2.7 މިލިޔަން އެމެރިކާ ޑޮލަރު ހިމެނޭ ރިޝްވަތުގެ މައްސަލައެއްގެ ތަހުޤީޤުގެ ދަށުން ޔޫކްރެއިންގެ އުއްތަމަފަނޑިޔާރު ސިއެވޮލޮދް ކްނިޔާޓްޒެވް ހައްޔަރުކޮށްފިއެވެ. ރިޝްވަރު ހިފުމުގެ ތުހުމަތުގައި އޭނާ ހައްޔަރުކޮށްފައި ވަނީ، ކޮރަޕްޝަން ހުއްޓުވަން އެ ޤައުމުގެ ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ދަށުންނެވެ. ވިލާތުގެ އިއްތިހާދު (އީ.ޔޫ)ގެ މެންބަރަކަށްވުމަށް ޔޫކްރެއިނުން މަސައްކަތް ކުރަމުންދާއިރު، ކޮރަޕްޝަން ނައްތައިލަން މަސައްކަތް ކުރުމަކީ އީ.ޔޫއިން ޔޫކްރެއިން ސަރުކާރަށް ހުށަހަޅާފައިވާ މުހިންމު ޝަރުޠެކެވެ.
އީ.ޔޫއާ ގުޅުމަށް އެދިފައިވާ ކެނޑިޑޭޓެއްގެ ހައިސިއްޔަތު އެ އިއްތިހާދުން ޔޫކްރެއިނަށް ދިނުމާ ގުޅިގެން އެ ޤައުމުން ވަނީ ކޮރަޕްޝަނާ ދެކޮޅަށް ގިނަގުނަ މަސައްކަތްތަކެއް ފަށާފައެވެ. މީގެ ތެރޭގައި ކޮރަޕްޝަންގެ މައްސަލަތަކުގައި ތުހުމަތު ކުރެވޭ މީހުން މަގާމުތަކުން ވަކިކުރުން ހިމެނެއެވެ. ޔޫކްރެއިންގެ ސަރުކާރުން ކުރިއަށްގެންދާ 2.7 މިލިޔަން ރުފިޔާގެ ކޮރަޕްޝަނާ ގުޅޭ ތަހުޤީޤުގެ ތެރެއިން ކްނިޔާޓްޒެވް ހައްޔަރުކުރުމާ ގުޅިގެން، އުއްތަމަފަނޑިޔާރުގެ މަގާމުން އޭނާ ދުރުކުރަން ޔޫކްރެއިނުގެ 142 ފަނޑިޔާރުންގެ ތެރެއިން 140 ފަނޑިޔާރުން ވަނީ ތާޢީދުކޮށްފައެވެ.
ރިޝްވަތު ހިފުމުގެ ތުހުމަތުގައި ކްނިޔާޓްޒެވް ހައްޔަރުކޮށްފައިވާ ކަން އިޢުލާނު ކުރައްވާފައި ވަނީ ޔޫކްރެއިނުގެ ޕްރޮސިކިޔުޓަރުގެ އޮފީހުގެ އިސް އޮފިޝަލެއް ކަމުގައިވާ އޮލެގްޒެންޑަރ އޮމެލްޝެންކޯއެވެ. ކްނިޔާޓްޒެވްއާ އެކު އިތުރު މީހަކު ހައްޔަރުކޮށްފައިވާ ކަމުގައި އޭނާ ވަނީ ވިދާޅުވެފައެވެ. ޔޫކްރެއިނުގެ ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރާ އިދާރާ ނޭޝަނަލް އެންޓި-ކޮރަޕްޝަން ބިޔުރޯ (އެން.އޭ.ބީ.ޔޫ) އިން ބުނީ ހައްޔަރުކޮށްފައިވާ ދެވަނަ މީހަކީ ޤާނޫނީ ވަކީލެއް ކަމުގައެވެ. މިއީ، ޔޫކްރެއިންގެ ޝަރުޢީ ދާއިރާގައި ހިންގާކަމަށް ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ އެންމެ ބޮޑު މައްސަލަ ކަމުގައި އެން.އޭ.ބީ.ޔޫގެ އިސްވެރިޔާ ސިމެން ކްރިވޮނޯސް ވިދާޅުވިއެވެ.
ކްނިޔާޓްޒެވްއާއި ސުޕްރީމް ކޯޓުގެ އެހެން ފަނޑިޔާރުންތަކެއް ރިޝްވަތުގެ ގޮތުގައި ގިނަ ޢަދަދެއްގެ ފައިސާ ނަންގަވާފައިވާ ކަމަށް ކްރިވޮނޯސް ތުހުމަތު ކުރައްވައެވެ. އަދި، އެއީ ކުށްކުރާ ގުރޫޕެއްގެ ގޮތުގައި އޭނާ ސިފަ ކުރެއްވިއެވެ. ކްނިޔާޓްޒެވްއާއި ސުޕްރީމް ކޯޓުގެ އެހެން ފަނޑިޔާރުންނަށް ރިޝްވަތު ހުށަހަޅާފައި ވަނީ ޔޫކްރެއިންގެ ބިލިޔަނަރެއް ކަމުގައިވާ ކޮސްޓިޔަންޓީން ޜިވާގޯ ކަމަށް ވެސް އެން.އޭ.ބީ.ޔޫއިން ތުހުމަތު ކުރެއެވެ.
ޜިވާގޯގެ ވިޔަފާރި ކުންފުންޏެއްގެ އެކައުންޓަކުން ޤާނޫނީ ވަކީލުންގެ ޓީމަކަށް 2.7 މިލިޔަން ޑޮލަރު ފޮނުވާފައިވާ ކަމަށާއި، އޭގެ ތެރެއިން 1.8 މިލިޔަން ޑޮލަރު ފޮނުވާފައި ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންތަކަކަށް ކަމުގައި އެ އިދާރާގެ ތަހުޤީޤަށް ވަނީ ހާމަވެފައެވެ. ނަމަވެސް، ޜިވާގޯގެ ޤާނޫނީ ވަކީލުން ވަނީ މި ތުހުމަތުތައް ދޮގުކޮށްފައެވެ. ޜިވާގޯއަކީ ކުރިން ޔޫކްރެއިނުގެ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރު ކަން ވެސް ކޮށްފައިވާ މީހެކެވެ. ފިލައިގެން ގޮސް އޭނާ މިހާރު ދިރިއުޅެނީ ފަރަންސޭސިވިލާތުގައެވެ.