ޚަބަރު

އަޚްލާޤީ މިންގަނޑާ ޚިލާފުވެވަޑައިގަތުމުން މުޣުނީ މަޤާމުން ވަކިކުރައްވައިފި


ސިޔާސީ މަޤާމުތަކުގައި ތިއްބަވާ ބޭފުޅުން ޢަމަލުކުރައްވަންޖެހޭ އަޚްލާޤީ މިންގަނޑާ ޚިލާފުވެވަޑައިގަތުމުން މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ ޙަސަން މުޣުނީ މަޤާމުން ވަކިކުރައްވައިފިއެވެ.

މުޣުނީ މަޤާމުން ވަކި ކުރައްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ އާއި، ސަރުކާރު ޙިއްޞާވާ ކުންފުތަކުގެ ބައެއް މެނޭޖިންގ ޑިރެކްޓަރުންގެ އިސްތަށިފުޅުގައި ބޮޑެތި ތުހުމަތުތަކެއް އަޅުއްވައި ކުރެއްވި ޓުވީޓަކާ ގުޅިގެންނެވެ. އެ މައްސަލާގައި އޭނާ ރައީސް އޮފީހަށް ޙާޟިރުކުރައްވައި ވަނީ މައްސަލަ ބައްލަވަފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މިޢުވާން މުޙައްމަދު ވިދާޅުވީ، މުޣުނީ މަޤާމުން ވަކި ކުރައްވައިފައިވަނީ ރައީސުލްޖުމްހޫރިއްޔާ ސިޔާސީ މަޤާމުތަކަށް ޢައްޔަންކުރައްވާ ބޭފުޅުންގެ އަޙްލާޤީ މިންގަނޑާ ޚިލާފްވެވަޑައިގަތުމުން ކަމަށެވެ.

މުޣުނީ މީގެ ކުރިން ހުންނެވީ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) ގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުގައެވެ. މުޣުނީ ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރުކަމުން ވަކިކުރެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ އެ މަޤާމަށް ޢައްޔަން ކުރެއްވީ އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ރައީސް އަޙްމަދު ޝަރީފެވެ.