް ބަލިވެފައިވަނީ ސީދާ ތިން ސެޓުންނެވެ.

 މިމެޗްގެ ސެޓްތަށް ތައިލެންޑް ޓީމް ގެންދިޔައީ 25-19، 25-20، އަދި 25-21 އިންނެވެ. ތައިލެންޓް ޓީމް ވެގެންގޮސްފައިވަނީ މިމުބާރާތުގައި ކުޅުނު ޓީމްތަކުގެ ތެރެއިން އެންމެ ތަފާތު މޮޅު ޓީމަށެވެ. މިމެޗުން ބަލިވުމާގުޅިގެން ރާއްޖޭ ވޮލީ ޓީމް ލީގުގެ ހަތަރުވަނަ ޓީމްގެ ގޮތުގައި ލީގް ނިންމާލާފައިވާއިރު، މާދަމާ ކުޅެވޭ ސެމީ މުބާރަތުގެ ތިންވަނަ ހޮވާ މެޗްގައި ރާއްޖެ ވާދަކުރާނީ މެލޭޝިއާގެ އެއްނަންބަރު ޓީމާއެވެ.

 ލީގު ބުރުގައި މެލޭޝިޔާގެ މީޓީމާ ވާދަކޮށް ރާއްޖެ ބަލިވެފައިވަނީ ފަސް ސެޓަށް ގޮސްގެން، ފަސްވަނަ ސެޓްގައި ދެ ޕޮއިންޓް ތަފާތުންނެވެ. އެއީ ތެރޭ ފަނަރައިންނެވެ. ތިންވަނަ ހޮވާ މެޗް ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާ މާލޭގަޑިން ދިހަގަޑި ބައިގައެވެ.